އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ފުރަތަމަ ޑޭޓާ ސެންޓަރު މިއަދު ތައާރަފުކޮށްފި އެވެ.
އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު (އޯއެމްޑީސީ) އަކީ ކުންފުނިތަކުގެ ޑިޖިޓަލް ހިދުމަތް ދިނުމުގައި، އޮޕަރޭޝަން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަރުގަދަ އިންޓަނެޓް ކަނެކްޝަނާއި ސްޓޯރޭޖް އަދި ކުންފުނިތަކުގެ މުހިންމު ޑޭޓާތަކަށް އިތުބާރާ އެކު ރައްކާތެރިކަން ފޯރުކޮށްދެވޭ ބައިނަލްއަގުވާމީ ފެންވަރުގެ ސެންޓަރެކެވެ.
ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ހުޅުމާލޭގައި ގާއިމު ކޮށްފައިވާ ޑޭޓާ ސެންޓަރުގެ އެހީގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ކުންފުނިތަކާއި ސަރުކާރު އަދި ޓޫރިޒަމް ދާއިރާގެ ހިދުމަތްތައް ފުޅާކޮށް ފަސޭހަވާނެ ކަމަށް އުރީދޫން ބުންޏެވެ.
ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ބޮޑެތި ކުންފުނިތަކުގެ އޮޕަރޭޝަނަށް ބޭނުންވާ މިފަދަ ޑޭޓާ ސެންޓަރެއް އަމިއްލަ އަށް ގާއިމްކޮށް، ބެލެހެއްޓުމަކީ ބޮޑެތި ހަރަދުތަކެއް ހިގާނެ ކަމެކެވެ. އެހެންކަމުން ޑޭޓާ ސެންޓަރުތައް ދަނީ ވިޔަފާރިތަކުގެ ޑޭޓާ ސާވާތައް ރައްކާތެރިކަމާއި އިތުބާރާ އެކު ހޮސްޓު ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު ވިކްރަމް ސިންހާ ވިދާޅުވިގޮތުގައި، ރާއްޖޭގައި މުޅިން އަލަށް މި ގާއިމްކުރި ޑޭޓޭ ސެންޓަރުން ބޮޑެތި ފައިދާތަކެއް ކުރާނެ އެވެ. ދުނިޔެ އަށް ހުޅުވައިލެވޭ މިފަދަ ޑޭޓާ ސެންޓަރުތަކުގެ ހިދުމަތް ކުރިމަގުގައި އިތުރަށް ފުޅާވެ، ބޭނުންކުރާ އަދަދުވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޭޓާ ސެންޓަރުތަކުން ދޭ ހިދުމަތްތަކަކީ ވިޔަފާރިތަކާއި ކުންފުނިތަކުގެ ކުރިއެރުމަށް އިންތިހާ އަށް ބޭނުންވެފައިވާ ހިދުމަތެކެވެ. ރާއްޖޭގައި މިފަދަ ސެންޓަރެއް ގާއިމްވުމާ އެކު ރާއްޖޭގެ ވިޔަފާރިތަކުގެ އިތުރުން ސަރަހައްދީ ވިޔަފާރިތަކަށް ވެސް، ވިޔަފާރިތަކުގެ ޑޭޓާ ރާއްޖޭގައި ހޮސްޓްކުރުމުގެ ފުރުސަތު ހުޅުވޭނެ އެވެ.
"މެދުކެނޑުމެއް ނެތް އިންޓަނެޓްގެ ހިދުމަތާ އެކު ރާއްޖެ އިން ބޭރުގެ ސާވާތަކުގައި ހޮސްޓްކުރުމުން ދިމާވާ ދަތިތަކުން އަރައިގަނެވި އެތަކެއް ފުރުސަތުތަކެއް ވިޔަފާރިތަކަށް ހުޅުވިގެންދާނެ. ޓެކްނޮލޮޖީގެ ދާއިރާއިން މިއަދު މި އެޅުނު މުހިންމު ބިންގަލާއެކު، އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖެއަކީ މި ސަރަހައްދުގެ ޓެކްނޮލޮޖީގެ ވަރުގަދަ ހަބަކަށް ވެގެންދިއުން،" އުރީދޫގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
އޯއެމްޑީސީ އަކީ ޓިއާ-3 ސެޓިފިކޭޝަންގެ ސެންޓަރެކެވެ. މިސެންޓަރު ގާއިމްކޮށްފައި ވަނީ 7/24 މަސައްކަތް ކުރާ ހައި ސެކިއުރިޓީ ސިސްޓަމް ހިމެނޭ ގޮތަށެވެ. މިއީ ފިނި ހޫނުމިން ބެލެހެއްޓޭ ސިސްޓަމްތަކާއި ވަރުގަދަ ޕަވާ ބެކަޕަކާއެކު ގާއިމްކޮށްފައިވާ ސެންޓަރެކެވެ. މި އިމާރާތް ހަދާފައިވަނީ ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ބަލާ ރައްކާތެރިވުމަށް އަޅަންޖެހޭ ވަރުގަދަ ފިޔަވަޅުތަކާއެކު އެވެ.
އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގެ ހިދުމަތްތައް
މި ސެންޓަރުން ޑޭޓާ ކޯލޮކޭޝަން، ފުލް ރެކް ނުވަތަ ޝެއާޑް ރެކް ސްޕޭސް އާއި ރޭޓަޑް ޕަވާ އެންޑް ކޫލިން އާއި ރިމޯޓް ހޭންޑްސް ސަޕޯޓް ޑޭޓާ ސެންޓާ މެނޭޖްޑް ހޮސްޓިންގެ ހިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން ޑެޑިކޭޓަޑް ޔުޓިލިޓީ ހޮސްޓިން އާއި ޑިޒާސްޓާ ރިކަވަރީ އެންޑް ބެކަޕް އާއި މެނޭޖްޑް އިންފްރާސްޓްރަކްޗާ މޮނިޓަރިންގެ ހިދުމަތް ވެސް ލިބޭނެ އެވެ.
މި ޑޭޓާ ސެންޓަރު ހަދާފައިވަނީ ކަސްޓަމަރުންނަށް އެންމެ ރައްކާތެރިކަމާ އެކު ޑޭޓާ ސްޓޯ ކުރުމާއި ލިބިގަތުމުގެ ފަސޭހަ މާހައުލަކާ އެކު އެވެ. އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުން ފަދަ ކާރިސާތަކުން ގެއްލުންތައް ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކާ އެކު ޑީސަލް ޕަވާ ޖެނެރޭޓަރުތައް ވެސް ވަނީ މި ސެންޓަރުގައި ބަހައްޓައިފަ އެވެ. ކަރަންޓްގެ ކުއްލި ހާލަތެއް ދިމާވި ކަމުގައި ވިޔަސް ސެންޓަރުގެ ޕަވާ ބެކަޕް މެދުވެރިކޮށް 14 ދުވަހު ހިދުމަތް ފޯރުކޮށްދޭނެ އެވެ.
އުރީދޫން ލޯންޗުކުރި މި ސެންޓަރު ތަޖުރިބާކޮށް ބަލައިލުމަށް ޑެމޯ ރޫމްއެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ.