މިއީ ބްރެޒިލްގެ ހިމާޔަތްކޮށްފައިވާ ކުޑަކުޑަ ރަށެކެވެ. ވަރަށް ސާދާ ދިރިއުޅުމެއްގެ ފެންނަ މި ރަށަކީ އެންމެ 480 މީހުން ދިރިއުޅޭ އިހަ ޑޮ ކާޑޮސޯ އެވެ. މި ރަށް އޮންނަނީ ސައޮ ޕޯލޯގެ ހުޅަނގުދެކުނުން 170 މޭލު ދުރުގަ އެވެ. ރަށުގައި އުޅުމުގެ ހުއްދަ ވެސް އޮންނަނީ އެތަނަށް ނިސްބަތްވާ ރަށްވެހިންނަށެވެ.

ސޯލާ އިން ކަރަންޓް އުފައްދާ ރަށަށް ކަރަންޓް ލިބެނީ ރޭގަނޑު 10:30 އާ ހަމައަށެވެ. އޭގެ ފަހުން ކަރަންޓު ކަނޑާލަ އެވެ. އިންޖީނުލީ އެއްގަމު އުޅަނދެއް ނެތެވެ. ރަށުގެ އިމާރާތްތައް ވެސް ހުންނަނީ ވަރަށް އާދައިގެ ފެންވަރަށެވެ. ދަރިވަރިވަރުން ކިޔަވަން ދަނީ ދޯންޏެއްގައި ކައިރީ އޮންނަ އެހެން ރަށަކަށެވެ.

ރަށަށް މެހުމާނުން ޒިޔާރަތްކުރުމަކީ ވެސް ވަރަށް ދަތި ގޮތަކަށް އޮންނަ ކަމެކެވެ. އެކަމަކު އެ ފުރުސަތު ކޮންމެވެސް ވަރަކަށް އޮވެ އެވެ. މެހުމާނުންނަށް ހިދުމަތްދޭ ބައެއް ތަންތަން ވެސް ރަށުގެ ބައެއް ރައްޔިތުން ގާއިމުކޮށްފައިވެ އެވެ. ރަށުގެ އާމްދަނީގައި އިކޯ-ޓޫރިޒަމް ވެސް ހިއްސާކުރެ އެވެ.

ރަށުގައި ހުރި ގުދުރަތީ ބައެއް ވަސީލަތްތައް ހުރީ ޒިޔާރަތްކުރާ މެހުމާނުންނަށް ދައްކައިލެވޭ ގޮތަށެވެ. އޭގެ ތެރޭގައި ކުޅިއެއްގެ ވަށައިގެން ހަދާފައިވާ ސްޓޭޓް ޕާކް ސްޓޭޓަސް ހިމެނެ އެވެ.

ރަށުގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. އަދި ދަނޑުވެރިކަމަކީ ވެސް ކޮށް އުޅޭ މަސައްކަތެކެވެ. ރަށުގެ ބިމުގެ ބޮޑުމިނަކީ 33،000 އޭކަރެވެ. އޭގެ ތެރޭގައި ޗަސްބިމާއި ބޯގަސްތައް ހިމެނޭ ޖަންގަލި ވެސް ހިމެނެ އެވެ.

ރަށްވެހިންގެ މައިގަނޑު ކާނާ އަކީ މަހާއި ބަތާއި ހިއްތަލަ އާއި ޒުވާރި އާއި ބީންސާއި ދޮންކޭލާއި އުއްދަނޑި ކަހަލަ އެއްޗިއްސެވެ. މި ސިފަތަކާ އެކު ކުރުކޮށް އިހާ ޑޮ ކާޑޮސޯ ސިފަކުރެވެނީ "ޖަޒީރާވަންތަ" ރަށްފުށުގެ ސާދާ ދިރިއުޅުމެއް ފެންނަ ރަށެއްގެ ގޮތުގަ އެވެ. ރަށުން ނުލިބޭ ތަކެތި ރައްޔިތުން ހޯދަނީ ކައިރި އެހެން ހިސާބުތަކުންނެވެ.

މި ރަށަށް ދަތުރުކުރި ޖަރުމަންގެ ފޮޓޯގްރާފަރެއް ކަމަށްވާ ރާފް ހެންޒީ ބުނިގޮތުގައި އިހާ ޑޮ ކާޑޮސޯ އަކީ ހިމޭން ދިރިއުޅުމަކަށް މަގުފަހިކޮށްދޭ، ހިތްގައިމު ރަށެއް ކަށެވެ. އޭނާ ބުނިގޮތުގަިއ އެ ރަށުން އޭނާ އަށް މުޅިން ވެސް ފެނުނީ އުފާވެރިކަމާއި އެއްބައިވަންތަކަމާއި ސާދާކަމެވެ.

"އެތަނުން އަހަންނަށް މާއްދީއްޔަތަށް ލޯބިކުރާ ބަޔަކު ނުދެކެން. ވަރަށް ވެސް އާދައިގެ ހިތްފަސޭހަ އަދި އުފާވެރި ދިރިއުޅުމެއް އުޅޭ ބަޔަކު ފެންނަނީ،" ރަށް ސިފަކުރަމުން ރާފް ބުންޏެވެ. "އެ މީހުންގެ ހުރިހާ ވެސް އެއްޗަކީ އެ މީހުންގެ ހިތްގައިމު ވެށްޓާއި އެތަނުން ލިބެން ހުރި ވަސީލަތްތައް."