ދިވެއްސަކަށް ވީތީ އެއްވެސް ވަރަކަށް ލަދުގަނޭ ހެއްޔެވެ؟ ދެރަވޭ ހެއްޔެވެ؟ މިއީ ދާދި ފަހުން ޖެހި ފޭސްބުކް ޕޯސްޓަކާ އެކު 22 އަހަރުގެ ޒުވާނަކު އަލިއަޅުވާލި މައުލޫއުއެކެވެ. އޭނާގެ އެ ވާހަކަ ޝައުގުވެރި އެވެ. އޭނާ އެ ވާހަކަ ދައްކަން ޖެހުނު ސަބަބު، ގަބޫލުކުރަން ދަތިވާހާ، ބޮޑެވެ.
އާދައިގެ މަތިން އެ ދުވަހު ވެސް އަހުމަދު ރާޖިހު މުހައްމަދު އުޅުނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އޭނާ ވަޒީފާ އަދާކުރާ ރެސްޓޯރެންޓުގައި އަވަދިނެތި އެވެ. ފަހަރަކު ކަސްޓަމަރަކަށް ޚިދުމަތް ދެމުން ގޮސް އެ ފަހަރު ދިމާވި އުމުރުން ދުވަސްވީ ދިވެހި ދެމަފިރިން ބޭނުންވީ ދިވެހި ކާއެއްޗެކެވެ. އެކަމަކު އެ ތަނުން ލިބެން ހުރި ހަމައެކަނި ދިވެހި ޑިޝް އެ ވަގުތު ހުރީ ހުސްވެފަ އެވެ. އެހެންވެ، ދެ ކަސްޓަމަރުން ދެރަވެލާފައި، "ގަރުދިޔަ ކަހަލަ އެއްޗެއް ނެތް ދޯ؟"އޭ ބުނެލި އިރު އެ މީހުންގެ ފަހަތުގައި ޒުވާން ދެ އަންހެނަކު ތިއްބެވެ.
"އެ ދެ އަންހެންކުދިން އެ މީހުންނަށް ކުރީ މަލާމާތް،" 600 އަށް ވުރެ ގިނަ ރިއެކްޝަން ލިބި 300 އަށް ވުރެ ގިނަ ފަހަރު ޝެއާކޮށްފައިވާ ފޭސްބުކް ޕޯސްޓް ލިޔަން ޖެހުނު ސަބަބު ކިޔައިދެމުން ރާޖިހު ބުންޏެވެ.
"އޯޑަރު ދެމުން އަހަރެން ގާތު ޖެއްސުމަށް އަހަނީ 'ގަރުދިޔަ އެބަ ހުރި'ހޭ، 'ރިހާކުރު އެބަ ހުރި'ހޭ. ދެން ބުނަނީ 'ދެން ވަރަށް އާރްޓީ މޯޑިސް ދޯ'އޭ."
"އާރްޓީ" އަކީ "ރާއްޖެތެރެ" ކުރުކޮށްލަން މިހާރަކަށް އައިސް ކިޔާ އެއްޗެއް ކަމަށްވެ އެވެ. ރާޖިހު ބުނީ، މާލެ ނޫން ރަށްރަށުގެ މީހުން "ދަށްކޮށްލަން" ކުރިންސުރެ ބޭނުންކުރަމުން އައި އެ ލަފްޒު "ޒަމާނީ" ކޮށްލައިގެން އެ ދެ ޒުވާނުން ވެސް ބޭނުންކުރީ ކަމަށެވެ. "މޯޑިސް"އަކީ، ރާއްޖޭގައި ހިނގާ ފީކަޅާ ކަންކަމާ ގުޅުވައިގެން، "މޯލްޑިވްސް"ގެ ބަދަލުގައި ފަހަކަށް އައިސް ކިޔައި އުޅޭ އެއްޗެކެވެ.
"ވަރަށް ބޭނުންވި، (ރައްދުގައި) އެއްޗެކޭ ބުނަން. އެކަމަކު ކަސްޓަމާ ސާވިސް ދާއިރާ ވީމާ ނުބުނެވުނީ،" ރާޖިހު ބުންޏެވެ.
އޭނާ ހިތަށް އެރިހާ އެއްޗެއް ބަންޑުންކޮށްލީ ސޯޝަލް މީޑިއާގަ އެވެ. ލިޔުނު ދިގު ފޭސްބުކް ޕޯސްޓުގައި ރާޖިހު ފާހަގަކުރި ގޮތުގައި ގަރުދިޔައަކީ ސިއްހަތަށް ފައިދާ ހުރި ކާނާއެއްގެ އިތުރުން ދިވެހިން ޒަމާނުއްސުރެ ބަނޑުފުރާނަ މުއްތިކުރަން ބޭނުންކުރި އެއް ބާވަތެވެ.
"މައްސަލައަކީ ކަނޑު މަހެއް ނޫން. މައްސަލައަކީ މިހާރުގެ ދިވެހިންގެ ވިސްނުން. ތިމަންނަމެން ނިސްބަތްވާން ޖެހޭނީ މި އަށް ވުރެ 'ރަނގަޅު' ތަނަކަށޭ ހީކުރުން،" އޭނާ ލިޔުނެވެ.
ރާޖިހު ބުނީ އެހެން މީހުން މިލިއަނުން ހޭދަކޮށްގެން ޒިޔާރަތްކުރާ މި ރީތި ގައުމުގައި ދިރިއުޅެމުން މި ތަނަށް ފާޑުކިޔަނީ "ތިމަންނަ އުފަންވީ މި ތަނުގައި ނެތް، މާ މަތީ ހައިސިއްޔަތަކަށް" ކަމަށް ހީކޮށް ކަމަށެވެ.
"ސްނޯކްލިން އާއި މަސް ބޭނުން ކަހަލަ ކަންކަމުން އުފާ ނުހޯދުމަކީ ކަލޭމެންގެ އަމިއްލަ މައްސަލައެއް،" އޭނާ ލިޔުނެވެ.
"... ކަންނެތްވެގެން ނޯވެ ސޯފާ އިން ތެދުވެގެން މޫދަށް ދާންވީނު؟ އިރުއޮއްސޭ ވަގުތު ގޮނޑުދޮށުގައި ކަކުނި ދުވެފައި ދާ މަންޒަރު ދުށިންތަ؟ ދުވަހުގެ އެ ވަގުތު ކަނޑުމަތިން ދަޅައަޅާ ރަން ކުލަ ފެނުނުތަ؟ ނުވަތަ، އަވިދޭ ދުވަހެއްގައި މޫދުގައި ހުރެ މަޖާ ކާލިންތަ؟"
ރާޖިހުގެ ޕޯސްޓުގައި ވަނީ ހުޅުމާލޭގައި މޫދަށް އެރި އުޅެނިކޮށް ފެނުނު މުރަކައެއްގެ ފޮޓޯ ހިމަނާފަ އެވެ.
"މި ހިތްގައިމުކަން ދެކެން އެންމެ ލާރިއެއް ވެސް ހޭދަކުރާކަށް ނުޖެހޭ،" އޭނާ ލިޔުނެވެ.
(ފޮޓޯގައި އޭނާ މުރަކައިގައި އަތްލާ ތަން ފެންނާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ޖަވާބުގައި ރާޖިހު ބުނެފައި ވަނީ އެ ބާވަތުގެ މުރަކައިގައި އަތްލައިގެން ގެއްލުން ލިބޭނެ ކަން ކުރިން އެނގިފައި ނުވާ ކަމަށާއި އެކަމާ ދެރަވެ ހިތާމަކުރާ ކަމަށެވެ. އަދި މައާފަށް އެދެމުން އޭނާ ވަނީ، ދެން އެކަހަލަ ކަމެއް ތަކުރާރު ނުކުރަން ވައުދުވެފަ އެވެ.)
ރާޖިހު ބުނީ، މާލެ އަށް އުފަން، މާލޭގައި ބޮޑުވި މާލޭގެ ރައްވެއްސަކަށް ވިޔަސް، އޭނާ ވާނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށް މި އުފާތައް ލިބިގެންފައި ކަމަށެވެ. އެހެންވެ، "ރާއްޖެތެރޭ" މީހުންނޭ ކިޔައި، އެ ރަށްރަށުގެ މީހުންނަށް މަލާމާތްކުރުމަކީ އޭނާ އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫނެވެ.
"ތި ކިޔާ އާރްޓީ މީހުންނަކީ ކިހާ ހިތްހެޔޮ ބައެއްކަން އެނގޭތަ؟ ކޮންމެ ދީނެއްގެ ކޮންމެ ކުލައެއްގެ މީހަކަށް ވިޔަސް އެ މީހުން އެހެން މީހުންނަށް އެ ކުރާ އިހުތިރާމް އެނގޭތަ؟" ރާޖިހު ސުވާލުކުރި އެވެ.
އޭނާ ބުނަނީ މައްސަލައަކީ ދިވެހިރާއްޖެ ނޫން ކަމަށާއި މައްސަލައަކީ މި ތަނުގައި އޮތް "ނިޒާމު" ކަމަށެވެ.
ރާޖިހުގެ މެސެޖަކީ މި އެވެ؛ ފާޑުކިޔަންވީ "ރާއްޖެތެރޭ" މީހުންނަށާއި ގަރުދިޔައަކަށް ނޫނެވެ. ގައުމު ދެކެ ނަފްރަތު ނުކުރާށެވެ. ގައުމުގައި ހިނގާ ނުރަނގަޅު ކަންކަން ރަނގަޅުކުރަން އުޅޭށެވެ.