ސައިރިކްސް ކޮލެޖުން ސ. ހުޅުދޫގެ 60 އަށް ވުރެ ގިނަ އާއިލާތަކަށް އިއްޔެ ކޮމްޕިއުޓަރު ހަދިޔާކޮށްފި އެވެ.
އެ ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ 68 ކޮމްޕިއުޓަރު ހަވާލުކުރީ އެކަމަށް އެންމެ ބޮޑަށް ބޭނުންވާ އާއިލާތައް ބެލުމަށް ފަހު ކަމަށެވެ. އާއިލާތައް ކަނޑައެޅީ އެ ރަށު ޖަމިއްޔާތަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޮޑަށް ބޭނުންވެފައި ތިބި އާއިލާތައް، މިސާލަކަށް އެކަނިވެރި މައިން ތިބި އާއިލާ އާއި ގިނަ ކުދިން ތިބި އާއިލާތަކަށް މައިގަނޑު ގޮތެއްގައި އެ ހަދިޔާކޮށްފައިވާނީ،" ހުޅުދުއަށް އުފަން ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމްޕިއުޓަރު ބޭނުންކުރަން ދަސްކޮށްދޭން ނޮވެމްބަރު ހިސާބުގައި ޕްރޮގްރާމެއް ވެސް ހިންގާނެ ކަމަށެވެ. އެއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ޕްރޮގްރާމަކަށް ވެސް ވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ 30 ވަރަކަށް އަހަރު ކުރިން އޭނާ މާލެ ބަދަލުވިއިރަށް ވުރެ ރަށުގެ ހާލަތު މިހާރު ގޯހެވެ. އެހެންވެ ބޭނުންވަނީ އެކަން ހައްލުކުރަން ކަމަށް ވިދާޅުވި އެވެ. އެގޮތުން ރަށުގެ ޕާކުތަކަށް ސާމާނު ހަދިޔާކުރައްވަން ވަނީ ނިންމަވައިފަ އެވެ.
ހުޅުދޫގައި ޑިނގާ އާލާކުރަން ފާމެއް ހިންގުމާ ބެހޭ ދިރާސާކުރާނެ ބަޔަކު ވެސް ސައިރިކްސް ކޮލެޖުން ވަނީ ހޯދައިފަ އެވެ. އެކަމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.