ސްރީ ލަންކާގައި ކްރިޕްޓޯކަރަންސީ އާއި ވާޗުއަލް އެސެޓްތަކުގެ ވިޔަފާރި ގާނޫނީ އިމުގެ ތެރެއިން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް، އެ ގައުމުގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އަކީ ރަސްމީ ރެގިއުލޭޓަރީ އިދާރާގެ ގޮތުގައި ހަމަޖައްސަން ސްރީ ލަންކާގެ ކެބިނެޓުން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައިވަނީ ޑިޖިޓަލް އިކޮނޮމީ މިނިސްޓަރުގެ ހައިސިއްޔަތުން އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ކެބިނެޓުން ދިން ހުއްދައާ ގުޅިގެންނެވެ. މި ފިޔަވަޅަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިސާ ހަރަދުކުރުން ހުއްޓުވުމަށް އެކުލަވާލާފައިވާ ގައުމީ ކޯޑިނޭޓިން ކޮމިޓީގެ ސަބް-ކޮމިޓީއަކުން ދިން އިރުޝާދުތަކުގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށް ވަނީ ބުނެފަ އެވެ.
މީގެ ކުރިން ސްރީ ލަންކާގެ އަމިއްލަ އިންވެސްޓަރުންނާއި ވިޔަފާރިވެރިން ކްރިޕްޓޯ ވިޔަފާރިކުރުމުގައި ބޭނުންކުރަމުންދިޔައީ ގައުމުން ބޭރުގެ (އޮފްޝޯ) ޕްލެޓްފޯމްތަކާއި ޕިއާ-ޓު-ޕިއާ (P2P) ވަސީލަތްތަކެވެ.
ކެބިނެޓްގެ ތަރުޖަމާނު ނަލިންދަ ޖަޔަތިއްސާ ވިދާޅުވި ގޮތުގައި، މިފަދަ ޕްލެޓްފޯމްތައް ގައުމީ ރެގިއުލޭޓަރީ އިމުގެ ބޭރުން ހިންގަމުންދިއުމުގެ ސަބަބުން، ވާޗުއަލް އެސެޓް ސާވިސް ޕްރޮވައިޑަރުން އަމަލުކުރަންޖެހޭ އަސާސީ ގަވާއިދުތަކަށް އަމަލުނުކުރުމާއި، ރަޖިސްޓްރީނުކޮށް ހިންގުން ފަދަ މައްސަލަތައް ކުރިމަތިވަމުންދިޔަ އެވެ.
އަލަށް ގެންނަ ބަދަލާ އެކު، ސްރީ ލަންކާގެ ސެންޓްރަލް ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އާއި އިންލޭންޑް ރެވެނިއު ޑިޕާޓްމަންޓާ ގުޅިގެން، ކްރިޕްޓޯ ޕްލެޓްފޯމްތަކުން މަނީ ލޯންޑަރިންއާ ދެކޮޅު ގަވާއިދުތަކަށް އަމަލުކުރުމާއި، މުއާމަލާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، ރަސްމީކޮށް ރަޖިސްޓްރީވުން އެސްއީސީން ލާޒިމުކުރާނެ އެވެ.
މި ނިންމުމުގެ މައިގަނޑު މަގުސަދަކީ މާލީ ކުށްތަކުން ގައުމު ރައްކާތެރިކޮށް، ބައިނަލްއަގުވާމީ މާލީ މިންގަނޑުތަކަށް ސްރީ ލަންކާއިން ފުރިހަމައަށް އަމަލުކުރުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.