ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ)ތަކެއް ރާއްޖެއިން ބޭރުގެ ކުންފުނިތަކަކަށް ފޮނުވައިގެން ގިނަ އަދަދެއްގެ މުދާ ހޯދި މައްސަލާގައި 109 އަހަރަށް ޖަލަށްލާފައިވާ ހުސައިން ޝިފާއުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި 2023 ވަނަ އަހަރު ހައްޔަރުކުރި ޝިފާއުގެ މައްޗަށް ދައުލަތުން ކުރި 23 ދައުވާ ސާބިތުވި އެވެ. އެގޮތުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ ހަތް ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެ، ޖުމްލަ 109 އަހަރުގެ ޖަލު ހުކުމަކާއެކު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އޮތީ ހުކުމްކޮށްފަ އެވެ. 

އެ ހުކުމްތައް ޝިފާއުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު، އިސްތިއުނާފް ނިމެންދެން އޭނާގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ނުވަތަ ކަފާލާތުގެ ދަށުން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްދޭން އެދުނެވެ.

އެކަމާ ގުޅިގެން ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ޝިފާއުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އަދި ކަފާލާތުގެ ދަށުން ގޭ ބަންދަށް ބަދަލުކުރަން އެދުނަސް، އެކަމާ ބެހޭގޮތުން ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދީފައި ނުވާތީ އޭނާ ގޭ ބަންދަށް ވެސް ބަދަލު ކުރެވެން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އިސްމާއިލް ޝަފީއު އާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. އަދި އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.