ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ތިން މަގާމަށް ކުރިމަތިލާން ޖޭއެސްސީން މިދިޔަ މަހު ހުޅުވާލުމުން 29 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލި އެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި ބައެއް މެޖިސްޓްރޭޓުން ވެސް ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީން ނިންމާފައިވަނީ ހއ. ދިއްދޫ ޑޭޒީމާގޭ އަހުމަދު ތައުފީގާއި ޅ. ކުރެންދޫ ނޫރާނީގޭ ސުލައިމާން މުހައްމަދުގެ އިތުރުން ތ. ވޭމަންޑޫ، ޑްރީމް މުހައްމަދު އަބްދުالله އެވެ. 

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރަން ނިންމިއިރު، ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ ތިން މަގާމަކަށް ވެސް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލުމުން 42 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލި އެވެ.

ނަމަވެސް ސިވިލް ކޯޓަށް އައްޔަންކުރަން ނިންމި ބޭފުޅުންގެ މައުލޫމާތު މިހާތަނަށް ނުލިބެ އެވެ.