ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހާލު ބޮޑުވި 28 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.
މިދިޔަ މަހުން ފެށިގެން އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، މިހާރު އެ އެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިހާތަނަށް 148 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެ އެވެ. އޭގެ ތެރެއިން 100 މީހަކަށް ބަލި ޖެހުނީ މާލެ ސަރަހައްދުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުން 11 މީހަކަށް ބަލި ޖެހިފައިވާއިރު ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކުން 37 މީހަކަށް ކޮވިޑް ޖެހުނެވެ.
ކޮވިޑާއި އަރިދަފުސް ރޯގާ މި ދުވަސްވަރު އިތުރުވާތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮވިޑާއި އަރިދަފުސް ރޯގާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
- ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ނިވާކުރުން.
- ރޯގާ ޖެހިއްޖެ ނަމަ، މީހުން އެއްވާ ތަންތަނަށް ނުދިއުން.
- މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެެއްކުމާއި އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން.
- ސެނެޓައިޒާ ބޭނުުންކުރުން.