ވައިޖެހޭ މިސްރާބާއި އޮއިވަރު ހުރި ގޮތަށް ބަލައި، މަސްއައިންތައް ހޯދަން ދުއްވަންވީ މިސްރާބު ދިވެހި މަސްވެރިންނަށް އެނގެ އެވެ. އެތައް ގަރުނެއް ކުރިން ފެށިގެން ވާރުތަވަމުން އައި މި ފަރިތަކަމަށް މިހާރު ބުރޫއަރަމުން މިދަނީ ރާއްޖެއާ އެތައް ހާސް މޭލެއްގެ ދުރުގައި ޕެސިފިކް ކަނޑާ ދިމާ މަތީގައި އުފެދިފައިވާ ބާރުގަދަ އެލްނީނޯގެ ސަބަބުންނެވެ.
ބައިނަލްއަގުވާމީ މާހިރުން ގަބޫލުކުރައްވާ ގޮތުގައި މި ފަހަރުގެ އެލްނީނޯއަކީ ރެކޯޑް މިންވަރަކަށް ބާރުގަދަ "ސުޕަ އެލްނީނޯ" އަކަށް ވުމުގެ ބިރު އެބައޮތެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި ގޮތުގައި އެލްނީނޯގެ ބާރު ގަދަވަމުންދާއިރު ރާއްޖެ އަށް ކުރިމަތިވެދާނެ އަނެއް މައްސަލަ އަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި މޫސުަމަށް އަންނަ ހަމަ އެފަދަ ބަދަލެކެވެ.
"އެލްނީނޯގެ ސްޓްރެންތު މި އަންނަނީ ވަރުގަދަވަމުން، މުޅި ދުނިޔެ އިން ވެސް އެބަ ފެނޭ އެކަން. އެލްނީނޯގެ އިތުރުން އަޅުގަނޑުމެންގެ މި ސަރަހައްދަށް އިމްޕެކްޓެއް ގެނުވާ ކަމެއް އޮންނާނެ، އިންޑިއަން އޯޝަން ޑައިޕޯލް ކިޔާ އެއްޗެއް،" ޝަރީފް ވިދާޅުވި އެވެ.
"އޭގައި އޮންނާނީ ޕޮޒިޓިވްއަކާއި ނެގެޓިވްއެއް. ބޮޑަށް ޕޮޒިޓިވްވާ ވަރަކަށް އަޅުގަނޑުމެންނަށް ކުރާ އިމްޕެކްޓް ގޯސްވާނެ."
މިނިސްޓަރު ވިދާޅުވި ގޮތުަގައި، އިންޑިއަން އޯޝަން ޑައިޕޯލް މިވަގުތު ހުރީ ނިއުޓްރަލްކޮށް ކަަމަށް ވިޔަސް، އަހަރު ނިމެން ދާއިރު ޕޮޒިޓިވް ވާނެ ކަަަމަށް ދައްކާތީ އެލްނީނޯ އާއި ދެކަން އެކުވުމުން ރާއްޖެ ސަރަހައްދުގައި ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން މައްޗަށް ދާނެ ކަމަށް ލަފާކުރެވެ އެވެ.
ފިޝަރީޒް މިނިސްޓަރު އަހުަމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ކުރާ މަސްވެރިކަމުގައި މަސް ބާނަނީ ކަނޑުގެ މަތީ ފަށަލައިން ކަމަށް ވާތީ ކަނޑުގެ ސަތަަހައިގެ [މަތީ ފަށަލައިގެ] ލޮނުގަނޑު މިގޮތަށް ހޫނުވާއިރު މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
"ކަނޑުގެ ލޮނުގަނޑު މިގޮތަށް ހޫނުވީމާ މަސް މައިގްރޭޓްވުމުގެ ޕެޓާން އަށް އެބަ އާދޭ ބަދަލު އެއްކަމަކަށް. ދެވަނަ ކަމަކަށް ސާފޭސް ހޫނުވީމާ މަސް އަޑިއަށް ދާ ކަމަށް ސައިންސް އެބަ ބުނޭ. އެހެންވީމާ މަސްވެރިކަން ދަށްވެ، މަސްވެރިކަމަށް ކުރާ ހޭދަ ބޮޑުވުމާއި މި ހުރިހާ ކަމެއް އެބަ އާދޭ،" ޝިޔާމް ވިދާޅުވި އެވެ.
އެލްނީނޯގެ އަސަރު މަސްވެރިކަމަށް ކުރަނީ ކިހިނެއް؟
ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގައުމީ އިދާރާގެ ކުރީގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވި ގޮތުގައި އެލްނީނޯގައި ކުރިމަތިވާ އެއް ކަމަކީ ކަނޑުގެ އޮއިވަރަށް ބަދަލު އައުމެވެ. ކަނޑުގެ އަޑީގައިވާ ނިއުޓްރިއެންޓްސްގެ ބާވަތްތައް ކަމަށްވާ ފޮސްފޮރަސް އާއި ނައިޓްރޮޖަން ކަނޑުގެ މަތީ ފަށަލަ އަށް ދަތުރުކުރަނީ އޭނާ ވިދާޅުވި ގޮތުގައި އަޑިން މައްޗަށް ހުންނަ "އަޕްވެލިން" ނަމަކަށް ކިޔާ އޮއިވަރެއްގަ އެވެ.
"އަޕްވެލިން ހުއްޓުނީމާ ވާ ގޮތަކީ ކަނޑު އަޑީގެ ނިއުޓްރިއެންޓްސް މައްޗަކަށް ނާދޭ. އެ ބާވަތްތަކަކީ ޕްލެންކްޓޯން ބްލޫމްވާން ބޭނުންވާ ކާނާ. ޕްލެންކްޓޯން އަކީ އެމަށް ބޭނުންވާ ކާނާ، އެހެންވީމާ އެންމެވެރިކަމަށް އޭގެ އަސަރު ކުރޭ،" ނައީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ކަންތައް ވުމުން ކަނޑުމަސް އާއްމު ގޮތެއްގައި ދަތުރުކުރާނީ އެހެން ދިމާލަކަށެވެ.
އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފު ވެސް ވިދާޅުވީ އެލްނީނޯއާ އެކު އެކީގައި އިންޑިއަން އޯޝަން ޑައިޕޯލްގެ ބާރު ވެސް ގަދަވުމުން ކަނޑުގެ މަތީފަށަލަ އިތުރަށް ހޫނުވުމުން ފަރުތައް ހުދުވުމުން ދިއުމުން މަސްވެރިކަމަށް ކުރާ އަސަރު ބޮޑުވާނެ ކަމަށެވެ.
"ސީ ސާފޭސް ޓެމްޕްރޭޗާ މަތިވާ ވަރަކަށް ތާމޯކްލައިން ހައްތާ ފުންވަމުން ދާނީ. މަސް އެހާ ހޫނު ފެނަކަށް ނާރާނެ، އެހެންވީމާ އޭގެ ސަބަބުން އަަޅުގަނޑުމެންގެ މަސްވެރިކަމަށް އިމްޕެކްޓެއް އަތުވާނެ،" އޭނާ ވިދާޅުވި އެވެ.
މޫސުމާ ބެހޭ އިދާރާގެ ލަފާކުުރުންތަކާ ހަވާލާދެއްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ ސަރަހައްދުގައި ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވެނީ އަހަރު ނިމޭ ހިސާބުގައި ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި ކަނޑުގެ ލޮނުގަނޑު ހޫނުވެ، ގާ ހުދުވާން ފެށުމުން އެންވެރިކަމަށް އޭގެ ނުބައި އަަސަރުކުރާނެ އެވެ. އެންވެރިކަން ދަށް ވެއްޖެ ނަަމަ ރާއްޖޭގައި މަސްވެރިކަން ވެސް ނޯންނަ ކަމަށް ވިދާޅުވި އެވެ.
"މީގައި ސިވިއާ އެކްސްޕީރިއަންސެއް އަޅުގަނޑުމެން ކުރަން ޖެހިއްޖެ ކަމަށް ވަންޏާ އެންވެރިކަން ވެސް އެބަދޭ. ފަރުތަކުގައި މިހިރަ ގާތައް ހުދުވީމާ މަސްތަކަށް އޭގެ އަސަރު އެބަކުރޭ. އެންވެރިކަން ނެތިއްޖިއްޔާ ނޫނީ އެންވެރިކަން ދަށްވެެއްޖިއްޔާ ރާއްޖޭގައި މި އޮންނަނީ މަސްވެރިކަން ވެސް ނޯންނަ ކަހަލަ ގޮތަކަށް،" ޝިޔާމް ވިދާޅުވި އެވެ.
"އެހެންވީމާ ވަރަށް ބޮޑަށް ރާއްޖޭގެ މަސްވެެރިކަމަށް އޭގެ [އެލްނީނޯގެ] އަސަރުކުރޭ."
އެލްނީނޯ އާއި އިންޑިއަން އޯޝަން ޑައިޕޯލް ފަދަ ގުދުރަތީ ބަދަލުތަކުގެ ކުރިމަތީގައި ކުރެވެން އޮންނާނެހާ ވެސް ކަމަކީ ނުކުންނާނެ ނަތީޖާތައް ދެނެގަނެ، އެ ނަތީޖާތަކާ އެކުގައި ކުރިއަށް ދާން ތައްޔާރުވުމެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓްޓިއުޓް (އެމްއެމްއާރްއައި) މެދުވެރިކޮށް ރާއްޖޭގެ ފަރުތަކުގެ ހާލަތު މިހާރުވެސް އަންނަނީ ބަލަމުންނެވެ. ކުރިއާ ހިލާފަށް މިފަހަރު އެ ސާވޭތައް ކުރަމުން އަންނަނީ އޭނާ ވިދާޅުވި ގޮތުގައި އެކި އަތޮޅުތައް ވަކިވަވަކިންނެވެ.
އެމްއެމްއާރްއިން އެއްކުރާ އެެ މައުލޫމާތު އެންވަޔަރްމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އާ ވެސް ހިއްސާކުރާނެ އެވެ.
"ކުރިއާ ހިލާފަށް މި ފަހަރު އަޅުގަނޑުމެން އަތޮޅު ވައިސްކޮށް މޮނިޓަރިން ކުރިއަށް ގެންދާނަން، ގެންގޮސްފައި ހަމަ ކަމާ ބެހޭ އިދާރާ އީއާރްއޭއާ ހިއްސާ ކުރާނަން. މިހާރު މިދަނީ ދެން އެކަމުގައި އިތުރަށް ކުރެވެން ހުރި ކަންތަައްތަކާ ދޭތެރޭގައި ވާހަކަ ދައްކަމުން،" މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕޮލިސީ ލެވެލްގައި ނަގަން ޖެހޭ ޑިސިޝަންސް ވެސް ނަގާނީ ގުޅުން ހުރި އިދާރާތަކުން އަޅުގަނޑުމެންނާ ހިއްސާކުރާ މައުލޫމާތުތަކުގެ އަލީގައި."
މަސްވެރިކަން ދަށްވުމުން، ހަރަދު ކުޑަކުރަން ޖެހޭ
އެލްނީނޯގެ ސަބަބުން މޫސުަމަށް އަންނަ ބަދަލާ އެކު މަސްވެރިކަން ދަށްވާނެކަން އެއީ ސައިންސްގެ އަލީގައި ކަށަވަރުވާ ކަމެކެވެ. އެ ހާލަތުގައި މަސްއައިންތައް ހޯދަން ކުރިއަށް ވުރެ ބޭރަށް ދުއްވައި އިތުރަށް ތެޔޮ އެންދުން އެއީ ދެކޮޅުޖެހޭ ކަމަކަށް ނުވާނެ އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މިފަދަ ހާލަތްތަކުގައި މަސްވެރިން އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަކީ މަސްވެރިކަމަށް ކުރާ ހޭދަ އިތުރުނުކުރުމެވެ.
"ސައިންސް އެބަ ބުނޭ މިހެން އެބަ ވެޔޭ. ބުނާ އިރު ވެސް އަޅުގަނޑުމެން އައިން ހޯދަން ދުއްވާ ދުއްވުން ވާނީ ކޮންމެ ގޮތެއް ވިޔަސް [ބޭކާރު ގޮތުގައި] އަންދާ ތެލަށްތާ ދެއްތޯ. މަސްވެރިންނަށް ދޭ މައުލޫމާތު ވެސް ސައިންސްގެ އަލީގައި ދެވޭތޯ އަޅުގަނޑުމެން މި ބަލަނީ. އެހެންވީމާ މަސްވެރިކަން ދަށްވާ ދުވަސްވަރުގައި ހަމަ ހަރަދުކުޑަކުރަން އަޅުގަނޑުނެންނަށް ބާރު އެޅޭނީ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސްދޯނިފަހަރުގައި ލޮނުފެން ފިނިކުރާ ނިޒާމު ގާއިމްކުރުން ފަދަ ސަރުކާރުން ދޫކޮށްފައިވާ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ވެސް މަސްވެރިކަން ދަށް ދުވަސްވަރު ލުއިދޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
"މޫސުމީ ޕެޓާން އަށް ބަދަލުކޮށްފައި ހުންނާނީ އޭގެ ރީޕޭމެންްޓް ވެސް،" ޝިޔާމް ވިދާޅުވި އެވެ.
ދޮށީގެ މަސްވެެރިކަން ނޫން ގޮތެއް ވެސް ހޯދަން ޖެހޭ
އެލްނީނޯގައި ކަނޑުގެ މަތީ ފަށަލަ ހޫނުވެ، ތާމޯކްލައިން ފުންވުމުން މަސް ތިލަ ނުވިޔަސް މަސްތައް އެއަށް ވުރެ އަޑީގައި މަސްއައިންތައް އުޅެ އެވެ. ރާއްޖޭގައި ކުރާ ދޮށްޓާއި ނަނުގެ މަސްވެރިކަމަށް އަސަރުކުރަނީ މަސް ތިލަ ނުވާތީ އެވެ. އެހެންވީމާ ތަންކޮޅެއް ފުނުން ވެސް މަސް ބޭނޭނެ ގޮތްތަކަކަށް ހިނގައްޖެ ނަމަ މިފަދަ މޫސުމީ ބަދަލުތަކާ އެކުގައި ވެސް މަސްވެރިކަން ކުރެވިދާނެ އެވެ.
"އެންމެ ބޮޑަށް އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑު ހަމަ ބޭނުންވޭ އޯލްޓަނޭޓިވްއެއް މީގައި ހޯދަން. ކަނޑުގެ ރިސޯސަސް އެބަ ހުރޭ. އޭގައި މައިގްރޭޝަން ޕެޓާން އަށް ބަދަލު މި އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
"ޑީޕާ ޑައިވް މިކުރަނީ. އެހެންވީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ ރިސޯސަސް އެބަ ހުރިކަން. ރިސޯސް ހުންނަ ތަންތަން މި ބަދަލުވަނީ. ދާއިރު އެއާ އެކީގައި މަސްވެރިކަން ކުރާ ގޮތަށް ބަދަލުތަކެއް ގެންނަން މި ޖެހެނީ."
ދޮށީގެ މަސްވެރިކަން ދަށްވާ ހާލަތުގައި މަސްވެރިކަން ކުރެވޭނެ އަނެއް ގޮތަކީ އިންޑިއާ ކަނޑުުން މަސްވެރިކަން ކުރާ އެހެން ގައުމުތަކުން ވެސް އަމަލުކުރާ ގޮތަށް ދާއެޅުމެވެ. އެކަމަކު ވިދާލުވީ އޯލްޓަނޭޓިވްއަކީ އެއީ ކަމަކަށް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ވިދާޅުވީ މަސްވެރިކަމާ ގުޅޭ އެފަދަ ނިންމުމެއް ނިންމާ އިރު ރިއާޔަތްކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން ނަގާ ކޮންމެ ޑިސިޝަނެއް މި ނަގަން ޖެހޭނީ ވަރަށް ގިނަ ގޮތް ގޮތަށް ވިސްނާފައި ކަމަށް ވާތިއާ އެކީގައި އަޅުގަނޑުމެންނަށް ސީދާ ހުރިހާ ކަމެއް އަޅުގަނޑުނެން ބޭނުންވާ ގޮތަށް ބަންލާފައި ނުނިންމޭނެ،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ މަހަށް ބައިނަލްއަގުވާމީ ބާޒާރުގައި ރަނގަޅު އަގު ހޯދަން އެންމެ ބޮޑަށް އިޝްތިހާރުކުރާ އެއް ކަމަކީ ދޮށްޓާއި ނަނުގައި މިކުރާ ދެމެހެއްޓެނިވި މަސްވެރިކަމުގެ ގޮތްތަކެވެ. އެހެންވީމާ މަސްވެރިކަމުގެ އޯލްޓަނޭޓިވްއެއް ހޯދާއިރު އެކަމަށް ރިއާޔަތްކޮށް ގިނަ ބަޔަކާ މަޝްވަރާކުރަން ޖެހެ އެވެ.
އެކަންކަން އެހެން ހުރުމުން ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ މެރިކަލްޗާ ފަދަ މަސައްކަތްތައް އާލާކޮށް، މަސްވެރިކަން ޑައިވާސިފައިކުރާށެވެ. އަމާޒަކީ މަސްވެރިންނަށް ލިބޭ އާމްދަނީ މަދުވިޔަ ނުދިނުމެވެ.