ހެންވޭރުގައި އިމާރާތްކުރަމުން ދިޔަ ތަނަކުން ދަގަނޑެއް ވެއްޓި، ބިދޭސީއެއްގެ މޫނަށް ހެރި، ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ދަގަނޑުތައް ހެރިފައިވަނީ އެ މީހާގެ ނޭފަތާ ދިމާލުން ސީދާ މޫނަށެވެ. މޫނުން ފެށިގެން އޭނާގެ އެތެރެ ހަށްޓާ ހަމައަށް ދަގަނޑު ވަދެފައިވާ ކަމަށްވެ އެވެ. އެ މީހާ މިހާރު އޭޑީކޭ އަށް ގެންގޮސް، ދަނީ ފަރުވާ ދެމުންނެވެ.
"މިހާރު" އަށް ލިބިފައިވާ ފޮޓޯތަކުގައިވާ ގޮތުން ނޭފަތާ ދިމާލުން ދަގަނޑު ވަދެފައިވާއިރު، ދަގަނޑުން ބާކީ ފެންނަން ހުރީ ފޫޓެއްހާ ހިސާބެވެ. އެ މީހާގެ ނޭފަތުން ގިނަ އަދަދެއްގެ ލޭ ފައިބަމުންދެ އެވެ.
އެ މީހާގެ މޫނަށް ދަގަނޑު ހެރުނީ އެ އިމާރާތުގެ ހަތް ވަނަ ބުރިއަށް ދަގަނޑުތަކެއް އަރުވަނިކޮށެވެ. އެއީ އިމާރާތެއް ހެދުމުގެ މަސައްކަތުގައި އުޅުނު މީހެއް ކަމަށް ވެ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބަހެއް އަދި ނުލިބެ އެވެ. އަދި އޭނާ މި ވަގުތު އޮތީ ކޮން ހާލަތެއްގައި ކަމެއް ވެސް ސާފެއް ނޫނެވެ.
އިމާރާތް ކުރުމުގެ މަސައްކަތުގައި މީގެ ކުރިން ވެސް ނުރައްކާތެރި ހާދިސާތައް ހިނގައި، ފުރާނަ އަށް ވެސް ވަނީ ނުރައްކާވެފަ އެވެ.