ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް ހަދިޔާ ކުރަން ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑުން މާސްކު ފަހަން ފަށައިފި އެވެ.

މި މަސް ފެށުމުގެ ކުރިން ރަންގަލިން ފެށި މި މަސައްކަތުގައި އެ ރިސޯޓު ހިމެނޭ އދ. އަތޮޅުގެ ބައެއް ފަހާ މީހުންނާއި ރިސޯޓުގައި މަސައްކަތް ކުރާ ފަހާ މީހުން ބައިވެރިވެ އެވެ. މި ޓީމުގެ މަސައްކަތުން ސިއްހީ ހިދުމަތްތެރިންނަށް 1500 މާސްކު ހަދިޔާ ކުރެވޭނެ ކަމަށް ރަންގަލިން ބުނެ އެވެ.

ރަންގަލިން ފެށި މި ހަރަކާތުގައި ފަހާ މާސްކުތައް ހަދިޔާ ކުރަން ހަމަޖެހިފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އދ. އަތޮޅުގެ ރަށްތަކުގަ އާއި މާލޭގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށެވެ.

ރަންގަލީގެ މުވައްޒަފުންނާއި އދ. ބައެއް ފެހުންތެރިން މާސްކު ފެހުމުގައި ބައިވެރިވަނީ-- ފޮޓޯ: ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
ރަންގަލީގެ މުވައްޒަފުންނާއި އދ. ބައެއް ފެހުންތެރިން މާސްކު ފެހުމުގައި ބައިވެރިވަނީ-- ފޮޓޯ: ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް

އެ ރިސޯޓުގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް އެލެކްސް ޓްރީގާ މޯލްޑިވްސް އިންސައިޑާގައި ވިދާޅުވި ގޮތުގައި މާސްކު ފަހަން ފެށީ އެ ރިސޯޓާ ކައިރި ރަށްތަކަށް އެހީވުމުގެ ގޮތުން ކަމަށެވެ. އަދި މިދަނޑިވަޅު މާސްކަކީ މުހިންމު އެއްޗަކަށް ވެފައި އެ ރިސޯޓުން ހަދިޔާ ކުރާ މާސްކުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނަށް އިތުރު އެހީތެރިކަމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އދ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ރަންގަލި ރިސޯޓަކީ ދުނިޔޭގެ އެންމެ ފުރަތަމަ މޫދު އަޑީގެ ރެސްޓޯރެންޓް "މުރަކަ" ހުންނަ ރިސޯޓެވެ. މި ރިސޯޓަކީ އާއްމުކޮށް މަތީފަންތީގެ ޓޫރިސްޓުން ޒިޔާރަތް ކުރާ ގިނަ އަދަދެއްގެ މަޗްޙުރު ތަރިން ޗުއްޓީ ހޭދަ ކުރުމަށް ބޭނުންވާ ރިސޯޓެކެވެ.

ރަންގެލި ރިސޯޓު މީގެ ކުރިން ކްރައުން ކުންފުނިން ހިންގި ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ ރިސޯޓު ހިންގަމުން އަންނަނީ އެމެރިކާގެ ބްލެކް ސްޓޯން ކުންފުނިންނެވެ.

ރާއްޖޭން ކޮވިޑް-19 ޖެހިފައިވާ 1395 މީހުން ފެނިފައިވާއިރު ޓޫރިޒަމް ދާއިރާ ވަނީ ހުއްޓިފަ އެވެ. ނަމަވެސް ބައެއް ރިސޯޓުތަކުން އަންނަނީ އެ ރިސޯޓުތަކާއި ކައިރި ރަށްތަކަށާއި ސަރުކާރަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.