ކޮންގޯ އާއި ރުވަންޑާ ގުޅޭ އިމާ ގާތުން ކޮންގޯގެ ތެރޭގައި ހުންނަ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން މަދުވެގެން 15 މީހަކު މަރުވެ، 170 އަށް ވުރެ ގިނަ ކުޑަކުދިން ގެއްލިފައިވާ ކަމަށް ބެލެވެން ފަށައިފި އެވެ.

މައުންޓް ނިޔިރަގޮންގޯ ކިޔާ އަލިފާން ފަރުބަދަ ގޮވަން ފެށީ އާދީއްތަ ވިލޭރެ އެވެ. ފަރުބަދަ ގޮވުމުގެ ސަބަބުން ބޭރުވި ދިޔާ އަލިފާނާއި އަނގުރުތައް، އެ ސަރަހައްދުގެ ވާދީ ތެރެއަށް ފައިބައިގެން ދިޔުމުގެ ތެރޭގައި، އެ ވާދީގައި އޮންނަ ގޯމާ ސިޓީގެ 500 އަށް ވުރެ ގިނަ ގެ ހަލާކުވި އެވެ.

ކުޑަކުދިންނަށް ކުއްލި އެހީތެރިކަން ފޯރުވައިދިނުމާ ބެހޭ އދ.ގެ އިދާރާ ޔުނިސެފުން ބުނި ގޮތުގައި ކުޑަކުދިންތައް ގެއްލިފައި ވަނީ، އަލިފާން ފަރުބަދައިން ފޭބި ދިޔާ އަލިފާންތައް، ގޯމާ ސިޓީގެ ތެރެއަށް ފައިބަން ފެށުމުން، އެ އަވަށުގެ މީހުން ފުރާނަ ސަލާމަތް ކުރުމަށް އެކި ކަންކޮޅުތަކަށް ދުވުމުގެ ތެރޭގަ އެވެ.

ޔުނިސެފުން ބުނި ގޮތުގައި ގެއްލުނު ކުދިންގެ އިތުރުން، 150 އަށް ވުރެ ގިނަ ކުޑަކުދިން، އެމީހުންގެ އާއިލާތައް ވީނުވީއެއް ނޭނގި، އާއިލާތަކާ ވަކިވެފައި އެބަ ތިއްބެވެ.

އަލިފާން ފަރުބަދަ ގޮވަން ފެށުމާއެކު، ރައްކާތެރިކަން ހޯދުމުގެ ގޮތުން، ކޮންގޯގެ 8000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ، އަވައްޓެރި ރުވަންޑާއަށް އެތެރެވެފަ އެވެ. ނަމަވެސް، މިހާރު އެ ފަރުބަދައިން ދިޔާ އަލިފާން ފޭބުން ހުއްޓުމާ ގުޅިގެން، ބައެއް މީހުން އެމީހުންގެ ގެދޮރަށް ދާން ފަށާފައިވާ ކަމަށް، ރުވަންޑާގެ އިމަޖެންސީ މެނޭޖްމަންޓް މިނިސްޓްރީން ބުންޏެވެ.

އަލިފާން ފަރުބަދަ ގޮވަމުން ދިޔަ ވަގުތު، ގޯމާ ސިޓީގެ ގިނަ މީހުން ރޭގަނޑުގެ ގިނަ ވަގުތުތައް ހޭދަކުރީ، ޕާކުތަކާއި މައިޒާންތައް ފަދަ ހުސް ބިންތަކުގަ އެވެ. އަދި ގޯމާ ސިޓީގެ ގިނަ ގެތަކަށް ގެއްލުން ވެފައިވާ އިރު، އެ އަވަށުގެ ކަރަންޓު ވިއުގަ އާއި ބޯފެން ވިއުގަ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް ޔުނިސެފުން ބުނެ އެވެ.

މިއަލިފާން ފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ، 2002 ވަނަ އަހަރުގެ ތެރޭގަ އެވެ. އެފަހަރުގެ ހާދިސާގައި 250 މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ހަލާކުވެ މަގުމަތިވި އެވެ. ގޯމާ ސިޓީގައި 670000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

އަލިފާން ފަރުބަދަ އަދިވެސް ގޮވުމުގެ ފުރުސަތު އޮތުމުން، ގޯމާ ސިޓީގެ މީހުން ފަރުބަދައާ ދުރަށް ޖެއްސުމަށް، ކޮންގޯގެ ކަމާ ބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.