ރިޔާޒް (ޖުލައި 27) - އެބޯލާ ބަލި ފެތުރެމުންދާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަށް މި އަހަރު ހައްޖު ވިސާ ނުދޭން ސައުދީ އަރަބިއާ އިން ނިންމައިފި އެވެ.
ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބައްޔަކީ މުޅި ދުނިޔެ ކަންބޮޑުވާން ޖެހޭ އާއްމު ސިއްހަތާ ގުޅޭ މައްސަލައެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއްވެސް ގައުމަކުން އެކަމާ ބިރު ގަނެ ކޮންގޯ މީހުންނަށް ބޯޑަރު ބަންދު ނުކުރުމަށް ޑަބްލިއުއެޗްއޯ އިން އެދިފައިވެ އެވެ.
"ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންގޯ މީހުންނަށް ހައްޖު ވިސާ ދިނުން ވަނީ ހުއްޓާލާފައި،" ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ކޮންގޯގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އޮގަސްޓް މަހު އެބޯލާ ފެތުރެން ފެށި ފަހުން މިހާތަނަށް ވަނީ 1،700 މީހުން މަރުވެފަ އެވެ. އެއީ ބަލި ޖެހުނު މީހުންގެ ތިންބައިކުޅަ އެއްބައެވެ.
ނިއު ޔޯކުގައި ހިންގާ ކޮންގޯ ރިސާޗު ގްރޫޕުން ބުނި ގޮތުގައި އެ ގައުމުގެ ގާތްގަނޑަކަށް ތިން ޕަސެންޓް މީހުންނަކީ މުސްލިމުންނެވެ.
އެބޯލާ ބަލި 2014-2016 އަށް ފެތުރުނު ދުވަސްވަރު ވެސް ސައުދީން ވަނީ އެފްރިކާގެ ގިނީ، ސިއަރަ ލިއޯން އަދި ލައިބީރިއާ މީހުންނަށް ހައްޖު ވިސާ ދިނުން ހުއްޓާލައިފަ އެވެ.