މަޓާޑީ ސިލާ ޕެޓިޓް، 8، ހުކުރު ދުވަހު މަރުވުމާ ހަމައަށް އުޅެމުން ދިޔައީ ވަރަށް ވޭނުގަ އެވެ. މޫނުގެ ވާތް ފަރާތުގައި އުފެދިފައިވާ ބޮޑު ޓިއުމަރަކާ އެކު އާންމު ދިރިއުޅުމަކުން އެ ކުއްޖާ ވަނީ މަރުހޫމްވެފަ އެވެ.

ކޮންގޯގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ މަޓާޑީ އަށް ކުރިން ވެސް ކޮންގޯގައި ފަރުވާ ދިނެވެ. އެކަމަކު ޓިއުމަރުގެ ބަލިތަކަށް ހާއްސަ ސްޕެޝަލިސްޓަކު ނެތުމުން މިހާތަނަށް އޭނާއަކަށް އެކަށީގެންވާ ފަރުވާއެއް ދެވިފައެއް ނެތެވެ.

ނަސީބު ދިމާކުރި ގޮތުން މި ކުއްޖާ އަށް އެމެރިކާ އިން ފަރުވާ ކުރުމުގެ ފުރުސަތު މިދިޔަ ހަފުތާގެ ތެރޭގައި ފަހިވި އެވެ. އެއީ ކުރީގެ ބާސްކެޓް ކުޅުންތެރިއެއް ކަމަށްވާ ޑިކެމްބޭ މުޓޮމްބޯ ފައުންޑޭޝަނުގެ އެހީގަ އެވެ.

އެ ކުއްޖާ އަށް ފަރުވާ ދިނުމަށްޓަކައި އެ ފައުންޑޭޝަނުގެ އެހީގައި އެމެރިކާގެ ލޮސް އެންޖެލިސް އަށް ގެންދިޔައީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އޭނާ އަށް ފަރުވާ ދިނީ އޮސްބޯން ހެޑް އެންޑް ނެކް އިންސްޓިޓިއުޓްގަ އެވެ.

ބިޔަ ޓިއުމަރު ނަގާފައި މަޓާޑީ އަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދެވޭނެ ކަމުގެ ފޮނި އުންމީދުގައި ދަރިފުޅު ގޮވައިގެން އެމެރިކާ އަށް ދިޔައީ ބައްޕަ އެވެ. ނަމަވެސް ހިތާމައަކީ ޓިއުމަރު ނަގަން ކުރި އޮޕަރޭޝަން ކާމިޔާބު ނުވެ، މަަޓާޑީ އާއިލާގެ މީހުންނާ ވެސް ދުރުގައި ފުރާނަ ދޫކުރުމެވެ.

އޭނާ އަށް ފަރުވާ ދިން ޑރ. ރަޔަން އޮސްބޯން ވިދާޅުވި ގޮތުގައި މަަޓާޑީ މަރުވީ އޮޕަރޭޝަން ތެރޭގައި ދިމާވި ނާދިރު ޖެނެޓިކް ރިއެކްޝަނެއްގެ ސަބަބުންނެވެ.

މި ހިތާމައިގައި ޑިކެމްބޫ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މައުސޫމް މަޓާޑީގެ ދުނިޔެ ދޫކުރުމަކީ ވަރަށް ވެސް ހިތްދަތި ތަޖުރިބާއެއް ކަމަށެވެ. އެކަމަކު އޭނާ ފަދަ ސިއްހީ ބޮޑެތި ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވާ ކުދިންނަށް ފަރުވާ ހޯދައި ދޭން ދެމިތިބޭނެ ކަމަށް ބުންޏެވެ.

"އަހަރެމެންގެ މި މަސައްކަތް ހުއްޓައެއް ނުލާނަން. ވަކިން ހާއްސަކޮށް ކޮންގޯގައި ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އެހީވުމުގައި އަހަރެމެން ދެމިތިބޭނަން،" ކޮންގޯ އަށް އުފަން މުޓޮމްބޯގެ ފައުންޑޭޝަނުން ބުންޏެވެ.