ހިތުގެ ބަލި ހުންނަ ކުދިންނަށް އާސަންދަ އާއި އެންސްޕާގެ ދަށުން ފަރުވާ ލިބޭނެ ނިޒާމެއް ހަމަޖައްސަން މަސައްކަތްކުރައްވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވަމުން އަންނަ ޖަމިއްޔާ "ޓައިނީ ހާޓްސް"ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އެ މަނިކުފާނު ވިދާޅުވީ، އެ ފަދަ ނިޒާމެއްގެ ދަށުން އެ ކުދިންނަން ހިދުމަތް ލިބޭނެ ދުވަހެއް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ޓައިނީ ހާޓްސްގެ ލަފާ ހޯދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ޓައިނީ ހާޓްސް އިން ރާއްޖެ ކޮށްދީފައިވާ ހިދުމަތްތައް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ބައެއް ކުދިން އުފަންވާ އިރު ހުންނަ "ކޮންޖެނިޓަލް ހާޓް ޑިޒީސް" އާ މެދު ދިވެހިން ހޭލުންތެރިކުރުމާއި އެ ބަލި ހުންނަ ކުދިންނާއި އެ ކުދިންގެ އާއިލާ އަށް ދޭ އެހީތެރިކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ދެމަފިރިއަކު ވެގެން އުފެއްދި އެ ޖަމިއްޔާ ވަނީ ގައުމަށް ވަރަށް ބޮޑު ހިދުމަތެއް ކޮށްފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ޓައިނީ ހާޓްސިން ހިންގާ ތަފާތު ޕްރޮގްރާމުތަކަށް ސަރުކާރުގެ އެއްބާރުލުން ދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ޓައިނީ ހާޓްސްގެ 10 އަހަރުގެ މަސައްކަތު ދިރާސާ އިފްތިތާހުކޮށްދެއްވައިފަ އެވެ.