މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ މީހުންގެ ތެރޭގައި ރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ، އައިޖީއެމްއެޗުން ހާާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

ހައްޖުވެރިންނަށް ހާއްސަކޮށް އައިޖީއެމްއެޗުން ވަނީ މި އަހަރު ވެސް ހައްޖު ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ. އެ ހޮސްޕިޓަލުން މިއަދު ބުނީ ހައްޖު ކްލިނިކަށް ދާ މީހުންގެ މެދުގައި ރޯގާގެ އަލާމާތްތައް އިތުރުކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން, ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ބަލި މީހުންނާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން އަޅާފައިވާ ފިޔަވަޅުތައް:

- ޒަރޫރީ ހާލަތުގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރަން އެންގުން

- ހޮސްޕިޓަލަށް ދާ އެންމެން މާސްކު އެޅުން

- ހޮސްޕިޓަލުގައި އެއްވެ އުޅުމުން ދުރުހެލިވުން

ހައްޖުން އެނބުރި އައުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އެ އެޖެންސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ޖެހިފައިވާނަމަ ރައްކާތެރިކަން ދޭންވީ ކަންކަމާއި އެ އަލާމާތްތައް ފެންނަ ނަމަ ގޭގައި ދެވޭނެ ފަރުވާތައް ކިޔައިދީފަ އެވެ.

ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އައި ފަހުން ނުރައްކާތެރި ހުމެއް ކަމަށްވާ މެނިންގޯކޮކަލް ބަލީގައި ވަނީ ނިޔާވެފަ އެވެ. ރާއްޖެއިން އެ ބަލި ފެނުމާ ގުޅިގެން ވެސް އިދާރާތަކުން ދަނީ އިތުރަށް ސަމާލުވުމަށް އަންގަމުންނެވެ.