ފަލަކީ އިލްމުވެރިންނަށް އެންމެ ފަހުން ހޯދުނު އެންމެ ރީތި ދުންތަރީގެ ގޮތުގައި ފާހަގަކުރެވި "ފެހި ދުންތަރި"ގެ ނަމުން މަޝްހޫރުވެފައިވާ ދުންތަރި، މިރޭ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވެސް، ހަމަ ލޮލަށް ފެންނަން ފަށާނެ އެވެ.

ފަލަކީ އިލްމުވެރިން ވިދާޅުވާ ގޮތުގައި C/2022 E3 (ZTF) ނުވަތަ ފެހި ދުންތަރި، ދުނިޔެއާ މިހާ ކައިރިއަށް އަންނަނީ ކޮންމެ 50000 އަހަރުން އެއް ފަހަރު އެވެ. އޭގެ މާނައަކީ މި ދުންތަރި އޭގެ ފަލަކުގައި ނުވަތަ އޯބިޓްގައި ބުރެއް ފުރިހަމަ ކުރަނީ 50000 އަހަރުންނެވެ.

ފެހި ކުލަ އާއި އޮރެންޖް ކުލައިން ދިއްލިފައިވާ ދިގު ނިގުލަކާ އެކުގައި އުޑުމަތިން ފާޅުވާ މި ދުންތަރި، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދުނިޔެ އަށް ފެންނަމުން ދެ އެވެ. ނޮވެމްބަރު މަހުގެ ތެރޭގައި މި ދުންތަރި ފެންނަމުން ދިޔަ އިރު، ދުންތަރީގެ ތިން ނިގުލެއް ދެމިފައިވާކަން ފާހަގަކުރެވެ އެވެ.

މި ދުންތަރި މި ބިމަށް އެންމެ ރީތިކޮށް ފެންނާނީ މި ރެޔެވެ. އެއީ މި ދުންތަރި އޭގެ އޯބިޓްގައި އިރުގެ ކައިރިން ލާފައިދާ އިރު، މި ބިމާ އެންމެ ކައިރި އަށް އަންނާނީ މި ރޭ ކަމަށްވާތީ އެވެ. އުޑުމަތީގެ އުތުރު ސަރަހައްދުން މި ދުންތަރި މިރޭ ފެންނައިރު، މި ބިމާއި ދުންތަރިއާ ދެމެދު ހުންނާނީ ގާތްގަނޑަކަށް 42 މިލިއަން ކިލޯމީޓަރު (26 މިލިއަން މޭލު) އެވެ. އަދި މި ދުންތަރީގެ އަލިކަން ހުރި މިންވަރަށް ބަލާއިރު، އުޑުމަތި ސާފު ނަމަ، ހަމަލޮލަށް މި ދުންތަރި މިރޭ ފެންނާނެ އެވެ.

ފެހި ދުންތަރި މި ބިމާ ކައިރިން ކުރާ ދަތުރުގައި އެންމެ ރީތިކޮށް ފެންނާނީ މިރޭ ކަމަށް ވިޔަސް، ކުރިއަށް އޮތް 15 ވަރަކަށް ދުވަސް ވަންދެން އުޑުމަތިން މި ދުންތަރި ފެންނަން ހުންނާނެ އެވެ. ނަމަވެސް، މީގެ ހަފުތާއެއްހާ ދުވަސް ފަހުން ފެންނާނީ ޖައްވީ ދުރުމިއެއް ފަދަ އެއްޗެއް ބޭނުންކުރުމުންނެވެ.

ސައެންސްވެރިން ލަފާކުރާ ގޮތުގައި މި ފެހި ދުންތަރި އެންމެ ފަހުން މި ބިމާ މިހާ ކައިރިން ދަތުރުކުރި ނަމަ ކޮށްފައިވާނީ މީގެ 50000 އަހަރު ކުރިންނެވެ. އެއީ، މި ބިމުގެ ތާރީޚަށް ބަލާއިރު، ގަނޑުފެނުގެ ޒަމާން ނުވަތަ އައިސް އޭޖްގެ ގޮތުގައި ބަލަމުން އައި ދުވަސްވަރެވެ.

އެހެންކަމުން މި ދުންތަރި މީގެ ފަހުން ދެން މި ބިމާ އެންމެ ކައިރި އަށް އަންނާނީ މީގެ 50000 އަހަރު ފަހުން ކަމަށް ސައެންސްވެރިންނާއި ފަލަކީ އިލްމުވެރިން ވިދާޅުވެ އެވެ، ނަމަވެސް ބައެއް ސައެންސްވެރިން ލަފާކުރާ ގޮތުގައި މި ދުންތަރި މީގެ ފަހުން މި ބިމާ ކައިރިއަކަށް ނާންނާނެ އެވެ.

ބައެއް ސައެންސްވެރިން އެ ގޮތަށް ލަފާކުރަނީ، މި ދުންތަރީގެ އޯބިޓް ބޮޑުކަމުންނާއި އެ އޯބިޓަށް ބަދަލު އަންނަމުންދާލެއް އަވަސްކަމުން އަދި އެ ދުންތަރީގެ ނާރެހެއް ނެތުމުންނެވެ. އެހެންކަމުން ބައެއް ސައެންސްވެރިން ބުރަވާ ގޮތުގައި، އެ ދުންތަރި ދަތުރުކުރަމުންދަނީ ބުރު ހަމަވާ އޯބިޓެއްގައި ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

އެ ސަބަބަށްޓަކައި ސައެންސްވެރިން ބުރަވާ ގޮތުގައި، މި ފެހި ދުންތަރި މިހާރު ދަތުރުކުރަމުންދާ މިސްރާބުގައި، މި ބިމާ ދިމާލަށް އެނބުރި އައުމެއް ނެތި ހުރި ގޮތަށް ދަތުރު ކުރަމުން ދާނީ އެވެ. އަދި މިހާރު އެ ދުންތަރި ދަތުރުކުރަމުންދާ މިސްރާބު ހުރި ގޮތަށް ބަލާއިރު، އެ ދުންތަރި އެންމެ ދުރަށް ދާނީ މިބިމުން ފެށިގެން ކިހާ ދުރުމިނަކަށް ކަން ވެސް އަންދާޒާ ކުރަން ނޭނގޭ ކަމަށް ސައެންސްވެރިން ބުނެ އެވެ.

މި ދުންތަރި އިރާ އެންމެ ކައިރިން ދަތުރުކުރީ މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. އޭރު އިރާއި ދުންތަރިއާ ދެމެދު ހުރި ދުރުމިނަކީ 1.11 އެސްޓްރޮނޮމިކަލް ޔުނިޓް (166 މިލިއަން ކިލޯމީޓަރު ނުވަތަ 103 މިލިއަން މޭލު) އެވެ. އަދި މިރޭ މި ބިމާ އެންމެ ކައިރި އަށް މި ދުންތަރި އަންނަ އިރު، މި ބިމާއި ދުންތަރިއާ ދެމެދު ހުންނާނީ، 0.28 އެސްޓްރޮނޮމިކަލް ޔުނިޓް (42 މިލިއަން ކިލޯމީޓަރު ނުވަތަ 26 މިލިއަން މޭލު) އެވެ.

މި ބާވަތުގެ ފެހި ދުންތަރި އުފެދެނީ އިރުން ފެށިގެން ގާތްގަނޑަކަށް 2000 އޮސްޓްރޮނިމިކަލް ޔުނިޓް އާއި 200000 އޮސްޓްރޮނިމިކަލް ޔުނިޓް (0.03 - 3.2 އަލި އަހަރު)އާ ދެމެދުގެ ދުރުމިނެއްގައި އޮންނަ އޫޓް ކްލައުޑް ކިޔާ، ގަނޑުފެނުގެ އެތިކޮޅުތަކާއި އެތިގަނޑުތައް ގިނަ އަދަދަކަށް ހިމެނޭ ސަރަހައްދެއްގަ އެވެ.

ދުންތަރިއަކީ ކައުނުގެ ވަރަށް ދުރު ހިސާބެއްގައި އުފެދިގެން އަންނަ ކުދިކުދި ގަނޑުފެންކޮޅުތަކާއި ކާބަންޑައިއޮކްސައިޑާއި މެތޭން ފަދަ ގޭސްތަކާއި އަދި ހިރަފުހާ އެކުވެގެން އުފެދޭ އެއްޗެކެވެ. ދުންތަރި އިރާ ދިމާ އަށް ދަތުރު ކުރަމުންދާލެއް ބާރުކަމުން، އޭގެ ތެރެއިން ބައެއް ގޭސްތަކާއި ހިރަފުސް އެއިން ވަކިވެގެން ގޮސް، އެ ދުންތަރިއާ ގުޅިފައިވާ ނަގުލެއް ފަދަ ގޮތަކަށް ފެންނަ އެއްޗެއް އުފެދެނީ އެވެ

އާންމު ގޮތެއްގައި ދުންތަރި އެފެދިފައި ހުންނަނީ ކުދިކުދި ގަނޑުފެންކޮޅުތަކާއި ކާބަންޑައިއޮކްސައިޑާއި މެތޭން ފަދަ ގޭސްތަކާއި އަދި ހިރަފުހާ އެކުވެގެންނެވެ. ނަމަވެސް އެކި ދުންތަރި އެކި ކުލައިގައި ފެންނަނީ، އޭގައި އެކުލެވިފައިވާ ތަފާތު ގޭސްތައް ހިމެނޭ ނިސްބަތް ތަފާތުވުމުންނެވެ.

މިހާރު މިފެންނަ ދުންތަރި ފެހި ކުލައިގައި ފެންނަނީ، އޭގައި އެކުލެވޭ، ޑަޔަޓޮމިކް ކާބަން ކިޔާ ފެހި ކުލައިގައި ހުންނަ ގޭހަކާއި، އެއްވެސް ކުލައެއް ނުހުންނަ ވިހަ ގޭހެއް ކަމަށްވާ ސަޔާނަޖަންގެ ސަބަބުންނެވެ. ދުންތަރި އިރާ ކައިރިވަމުން އަންނަ ވަރަކަށް، އެ ދުންތަރިއެއްގައި ހިމެނޭ ގޭސްތަކުގެ މޮލިކިއުލްތައް ރޫޅި ވަކިވަމުން ނިގުލެއްގެ ސިފައިގައި ދެމިގެންދާ އިރު، އެ މޮލިކިއުލްތަކަށް އިރުގެ އަލި އެޅުމުން، އެކި ކުލައިގެ ނިގުލެއްގެ ސިފައިގައި ފެންނަނީ އެވެ. މި ދުންތަރި ފެހި ކުލައިގައި ފެންނަނީ، އޭގައި ހިމެނޭ ޑަޔަޓޮމިކް ކާބަން ކިޔާ ގޭހުގެ މޮލިކިއުލްތަކުގެ ސަބަބުންނެވެ.

މި ދުންތަރި އެންމެ ފަސޭހައިން ހަމަލޮލަށް ފެންނާނީ، އުޑުމަތި ސާފު އަދި އެހެން ސިނާއީ އަލިތައް ނުހުންނަ އަނދިރި ސަރަހައްދެއްގަ އެވެ. ހަމަލޮލުން ދުންތަރި ބަލަން ބޭނުންނަމަ، އެންމެ ރަނގަޅީ، ގާތްގަނޑަކަށް 20-30 މިނެޓް ވަންދެން އުޑުމަތީގެ އަނދިރިކަމުގެ ތެރެއަށް ބަލަން ހުރެ، އުޑުމަތީގެ އަނދިރިކަމުގެ ތެރެއަށް ލޯ ހޭނުވުމެވެ.

އަދި އެ ވަގުތުގެ ތެރޭގައި ފޯނުގެ ސްކްރީން ފަދަ އެހެން އަލިތަކަށް ނުބަލައި ހުރުމުން، ހަމަލޮލަށް ދުންތަރި ފާޅުވާން ފަށާލެއް އަވަސްވާނެ އެވެ. މި ދުންތަރި ފެންނަން ހުންނާނީ، ގަހާތަރި (ޕޮލަރިސް) އާ ވީ މިސްރާބުންނެވެ. ދުންތަރި އެންމެ ފަސޭހަ އިން ފެންނަން ފަށާނީ، މިރޭ ހަނދު އޮއްސުމަށް ފަހު، އުޑުމައްޗަށް އަނދިރިކަން ފެތުރުމުންނެވެ. މިރޭ ރާއްޖެއަށް ހަނދު އޮއްސޭނީ މެންދަމުން އަލިވެ 3:30 ހާއިރެވެ.