އުރީދޫ މޯލްޑިވްސް އިން "އަތޮޅު ރަން"ގެ ނަމުގައި ވާޗުއަލް ރަން އެއް މިއަދު އިއުލާނުކޮށްފި އެވެ.
މި މަހުގެ 28 ގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ދުވުން ކުރިއަށް ގެންދަން ރާވާފައިވާއިރު، މިއީ ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ ރަން އެވެ. މިއީ، ދިވެހިންނާ އެކު ކާމިޔާބު 15 އަހަރު ފުރިހަމަކުރުމުގެ އުފަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހާއްސަ އިވެންޓެއް ކަމަށް އުރީދޫން ބުންޏެވެ.
އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، އަތޮޅު ރަންގެ މައިގަނޑު މަގްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން ކަމަށެވެ.
"މި ދަނޑިވަޅުގެ ގޮތުން އަޅުގަނޑުމެން މި ރަން ވާޗުއަލް ރަންއެއް ގޮތުގައި ރާވާފައި މިވަނީ ގައިދުރުކަމުގެ މުހިންމުކަމަށް ވެސް ވަރަށް ބޮޑު އިސްކަމެއްދީގެން. އަތޮޅު ރަންއަކީ ފާއިތުވީ އަހަރުތަކުގައި އުރީދޫން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން ޑިޖިޓަލްކޮށް ގުޅުވާލަދިނުމުގައި ކުރެވިފައިވާ މަސައްކަތުގެ ރަމްޒެއް،" އޭނާ ވިދާޅުވި އެވެ.
މި ރަންގައި 20 އަތޮޅުން 20 ދުވުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. އަތޮޅު ރަން ކުރިއަށްދާ އިރު ސޯޝަލް މީޑިއާ މެދުވެރިކޮށް ރަންގެ ލައިވް ފޮޓޯ އާއި ވީޑިއޯތައް ފެންނާނެ އެވެ. މި ދުވުން ވެގެންދާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ވެސް ދައްކުވައިދޭނެ ދުވުމަކަށެވެ.
އަތޮޅު ރަންގައި ބައިވެރިވާ ދުވުންތެރިންނަށް ހިތްވަރުދީ މި ރަން ގެ އުފަލުގައި އެޗްޕީއޭ ގެ ގައިދުރުކަން ބަހައްޓަންޖެހޭ މިންގަނޑުގެ ތެރެއިން ބައިވެރިވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުރީދޫ މޯލްޑިވްސް އިން ދައުވަތު އަރުވަ އެވެ.