ތައިލޭންޑްގައި ރާއްޖޭގެ އެމްބަސީއެއް އިއްޔެ ހުޅުވައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ބުނެފައިވާ ގޮތުގައި "ތައިލޭންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިއްޔެ އެމްބަސީއެއް އުފައްދައި، އެ ތަނަކީ ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ތަނެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ހަމަޖައްސަވައިފަ އެވެ.
އެ ގައުމުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވީ، ބޭރު ދުނިޔެ އަށް ރާއްޖެ ތައާރަފު ކޮށްދިނުމަށާއި ތައިލެންޑާއި ރާއްޖެއާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ދާއިރާ އިން ގުޅުން އިތުރަށް ހަރުދަނާ ކުރުމަށެވެ.
މީގެ އިތުރުން ދިވެހި ވިޔަފާރިވެރިންނަށް ތައިލެންޑުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި ރާއްޖެ އާއި ތައިލެންޑާ ދެމެދު އެކުވެރިކަން ބަދަހިކުރުން ވެސް، އެމްބަސީ ހުޅުވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަން ރައީސް އޮފީހުން ފާހަގަކުރި އެވެ.
ތައިލެންޑުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވި އިރު، ރާއްޖޭގެ ފަރާތުން އެ ގައުމަށް ކަނޑައަޅާ ސަފީރަކަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ވަނީ ހަމަޖައްސަވައިފަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން މިިދިޔަ އަހަރުގެ ޖޫން މަހު ނަޝީދަށް ރުހުން ދީފައިވީ ކަމުގައި ވިއަސް ސަފީރުގެ ފަތްކޮޅެއް އަދި ނާރުއްވަ އެވެ.