ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގައި މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގެންނެވި މުހައްމަދު ނަޝީދު (ކާނަލް) ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
މި މައްސަލައިގައި ފުރަތަމަ އަޑުއެހުން ބާއްވާފައިވާއިރު ދެ ވަނަ އަޑު އެހުމެއް މާދަމާ ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. ފުރަތަމަ އަޑުއެހުމުގައި އޮތީ ދައުވާ އިއްވުމެވެ.
ކާނަލް މިއަދު ވިދާޅުވީ އިންތިހާބުގައި އޮޅުވާލައިގެން ފަސް މެމްބަރަކު ލައްވައި ވޯޓް ލާފައިވާ ކަމަށާއި އަދި ދިވެހި ސިފައިންގެ ކްލަބަށް ވޯޓްލުމުގެ ހައްގު ދީފައިނުވާ ކަމަށެވެ. މީގެ އިތުރުން ވެސް އިންތިހާބުގައި ނުފޫޒު ބޭނުންކޮށް ބޭއިންސާފުން އެތައް ކަމެއް ކޮށްފައިވާ ކަމަށް އެ ފަރާތުން ބުނެ އެވެ.
"އެފަދަ ބައިވަރު މައްސަލަަތައް ހުރުމުން އަޅުގަނޑު ނިންމީ މައްސަލަ ކޯޓަށް ހުށަހަޅަން. އަޅުގަނޑު އެދިފައި އޮންނާނީ އެ މައްސަލަތައް ބަލައި ފައިސަލާކުރުވަނިވި ހުކުމެއް އިއްވައިދިނުމަށް،" ކާނަލް ވިދާޅުވި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ތިން ވަނަ ދައުރަކަށް މުހައްމަދު ރިޔާޒް އިންތިހާބުވެވަޑައިގަތީ، އިންތިހާބުގެ ފުރަތަމަ ބުރުގައި ކާނަލްއާ އެއްވަރުވެ، އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުން ކުރި ހޯއްދަވައިގެންނެވެ.