ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ވަޒީފާ އަދާ ކުރާ އުމުރުން 35 އަހަރުގެ އަބްދުއްރަހުމާން ރަފީއުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.
އެ މައްސަލާގައި ހައްޔަރު ކުރި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވެސް އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓައި ރޭގެ ވަގުތެއްގައި ހައްޔަރު ކުރުމަށް ފަހު މިއަދު ވަނީ އއ. ރަސްދޫ ކޯޓަށް ގެންގޮސް ހަތް ދުވަހުގެ ބަންދެއް ޖަހައިފަ އެވެ.
އަލަމްގީރާއެކު އެއްޖިންސުން އެތައް ބަޔަކު ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާއިރު ފުލުހުން ބުނީ މީހުން ހައްޔަރުކުރަން ފެށީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކަމަށެވެ.
ވީޑިއޯތަކުން ފެންނަ މީހުންގެ ފޮރެންސިކް އެނަލިސިސް ހަދަމުން އަންނަ ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް އެ ކަން ކުރުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.