ރާއްޖެ އާއި މޮރިޝަސްްއާ ދެމެދު ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީސް (އިޓްލޮސް) އިން ނިންމާފައިވީ ނަމަވެސް ކުރިން ވެސް އޮތް ގޮތަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވާފައިވަނިކޮށް، އެ ސަރަަހައްދުން ބޭރުގެ ދެ މަސް ބޯޓެއް ދިވެހި ކޯސްޓްގާޑުން ހުއްޓުވައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހިމަނާފައިވާ ފޮޓޯތަކަކުން ފެންނަނީ ސްރީ ލަންކާގެ ދެ މަސް ބޯޓެއް ހުއްޓުވައި، އެ ސަރަހައްދުގައި ރާއްޖޭގެ ކޯސްޓް ގާޑުގެ ދަރުމަވަންތަ މަނަވަރު ހަރަކާތްތެރިވާ ތަނެވެ. 

ފޮޓޯއިން ފެންނަ ގޮތުގައި ލަންކާގެ ދެ މަސް ބޯޓު ހުއްޓުވާފައިވަނީ އައްޑޫ ގަމާ 104 ނޮޓިކަލް މޭލު ބޭރުން މިއަދެވެ. އެ ދެ ބޯޓު ވަށާ ކޯސްޓް ގާޑުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެންނައިރު، މިކަމާ ގުޅޭ ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.

އެ ދެ ދޯނި ހުއްޓުވި ނަމަވެސް، ދޯނި ހިފަހައްޓައި އެ އަށް ފިޔަވަޅު އެޅި ކަމެއް ސާފެއް ނުވެ އެވެ. 

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވަނީ އިޓްލޮސްގެ ނިންމުން ބަލައިނުގަނެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ކުރިން ވެސް އޮތް ސަރަހައްދު ކަމަށް ބަލައިގަންނަކަން ހާމަކުރައްވައިފަ އެވެ. 

ރައީސް ވިދާޅުވި ގޮތުގައި ކަނޑުގެ ސަރަަހައްދުތަކާ ބެހޭ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ އެވެ.

ރައީސްގެ އެ ނިންމެވުމާ އެކު، ޑިފެންސް މިނިސްޓްރީން މިއަދު ބުނީ އެ މަނިކުފާނު އެގޮތަށް އިއުލާން ކުރައްވާފައިވާތީ، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދު ދިފާއުކޮށް، ބަލަހައްޓަން ދިވެހި ސިފައިންގެ ގާބިލުކަން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ ބަޔާުނުގައި ބުންޏެވެ.

"ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހި ކަނޑުތަކުގައި ގާނޫނީ ހަމަތަކުގެ މަތިން އިގުތިސާދީ އަދި އިޖުތިމާއީ ނަފާ އައި މަންފާ ހާސިލުކުރުމަށް ފަހި، އަމާން އަދި ރައްކާތެރި ވެއްޓެއް ގާއިމްކޮށްދިނުަމަށްޓަކައި ކުރަން ޖެހޭ އެންމެހާ ކަންކަން ދިވެހި އަސްކަރިއްޔާ އިން ކުރަމުން ގެންދާނެ" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމާ ބެހޭގޮތުން ރާއްޖެ އިން މިހާތަނަށް ސޮއިކުރީ ރާއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ނުލިބޭ ގައުމުތަކާ އެކު ކަނޑުގެ ސަރަހައްދު ބެހުމަށް 1976 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގައި އެކަންޏެވެ. އެފަދަ އިތުރު އެއްބަސްވުމެއްގައި އެހެން ފަރާތަކާ އެކު ރާއްޖެއިން ސޮއިކޮށްފައި ނުވާތީ، އެ ނޫން ހުރިހާ ސަރަހައްދުތަކުން ރާއްޖެ އަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބަލާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. 

މޮރިޝަސްއިން އިޓްލޮސް އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން 2022 ވަނަ އަހަރު އިޓްލޮސްއިން ވަނީ ޑިއޭގޯ ގާސިއާ (ފޯޅަވަހި) އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގެން، އެ ގައުމާ ރާއްޖެެއާ ދެމެދު ކަނޑުގެ ސަރަހައްދު އަލުން ކަނޑައަޅައިފަ އެވެ.

ރާއްޖޭގެ ދެކުނުން ރާއްޖެ އާއި މޮރިޝަސްއަށް 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދެއް ނުލިބޭތީ އުފެދުނު އެ މައްސަލާގައި އިޓްލޮސްއިން އެ ސަރަހައްދު ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. 

އޭގެ ކުރިން ފޯޅަވައްސަކީ އިނގިރޭސީންގެ ތަނެއްގެ ގޮތުގައި ބަލަމުން އައިސްފައިވާތީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބަހާކަށް ނުޖެހެ އެވެ.