ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަނުންނަށް އިނާމުގެ ފައިސާ ނުދޭ މައްސަލައެއް ބައެއް ކްލަބްތަކުން ފެންމަތިކޮށްފި އެވެ.

ކްލަބް މޯލްޑިވްސް އިން ޗެމްޕިއަން ޓީމަށް ފައިސާ ނުދޭ މައްސަލަ ފެންމަތިވީ، މުޅިން އަލަށް މި އަހަރު އެ މަގާމު ހޯދި ވެމްކޯ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ނަދީމް (ކޮކޯ) ފޭސްބުކްގައި ހިއްސާކުރި ޕޯސްޓާކާ އެކު އެވެ.

"ކްލަބް މޯލްޑިވްސް ކަޕް 2023 ޗެމްޕިއަނަށް ދޭން ޖެހޭ ފައިސާ އަދިވެސް ނުދޭ. ކޮންމެ ފަހަރަކު ޖެހެނީ މި މީހުން ކައިރީ އާދޭސް ކޮށްގެން ހޯދަން،" ނަދީމްގެ ޕޯސްޓުގައި ވެ އެވެ.

ނަދީމްގެ ޕޯސްޓު ޝެއާކޮށް، މިދިޔަ އަހަރުގެ ޗެމްޕިއަން ފެނަކަ ޓީމުގެ ފޯވާޑް އަޔާޒް އަހުމަދު (އަޔާ) ބުނީ، "ކްލަބް މޯލްޑިވްސް 2022 ގައި ފެނަކައަށް ލިބެންޖެހޭ ފައިސާއެއް ވެސް އަދި ނުލިބޭ" ކަމަށެވެ.

މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް މުބާރާތުގައި މުޅިން އަލަށް ވެމްކޯ ތަށި އުފުލައިލީ މީގެ ދެ މަސް ކުރިން ކުޅުނު ފައިނަލްގައި 5-3 އިން އާރުއާރުސީ ބަލިކޮށްފަ އެވެ. މިދިޔަ އަހަރު ޓީމް ފެނަކަ ފުރަތަމަ ފަހަރަށް ތަށި ހޯދީ ފައިނަލްގައި 2-1 އިން އެމްޕީއެލް ބަލިކޮށްފަ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން ޓީމަށް ދޭން ހަމަޖެހިފައި ވަނީ 65،000ރ. ގެ ފައިސާގެ އިނާމެކެވެ. ނަމަވެސް ޗެމްޕިއަން ޓީމަށް ފައިސާ ނުދީ، މި އަހަރުގެ މުބާރާތް ބޭއްވީ ކުރީ އަހަރުތަކާ ހިލާފަށް، ބަދަލަކާ އެކު އިތުރު ދެ މުބާރާތާ ވެސް އެކު އެވެ. ކޮންމެ މުބާރާތެއްގައި ވެސް ބައިވެރި ކުރީ ރަޖިސްޓްރޭޝަން ފީއެއް ދެއްކުމަށް ފަހު އެވެ.

މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި 28 ޓީމަކުން ވާދަކުރީ ކޮންމެ ޓީމަކުން 6،500ރ. ގެ ފީއެއް ދައްކައިފަ އެވެ. އަންހެނުންގެ 18/30 ފިއެސްޓާގައި ބައިވެރިވި ތިން ޓީމުގެ އަތުން ފީއެއްގެ ގޮތުގައި 5،500ރ. ނެގި އެވެ. މި އަހަރު މުޅިން އަލަށް ބޭއްވި ކްލަބް މޯލްޑިވްސް ކްލެސިކް މުބާރާތުގައި 24 ޓީމު ވާދަކުރީ ކޮންމެ ޓީމަކުން 5،000ރ. ގެ ފީއެއް ދައްކައިފަ އެވެ. އަންހެނުންގެ 18/30 ކްލެސިކް މުބާރާތުގައި 8 ޓީމު ވާދަކުރީ ރަޖިސްޓްރޭޝަނަށް 5،000ރ. ދައްކައިފަ އެވެ. މިއީ ޖުމްލަ 63 ޓީމު އަތުން 304،500ރ. އެވެ.

މި އަހަރުގެ މުބާރާތް ފެށުމުގެ ކުރިން ކްލަބް މޯލްޑިވްސް އިން ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ބައެއް ކުޅުންތެރިންނާއި ޓީމުތައް ސަސްޕެންޑްކޮށް، ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ފައިނަލް މެޗުގެ ހަމަނުޖެހުންތަކާ ގުޅިގެން ފެނަކަ ޓީމު 10،000ރ. އިން ޖޫރިމަނާ ކުރި އެވެ. އެމްޕީއެލް ޓީމުގެ އަލީ ހައިސަމް (ޗުމްޕު) 3،000ރ. އިން ޖޫރިމަނާ ކުރިއިރު އެމްޕީއެލް ޖޫރިމަނާ ކުރީ 5،000ރ. އިންނެވެ. ސެމީ ފައިނަލްގައި ކުޅުނު އެޗްޑީސީ 10،000ރ. އިން އަދި އެ ޓީމުގެ އަބްދުﷲ ޝާފިއު (ޝާއްޕެ) 5،000ރ. އިން ޖޫރިމަނާ ކުރި އެވެ.