މީޑީއާ ޓީމަކާއި ކްލަބް މޯލްޑިވްސް ކަޕްގެ ޓީމްތަކުގެ ކޯޗުން ހިމެނޭ ޓީމު ބައްދަލުކުރި ހާއްސަ މެޗަކާ އެކު، މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފަށައިފި އެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ، މިއަހަރުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ މުބާރާތުގައި ވާދަކުރާ ޓީމުތައް ތައާރަފްކޮށް، ޓީމުތަކުގެ ޖޯޒީތައް ދައްކާލައިފަ އެވެ.
ޖޯޒީތައް ދައްކާލުމަށް ފަހު، މުބާރާތުގައި ފެންނާނެ ކޯޗުންގެ ތެރެއިން ހޮވާލެވޭ ޓީމަކާއި، ރާއްޖޭގެ ކުޅިވަރު ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީޑިއާގެ އެކިއެކި ފަރާތްތައް ހިމެނޭ ޓީމު ބައްދަލުކުރި މެޗު 4-2 އިން ކާމިޔާބު ކުރީ ކޯޗުންގެ ޓީމެވެ.
މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ރާވާފައި ވަނީ ހަތަރު މުބާރާތެއް ކުރިއަށް ގެންދާގޮތަށެވެ. އެއީ ފިރިހެން ޑިވިޝަނުގެ ދެ މުބާރާތަކާއި އަންހެން ދެ މުބާރާތެކެވެ. ފިރިހެން ޑިވިޝަނުގައި ހިމެނެނީ ކްލަބް މޯލްޑިވްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް އެވެ. އަދި އަންހެން ޑިވިޝަނުގެ މުބާރާތް ކަމަށްވާ 18/30 ފިއެސްޓާގެ އިތުރުން 18/30 ކްލަސިކް ވެސް މިއަހަރު ކުރިއަށް ގެންދާނެ އެވެ.
ސަރުކާރު މުވައްޒަފުންނަށް ހާއްސަ ކްލަސިކް
މިއަހަރު އަލަށް ބާއްވާ ކްލަސިކް މުބާރާތްތަކަކީ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ހާއްސަ މުބާރާތެކެވެ. މިއާ އެކު، މިއަހަރުގެ ފުރަތަމަ ޑިވިޝަން ފުޓުބޯޅަ އާއި ގައުމީ ޓީމުގެ ކުޅުންތެރިންނަށް މި މުބާރާތުގައި ވާދަ ނުކުރެވޭނެ އެވެ.
ހަމަ އެއާ އެކު ކްލަބް މޯލްޑިވްސް ކަޕްގެ މައި މުބާރާތުގައި ކުޅޭ ސަރުކާރުގެ އޮފީސްތަކަށް ވެސް ކްލަސިކް މުބާރާތްތަކުގައި ނުކުޅެވޭނެ އެވެ. ކްލަސިކް ތައާރަފް ކުރުމުގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް އެއް ފެންވަރެއްގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ.
ކްލަބް މޯލްޑިވްސް ކަޕް ފިރިހެން ޑިވިޝަނުގައި 32 ޓީމު ވާދަކުރާއިރު، ޓީމުތައް ވަނީ އަށް ގުރޫޕަކަށް ބަހާލައިފަ އެވެ. ދެވަނަ ބުރަށް ދަތުރުކުރާނީ ކޮންމެ ގުރޫޕަކުން ވެސް ގަދަ ދެ ޓީމެވެ.
އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ އޮތީ މީޑިއާނެޓް، ކްލަބް އެވްސެކް އަދި އަލަށް ވާދަކުރާ ކްރޮސްރޯޑްސް އާއެކު ގުރޫޕް ޖީގަ އެވެ. ރަނަރަޕް އެމްޕީއެލް ހިމެނެނީ ޓީމް އެލައިޑް، ކްލަބް ޓީޓީއެސް އަދި ގޭސް ކްލަބާއެކު ގުރޫޕް ސީގަ އެވެ. ސްޓެލްކޯ ކްލަބް، މޯލްޑިވިއަން، ޓީމް އެމްޓީސީސީ، ޓީމް ބަރޮސް ގުރޫޕް އޭގައި އޮތްއިރު ގުރޫޕް ބީގައި ހިމެނެނީ ވެމްކޯ، ޓީމް އެފްއެސްއެމް، ޓީމް އާރްއޯއެލް، އުރީދޫ އެވެ.
ގުރޫޕް ޑީގައި ހިމެނެނީ ލްކަބް އާބަންކޯ، އެމްއޭސީއެލް، ކްލަބް އިމިގްރޭޝަން، ޕޮލިސް ކްލަބެވެ. ގުރޫޕް އީގައި ހިމެނެނީ އެޓީއޯ އާރުސީ، ކްލަބް އެއާޕޯޓްސް، ޔުނައިޓެޑް ބީއެމްއެލް، ޓްރީ ޓޮޕް ހޮސްޕިޓަލް އެވެ. ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ކްލަބް ފެން، ކްލަބް އާސަންދަ، ޕްރިޒަން ކްލަބް ހިމެނެނީ ގުރޫޕް އެފްގަ އެވެ. އާރުއާރުސީ، ކަސްޓަމްސް އާރުސީ، ކްލަބް ޓީއެމްއޭ އަދި އީއާރު އެފްސީ ހިމެނެނީ ގުރޫޕް އެޗްގަ އެވެ.
ފިރިހެން ޑިވިޝަނުގެ ކްލަސިކް މުބާރާތުގައި ހިމެނޭ 24 ޓީމު ވަނީ ހަ ގުރޫޕަކަށް ބަހާލައިފަ އެވެ. ކޮންމެ ގުރޫޕަކުން ގަދަ ދެ ޓީމަށް ދެވަނަ ބުރުން ފުރުސަތު ލިބޭއިރު، ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރު ޓީމަށް ވެސް އެ ފުރުސަތު ލިބޭނެ އެވެ.
ކްލަސިކް މުބާރާތުގައި ރާއީސް އޮފީސްހުގެ ޓީމް، ޕްރެޒިޑެންޓްސް އޮފީސް އެސްސީ ވެސް ބައިވެރި ވެއެވެ. އެޓީމު ހިމެނެނީ ޖެންޑާ މިނިސްޓްރީގެ ޓީމް ބަދަހި، ޕީޖީ އޮފީހުގެ ކްލަބް 220 އަދި މީޓިއޮރޮލޮޖީ އާއެކު ގުރޫޕް ޑީގަ އެވެ.
އޮޑިޓާ ޖެނެރަލްސް އާރުސީ އާއި ހާރިޖީ، ހަޔާ އެޑިއުކޭޝަން، ހެލްތު އާރުސީ ހިމެނެނީ ގުރޫޕް އީގަ އެވެ. ގުރޫޕް އެފްގައި ހިމެނެނީ ފެހި ފަހި ކްލަބް، އެމްއެމްއޭ އެސްސީ، މީރާ އެސްސީ، އުމްރާނީ ކްލަބެވެ.
ގުރޫޕް އޭގައި ހިމެނެނީ ޓްރޭޑް ކްލަބް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ އާރުސީ)، ޔޫތު މިނިސްޓްރީ (ކްލަބް އެމްވައިއެސް)، ޓީމް ޕެމާ އެވެ. ހުޅުމާލޭ ހޮސްޕިޓަލް، އެހްޕީއެސްއެން، ޕީއެސްއެމް، ހޯމް އެފެއާސް އާރުސީ ގުރޫޕް ބީގައި ހިމެނޭއިރު، ޓީމް ޑީޖޭއޭ، ޓްރާންސްޕޯޓް އާރުސީ، ތައުލީމީ ގުޅުން، އައިޖީއެމްއެވޗް ކްލަބް ހިމެނެނީ ގުރޫޕް ސީގަ އެވެ.
އަންހެން ޑިވިޝަނުގައި ކްލަސިކް މުބާރާތަށް ބޮޑު ތަރުހީބެއް
އަންހެން ޑިވިޝަންގައި އެންމެ ގިނަ ޓީމު ބައިވެރިވީ 18/30 ކްލަސިކް މުބާރާތުގަ އެވެ. މި ބައިގައި އަށް ޓީމު ވާދަކުރެ އެވެ. ގުރޫޕް އޭގައި އައިޖީއެމްއެޗް ކްލަބް، އެމްޕީއެލް، ވެމްކޯ، ޓީމް އެމްއޭސީއެލް ހިމެނޭއިރު، ގުރޫޕް ބީގައި ހިެމނެނީ ހުޅުމާލޭ ހޮސްޕިޓަލް، ޕްރިޒަން ކްލަބް، މީރާ އެސްސީ، ކްލަބް އެމްވައިއެސް އެވެ.
އަންހެން 18/30 ފިއެސްޓާގައި ވާދަކުރާ ޑީއެސްސީ، އެމްޕީއެލް، ޓީމް ފެނަކަ އަދި ޕޮލިސް ކްލަބް ޖެހޭނީ ފުރަތަމަ ލީގު ބުރެއް ކުޅޭށެވެ. ފައިނަލަށް ދާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން، އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތުގެ ކުޅުން މިއަދު ހަވީރު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވާއިރު، އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތްތައް ކުރިއަށް ދާނެ އެވެ.
މިއަދު ހަވީރު މުބާރާތް ފަށާނީ ކްލަބް މޯލްޑިވްސް ކަޕް މުބާރާތުގެ ގުރޫޕް އޭ އާއި ބީގެ މެޗަކުންނެވެ. ހަވީރު 5 ޖަހާއިރު އެއް ދަނޑުގައި ސްޓެލްކޯ އާއި މޯލްޑިވިއަން ބައްދަލުކުރާއިރު،، އަނެއް ދަނޑުގައި ކުރިއަށް ދާނީ ވެމްކޯ އާއި އެފްއެސްއެމްގެ މެޗެވެ. އެއަށް ފަހު މިރޭ 8:05 ގައި އެމްޓީސީސީ އާއި ބަރޮސް އަދި އާރްއޯއެލް އާއި އުރީދޫ ވެސް ބައްދަލުކުރާނެ އެވެ.
އޭގެ ފަހުން އޮތީ ކްލަސިކް މުބާރާތުގެ ދެ މެޗެވެ. އެއީ ގުރޫޕް އޭގެ ޓްރޭޑް ކްލަބާއި އޭސީސީ އަދި ގުރޫޕް ބީގެ ހުޅުމާލޭ ހޮސްޕިޓަލާއި އެޗްޕީއެސްއެން ބައްދަލުކުރާ މެޗެވެ.