އެމްޕީއެލް އާއި ފެނަކަ ބައްދަލުކުރި މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފައިނަލް މެޗަށް ފަހު ހިނގައިދިޔަ މާރާމާރީއާ ގުޅިގެން މައްސަލަ ތަހުގީގުކޮށް، ފެނަކަ ޓީމަށް ކުޅުނު އިބްރާހިމް މުބީން (މުއްކި) ތިން އަހަރަށް ސަސްޕެންޑް ކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗު 2-1 އިން ފެނަކަ ޓީމު ކާމިޔާބު ކުރުމާ އެކު މުއްކި އާއި އެމްޕީއެލް ޓީމުގެ އަލީ ހައިސަމް (ޗުމްޕު) އާ ދެމެދު ހިނގި މާރާމާރީ ގައި ޗުމްޕުގެ އަތުގެ އިނގިއްޔެއް ޗިސްވެގެން ހޮސްޕިޓަލުން ފަރުވާ ހޯދަން ވެސް ޖެހުނެވެ.

ޑިސިޕްލިނަރީ މައްސަލަ ބެލުމަށް ފަހު ކްލަބް މޯލްޑިވްސް އިން މުއްކި ތިން އަހަރަށް ސަސްޕެންޑް ކުރުމުގެ އިތުރުން ވަނީ ފެނަކަ ޓީމު 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބް އީގަލްސް ގެ ޔޫތު ޓީމަށް ކުޅެމުން ވިދާލި މުއްކި ވަނީ އެޓީމުގެ ސީނިއާ ސްކޮޑުގައި ވެސް މީގެ ކުރިން މުހިއްމު ކުޅުމެއް ދައްކައިފަ އެވެ. އަދި އޭނާ ވަނީ އުމުރުފުރާތަކުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

ފުޓްސަލް އަށް ވަގުތު ދޭން ވެގެން، ހަތަރު އަހަރު ވަންދެން ފުރަތަމަ ޑިވިޝަނާ ދުރުގައި ހުރުމަށް ފަހު މިދިޔަ މަހު މުއްކި ވަނީ އަލުން އީގަލްސް ޓީމާ ގުޅި ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ފެނަކަ އާއި މުއްކިގެ އިތުރުން، ޗުމްޕު އާއި އެމްޕީއެލް އަށް ވެސް އަދަބު ދޭން ކްލަބް މޯލްޑިވްސް އިން ވަނީ ނިންމައިފަ އެވެ. ޗުމްޕު 3،000 ރުފިޔާއިން ޖޫރިމަނާ ކުރި އިރު އެމްޕީއެލް ޓީމު ވަނީ 5،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

މީގެ އިތުރުން ސެމީ ފައިނަލް ގައި އެމްޕީއެލް އިން ޕެނަލްޓީ ޖަހައިގެން ކްލަބް އެޗްޑީސީ ބަލިކުރި މެޗުގައި، އެޗްޑީސީގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތަކުގެ ސަބަބުން އެޗްޑީސީ ވަނީ 10،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ. އެޗްޑީސީގެ އެސިސްޓެންޓް ކޯޗު އަހުމަދު ސިނާން މުހައްމަދު ދެ އަހަރަށް ސަސްޕެންޑް ކުރި އިރު، އެޓީމަށް ކުޅުނު އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ އެއް މެޗަށް ސަސްޕެންޑް ކޮށް 5،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފެށުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 27 ވަނަ ދުވަހު އެވެ.