މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލާފައިވާ މީހެއްގެ އަދަބު ލުއިކޮށްދީ އެ މީހާ ޖަލުން ދޫކޮށްލިކަން ހާމަވުމާ އެކު، ކަމާ ބެހޭ އިދާރާތަކަށް ދެން އޮންނާނީ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނެތްކަން ސާބިތުކޮށްދޭން ވާހަކަ ދެއްކުމެވެ. އެހެންވެ މި ވާހަކަ ދައްކަން މި ފަށަނީ ވެސް އޭނާ ދޫކޮށްލުމުގެ ގާނޫނީ ކަންކަމާ މެދު ސުވާލެއް އުފެއްދުމަކާނުލަ އެވެ. އެއީ މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އޮތް ގޮތުގެ ސަބަބުން، އެ ބަހުސްގެ މާނައެއް ނެތީމަ އެވެ.

ރައްޔިތުންގެ މަޖިލީހުން 2010 ގައި ފާސްކުރި މި ގާނޫނުގެ ވާހަކަ ދައްކާއިރު ސާފުކޮށް އެނގެން ޖެހޭ މުހިންމު ކަމެއް އެބަ އޮތެވެ. އެއީ ބޮޑެތި ކުށްތަކަށް އެ ގާނޫނުގެ ދަށުން މާފު ނުދެވުނު ކަމުގައި ވިޔަސް އަދަބު ލުއިކޮށްދެވޭ ގޮތަށް އޮތް އޮތުމެވެ. އެއީ ވެސް އާންމު ހާލަތުގަ އެވެ. އެ އާންމު ހާލަތުން ނެއްޓި، ގާނޫނުގެ ވަކި ހިސާބަކުން ރައީސަށް ދީފައި އޮންނަ ބާރުން މި ހުރިހާ ވާހަކައެއް ދައްކަން ޖެހޭ ސަބަބެއް ވެސް ނެތެވެ.

ގާނޫނުގައި ބުނާ ގޮތުން، މާފު ނުދެވޭނެ ކުށްތަކަކީ؛

- މީހަކު މެރުމުގެ ކުށް

- އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށް.

- ޓެރަރިޒަމްގެ ކުށް

- ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށް

- މަސްތުވާ ތަކެތީގެ ވިޔަފާރިކުރުމުގެ ކުށް

- ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ ކުށް

- އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް

މި ނޫން ކުށްތަކަށް، ހުކުމުގެ ހަތަރުބައިކުޅަ އެއް ބައި ތަންފީޒުކުރުމަށް ފަހު ލުއި ހޯދަން އެދެވޭނެ އެވެ. އެކަމަކު ގާނޫނުގެ ބޮޑު ބާގަނޑަކަށް އޮތީ، މި ކުށްތަކަށް ވެސް ލުއި ދީ މުޖުރިމުން މިނިވަންކުރުމަށް ފުރުސަތު ލިބޭ ގޮތަށެވެ.

އެއީ ގާނޫނުގެ 29 ވަނަ މާއްދާގެ ނ. އިން ރައީސަށް ލިބިދޭ ބާރެވެ. އެ މާއްދާގައި އޮންނަނީ މިހެންނެވެ؛

"ޖިނާއީ ކުށުގެ ހުކުމް އިއްވާފައިވާ މީހެއްގެ އުމުރަށް ބަލައި ނުވަތަ އޭނާ ގައި ހުރި ބައްޔަކަށް ބަލައި، ނުވަތަ އޭނާ ހޯދަމުންދާ ފަރުވާއަކަށް ބަލައި، ނުވަތަ އޭނާ ހުރި ވަގުތަށާއި ހާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމުގައި އޭނާގެ އަދަބު ލުއިކޮށްދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ."

ދެން ޖެހެނީ މި ބޮޑު ބާރު ދީފައިވާ މާއްދާގެ މުހިންމު ބަސްތައް މާނަކޮށްފައި ހުރި ގޮތް ބަލާށެވެ. ގާނޫނުގައި އެ މާނަ ދީފައި އެބަ އޮތެވެ.

ހުކުމެއް ކުރާ ވަގުތު، ހުކުމް ތަންފީޒުކުރަން ފެށުމުގެ ކުރިން ވެސް މި މާއްދާގެ ދަށުން "އަދަބު ލުއިކޮށްދޭން" ރައީސަށް ގާނޫނީ ބާރު އެބަ އޮތެވެ. އެއީ ރައީސްގެ އިސްނެގުމަށް އަދަބު ލުއިކޮށްދެވޭނެތީ އެވެ. އާންމު ހާލަތުގައި، އަދަބަށް ލުއި ހޯދަށް ނުވަތަ މާފު ހޯދަށް ހުށަހެޅޭނީ ހުކުމުގެ ހަތަރު ބައިކުޅަ އެއް ބައި ތަންފީޒުކޮށްފައި ކަމަށް ވިޔަސް ރައީސަށް ލިބިދޭ ބާރުގައި އެކަމަށް ބަލަން ޖެހޭނެ ކަމަކަށް ނެތެވެ.

ރައީސަށް ބާރުދޭ މާއްދާގައި "ހުރި ވަގުތަށާއި ހާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި" އަދަބު ލުއިކޮށްދެވޭނެ ކަމަށް ބުނާތީ މިއީ ވެރިޔަކަށް ހުންނަ މީހާގެ އިހުތިޔާރަށް މިހާ ބޮޑު ކަމެއް ދޫކޮށްލާފައި އޮތުމެވެ.

ގާނޫނުގައި "އިންސާނިއްޔަތުކަމުގެ ނަޒަރުން" ކަމަށް މާނަކޮށްފައި އޮތީ "އިންސާނަކަށް ހަމްދަރުދީވެ އޯގާތެރިވާން ޖެހޭ އެންމެހާ ހާލަތްތައް" ކަމަށެވެ. ދެން އޮތީ ގާނޫނުގައި އެ ބުނާ "އަދަބު ލުއިކުރުން" މި އެވެ. އޭގެ މާނަ އޮތީ މީހާ މިނިވަންކޮށް ދޫކޮށްލެވޭ ގޮތަށް މާނަކޮށްފަ އެވެ. ގާނޫނުގައި ބުނަނީ އަދަބު ލުއިކޮށްދިނުމަކީ "މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް، އެ އަދަބަށް ވުރެ ލުއި އަދަބަކަށް ޝަރުތަކާ އެކު ނުވަތަ ޝަރުތަކާ ނުލައި ނަމަވެސް ބަދަލުކޮށްދިނުމާއި، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއްގެ މުއްދަތު ކުރުކޮށްދިނުމާއި، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް ތަންފީޒުކުރުން ފަސްކޮށްދިނުން" ކަމަށެވެ.

އެހެންވެ ކިތަން ބޮޑު ކުށެއްގައި ކިތަންމެ ބޮޑު ހުކުމެއް އަންނަ މީހާ އަށް ވެސް ހަމްދަރުދީވެ، ހުކުމް ތަންފީޒުކުރަން ފަސްކޮށްލެވިދާނެ އެވެ. އެ ހިސާބުން އެ މިނިވަންވީ އެވެ. އެހެންކަމުން އެއީ ގާނޫނާ ހިލާފަށް ރައީސް ނިންމެވި ކަމެކޭ ބުނެވޭކަށް ނެތެވެ.

ހުކުމް ތަންފީޒުކުރުން ފަސްނުކޮށް، ހުކުމުގެ މުއްދަތު އެންމެ ދުވަހަކަށް ކުރު ވެސް ކޮށްލެވިދާނެ އެވެ. ޖަލުން ދޫކޮށްލުމުން، ވަކި މުއްދަތެއްގެ ތެރޭގައި ކުށެއް ނުކުރާ ނަމަ މާފުދޭ ގޮތަށް ވެސް ހެދިދާނެ އެވެ. މިއިން އެއްވެސް ކަމަކީ ގާނޫނާ ހިލާފް ކަމެއް ނޫނެވެ.

ސައުވީސް ކިލޯ ޑްރަގްސް އެތެރެކުރި މައްސަލާގައި 25 އަހަރަށް ޖަލަށްލި އަބްދުﷲ ސޮފްވަތު ޖަލުން ދޫކޮށްލުމުގެ ނިންމުމާ ބެހޭ ގޮތުން "މިހާރު" އަށް ވާހަކަ ދެއްކެވި ސަރުކާރުގެ އޮފިޝަލަކު، ރައީސަށް ލިބިދީފައި މި އޮންނަ އިހްތިޔާރާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ މި ބާރު ރައީސަށް އޮތް ނަމަވެސް އެގޮތަށް ރައީސް ނުހައްދަވާނެ ކަމަށެވެ.

"ގާނޫނުގައި އެއްވެސް ރެސްޓްރިކްޝަނެއް [ހުރަހެއް ނޯންނާނެ] އަދަބު ލުއިކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަކަށް. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެހެންނެއް ނުހައްދަވާ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްލެމެންސީ ނުވަތަ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދެވޭނީ ހުކުމުގެ ހަތަރުބައިކުޅަ އެއް ބައި ތަންފީޒުކުރުމަށް ފަހުގައި ކަމަށް ގާނޫނުގައި އޮންނާތީ ރައީސް ވެސް އެ އުސޫލު ހިފަހައްޓަވާ ކަމަށާއި އެކަމަކު އެގޮތަށް އަމަލުކުރައްވަނީ ގާނޫނުން އެގޮތަށް ލާޒިމްކުރާތީ ނޫން ކަމަށެވެ. އަދި މީގެ އިތުރުން ޖަލުގައި އެ މީހެއްގެ އުޅުން ހުރި ގޮތް ބެލުމާއި އެހެން ކަންކަމަށް ވެސް ބައްލަވާފައި ނޫނީ ރައީސް މީހެއްގެ އަދަބު ލުއި ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ރައީސްގެ ކްލެމެންސީ އަކީ އޮނަވިހި ވަނަ މާއްދާއިން ރައީސަށް ލިބިދޭ ހާއްސަ މުތުލަގު ބާރެއް. އެހެންވީމަ އެކަން ކުރާއިރުގައި ވެސް އަޅުގަނޑުމެން އެ ރެކޯޑްސް އެބަ ގެންނަން. ރެކޯޑްސް ގެންނައިރުގައި އޭނާ އިސްލާހުވެފައި ހުރި މިންވަރަށް އެބަ ރިއާޔަތްކުރަން،" ޖަލަކީ އަދަބު ދިނުމުގެ އިތުރުން މީހުން އިސްލާހުކޮށް މުޖުތަމައުއަށް އަނބުރާ ގެނައުމަށް ވެސް ބޭނުންކުރާ ތަނެއްކަން ފާހަގަކުރައްވަމުން އޮފިޝަލް ވިދާޅުވި އެވެ.

އަނެއްކާ އަދަބު ލުއިކޮށްދިނުމުގެ ބޭނުމުގައި އަމަލްކުރައްވާ ގޮތް ވެސް ވަރަށް ތަފާތެވެ. މިސާލަކަށް 25 އަހަރުގެ ޖަލު ހުކުމެއްގައި ހުރި މީހަކު، ހަތަރު ބައި ކުޅަ އެއްބައި މުއްދަތު ތަންފީޒުކުރުމުން ދެން އޮންނަ ބާކީ ބަޔަށް ހައްދަވާ ގޮތަކީ، އެއް ދުވަސް ނަމަވެސް ދެއްވާފައި ލުއިކޮށްދެއްވުމެވެ. މިސާލަކަށް 22 އަހަރު އޮތް ނަމަ، 21 އަހަރާއި 11 މަހާއި 28 ދުވަސް ލުއިކޮށްދެއްވުމުން ދެން ބާކީ އޮންނާނީ ދެ ދުވަހެވެ. އެ ދުވަހު އޭނާ ޖަލުގައި ހުރުމުން، އަދަބުން އެއްކޮށް މިނިވަންވީ އެވެ.

އެކަމަކު ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުންނަށް ލުއި ދޭންވުމުން، ގާނޫނުން ފެންނަ މި ބާގަނޑުތަކުން ނެރެ ދޫކޮށްލާއިރު ކުށް ކުރި މީހާގެ ހައްގަށް ވުރެ މުޖުތަމައުގެ ހައްގަށް އިސްކަންނުދޭ ނަމަ ވެރިންގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފައްދަން ޖާގަ އޮންނާނެ އެވެ. މަސްތުގެ ތެރޭގައި ޖީލެއް ގެއްލިގެން ދާއިރު އެ ކަންކަމުގެ މުގުލުގައި ތިބި މީހުންނަށް މިހާ ފަސޭހައިން ސަލާމަތްވެވޭ ނަމަ އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އެހެންކަމުން ސޮފްވަތު ކަހަލަ، ދިވެހި ޖީލެއް ހަލާކަށް ވައްޓާލާ ވަރުގެ ވިޔަފާރިއެއްގެ ނުބައި ކުށް ސާބިތުވެފައިވާ މީހަކު، ޖަލުގައި ކިތައްމެ އިސްލާހެއް ވިޔަސް، އާދައިގެ އެހެން ކުށްވެރިންނެކޭ އެއްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބެއްލެވި ބެއްލެވުމަކީ، އާދައިގެ ނިންމެވުމެއް ނޫނެވެ. ގާނޫނުން ފުރުސަތު ލިބިވަޑައިގަތަސް، ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅުން ކުރައްވައިގެން ނުވާނެ ކަންކަން ހުންނާނެ އެވެ. މިއީ އޭގެ ތެރެއިން އަމަލެކެވެ.