އަބަދުވެސް އެންމެން ކުރާ އެއް ޝަކުވާއެއް އޮވެ އެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން މެންދުރު 2 ޖަހަންދެން ސިވިލް ސާވަންޓުން ސަރުކާރުގެ އޮފީސްތަކުގައި ކުރަނީ ކީއްހެއްޔެވެ؟ އެ ސުވާލު އުފެއްދުމުގެ ފަހަތުގައި އޮތީ އެންމެ ސަބަބެކެވެ. ބައެއް އޮފީސްތަކުން ފޯނުތަކަށް ޖަވާބު ނުދޭއިރު ކުރާ އީމެއިލްތަކާ މެދު ފަރުވާކުޑަވެ، ޖަވާބު ބޭނުންވާ މީހާ ރުޅި އައިސް ލޭ މައްޗަށް ދާ ހިސާބަށް ކަންތައް ދާތީ އެވެ.

ހިދުމަތަށް އެދޭ މީހާ ބޭނުންވަނީ އަތްމަތި އަވަސް ސިވިލް ސާވިސްއެއް ކަމަށް ވާއިރު އެކަން ހާސިލް ނުވާ ނަމަ ޝަކުވާ ކުރުމަކީ އެ މީހާގެ ހައްގެކެވެ. ސަރުކާރުގެ އޮފީސްތަކުގެ އާރުކާޓީންނަކީ ސިވިލް ސާވަންޓުންނަށް ވުމުން އެ މީހުންނާ ދިމާލަށް ދިއްކުރާ އިނގިލިތައް ގިނަވާނެ ކަން ދަނެގަނެ ހޯދަން ޖެހެނީ ޝަކުވާ މަދުވާނެ ފޯމިއުލާއެކެވެ. 

މުޅި ރާއްޖޭގައި ސިވިލް ސާވިސް ހިދުމަތުގައި 35،000 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވެ އެވެ. އެހެންވިޔަސް ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ވަރަށް ބޮޑަށް ލަހެވެ. އިދާރާއަކަށް ނުގޮސް މައުލޫމާތު ސާފުކުުރަން ބޭނުން ވެއްޖެ ނަމަ ހިދުމަތެއް ހޯދަން ނަގާ މުއްދަތު ބައެއް ފަހަރު ދިގުވެ އެވެ. އެކަމަކު މި ތަންތަނަކީ ކޮންމެ ކަމަކަށް މުވައްޒަފުން ވަކިވަކިން ނަގައިގެން ހިދުމަތްދޭ ތަންތަނަށް ވާއިރު މިހާ ބޮޑަށް ހިދުމަތް ލަސްވުން ބަލައިގަނެވޭނެ ހެއްޔެވެ؟ 

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ-- ފޮޓޯ: މިހާރު
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ-- ފޮޓޯ: މިހާރު

ވަކި ވަކި މިނިސްޓްރީތަކަށް ބެލިޔަސް ކޮންމެ މިނިސްޓްރީއެއްގައި ވެސް އެންމެ ބޮޑު މައްސަލައަކަށް ވަނީ ފޯނަށް ޖަވާބު ނުދޭ މައްސަލަ އެވެ.

އެއް މިސާލަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ނަގަމާ ހިނގާށެވެ. ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ގިނަ އަދަދެއްގެ ދަރިވަރުންގެ ކަންކަން ވެސް ބަލަހައްޓަމުން އަންނަ އެ އިދާރާއާ ގުޅޭ މައްސަލަތަކަކީ ކޮންމެ ލޯނު ސްކީމެއް ނޫނީ ސަރުކާރުގެ ބޮޑެތި ސްކޮލާޝިޕްތަކަށް އިއުލާންކުރުމުން ހާމަވާނެ ކަމެކެވެ. 

މީގެ ދުވަސްތަކެއް ކުރިން އެތައް ބަޔަކު ކުރަމުން ޝަކުވާ ކުރަމުން އައީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފޯނަށް ޖަވާބު ނުދޭތާނގައި ބެލެނިވެރިންނާއި ކިޔަވާ ކުދިންގެ އީމެއިލަށް ވެސް ޖަވާބު ނުދޭތީ އެވެ. ބައެއް ބެލެނިވެރިން އެ އިދާރާ ކައިރީގައި ކިއު ޖައްސާ ހިސާބަށް ހާލަތު ދިޔަ އެވެ. ބެލެނިވެރިންނާއި ދަރިވަރުން ހާސްކަމެއްގެ ތެރެއަށް ވެއްޓުނެވެ. އެކަމަކު، އެކަން "ގައުމީ ބޮޑު މައްސަލައަކަށް" ވަންދެން ތިބީ އަތް އުރާލައިގެން ބަލަހައްޓައިގެންނެވެ. 

ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ދާދި ފަހުން އެއްކޮށްލައި، ހިދުމަތް ދޭން ފެށި ހިސާބުން އެ މައްސަލަ މިހާރު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހައްލުވެފަ އެވެ. 

ހަޔާ އެޑިއުކޭޝަން މިނިސްޓްެރީން ޖަވާބު ނުދޭ މައްސަލަ ހައްލުވީ އެކަން ހައްލުކުރަން މަސައްކަތްތަކެއް ފެށީމަ އެވެ. އެކަމަށް އަމާޒު ހިފައި، ހައްލަކާ ދިމާލަށް ދިއުމުންނެވެ. 

"މިސާލަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޭސްއަށް ބަލައިފިއްޔާ އޭގައި ސިވިލް ސާވަންޓުންނަށް ކުރެވޭނެ ކަމެއް ނޯވެދާނެ. ސަބަބަކީ ބެލެވޭ ގޮތުގައި ކޮންމެވެސް ތާއްޓަކާ ހެދި ދަރިވަރުންނަށް ފައިސާ ދޫނުކުރެވި ދިޔައީ. އެއީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރެވޭނެ ކަމެއް. ސިވިލް ސާވަންޓުންނަށް ބުނެވޭނީ އެބަ ބަލަމޭ ނޫނީ ފޯނަށާއި އީމެއިލަށް ޖަވާބު ނުދީ ތިބުން. އެހެން އެ ވަނީ ޕޮލިސީ ލެވެލްއާ ހިސާބުން އަންނަ ކަންކަމާ ހެދި،" ސިވިލް ސާވަންޓުންނާ ގުޅޭ ދާއިރާގައި ކުރިން ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކަށް ހައްލުތައް ހޯދައި މަޝްވަރާ ކުރަން ދާދި ފަހުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ ދިވެހި ސިވިލް ސާވިސް ކޮންފަރެންސެއް ބާއްވައިފަ އެވެ. 

ސިވިލް ސާވިސް ކޮންފަރެންސްގައި މުޖުތާޒު ވާހަކަ ދައްކަވަނީ--
ސިވިލް ސާވިސް ކޮންފަރެންސްގައި މުޖުތާޒު ވާހަކަ ދައްކަވަނީ--

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސިވިލް ސާވަންޓުން ބައިވެރިކޮށްގެން މިދިޔަ މަހު ބޭއްވި އެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު މުޖުތާޒް ވެސް ވިދާޅުވި ގޮތުގައި ހިދުމަތްތައް ލަސްވުމާއި ފޯނަށް ޖަވާބު ނުދިނުމާއި މުވައްޒަފުން ފަރުވާ ކުޑަވުމުގެ ޝަކުވާތައް ލިބެ އެވެ.

އެހެންވެ، އެކަންކަމަށް ހައްލު ހޯދަން ޖެހިފައިވާއިރު، އެ ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ސިވިލް ސާވިސް މެދުވެރިކޮށް ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، މަތީ ހަރުފަތަކަށް ގެންދިއުން ކަމަށް މުޖްތާޒު ވިދާޅުވެ އެވެ. 

"ހިތާމައަކީ ސިވިލް ސާވިސްގެ ހިދުމަތާ މެދު ރައްޔިތުންގެ އުއްމީދާ އެއްވަރަށް އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވޭކަން. ކަން މިހެން އޮތުމާ އެކު މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެކަމާ މެދު ދިރާސާ ކުރަންޖެހޭ،" ސީއެސްސީގެ ރައީސް މުޖުތާޒު ވިދާޅުވި އެވެ.

ރަސްމީ ގަޑީގައި މުވައްޒަފުން ކޮފީތަކުގައި، ހައްލެއް ބޭނުންވޭ

މުޖުތާޒު ވެސް ކަންބޮޑުވުމާ އެކު ނެންގެވީ މި މައްސަލަ އެވެ. ސަރުކާރުގެ ރަސްމީ ގަޑީގައި ބައެއް މުވައްޒަފުން އޮފީހުން ބޭރުގަ އާއި ކޮފީތަކުގައި އަނގަތަޅަން އެތައް ވަގުތެއް ހޭދަކުރާތީ ލިބޭ ޝަކުވާތައް މަދެއް ނޫނެވެ. 

ރަސްމީ މަސައްކަތު ގަޑީގައި އޮފީސްތަކުގެ ކައިރީ ހުންނަ ކެފޭ/ ރެސްޓޯރަންޓުތައް އޮންނަނީ ފުރިފަ އެވެ. ކަރުގައި އެ އޮފީހެއްގެ ކާޑު އަޅުވާލައިގެން ނޫނީ ޔުނިފޯމުގައި ތިބެ، ކޮފީތަކުގައި ރައްޓެހިންނާ އެކު ވާހަކައިގައި ނޫނީ މަގުމަތީގައި ސިނގިރޭޓު ބޯން ތިބޭ މަންޒަރު ވަރަށް އާާންމެވެ. 

ސީއެސްސީގެ މުޖުތާޒު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ހެނދުނު އޮފީހަށްދާ ގޮތަށް ކޮފީތަކަށް ދިއުމަކީ އާދަވެފައި ހުންނަ ކަމެއް ކަމަށް ބެލެވޭ ކަމަށާއި އެހެންވެ، އޮފީހުގައި ކޮފީ ބޮވޭނެ ގޮތްތައް ހުއްޓަސް ބޭރަށް ގޮސްގެން ކޮފީ ބުއިމުގެ އާދަ ހަރުލާފައި ހުންނަ ކަމަށެވެ. 

މުޖުތާޒު ވިދާޅުވީ މުވައްޒަފުން އޮފީހުގައި އެކަށީގެންވާ ވަގުތު ހޭދަނުކޮށް، ކޮފީތަކުގައި އުޅޭ މައްސަލައަކީ ސީއެސްސީ އަށް ވެސް ވަރަށް ގިނައިން ލިބެމުންދާ މައްސަލައެއް ކަމަށެވެ. އޭގެ ސަބަބުން އާންމުންނަށް ލިބެންޖެހޭ ފެންވަރަށް ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ އަންނަ ކަމަށް މުޖުތާޒް ވިދާޅުވި އެވެ.

"އެގޮތުން އަޅުގަނޑުމެންނަށް ފުދޭވަރަކަށް ގިނައިން މުވައްޒަފުން އޮފީހުން ބޭރުގައި ކޮފީތަކުގައި ހޭދަކުރުމާއި ދެން ބޭރުތެރެއިން އަންނަ ޝަކުވާތައް މި ހުންނަނީ، ހިދުމަތް ހޯދަން އަންނަ މީހުންނަށް އެކަށީގެންވާ ހިދުމަތް ނުދެވޭ ކަމުގެ ޝަކުވާތަކުގެ ތެރޭގައި އަންނަކަންކަން މިއީ،" އޭނާ ވިދާޅުވި އެވެ.

ސީއެސްސީގެ ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެ ކޮމިޝަނަށް 204 މައްސަލައެއް އަމިއްލަ ފަރާތްތަކުން ހުށަހެޅި އެވެ. އޭގެ ތެރޭގައި ވަޒީފާއާ ގުޅުން ހުރި މައްސަލަތަކާއި ކޮފީތަކުގައި މުވައްޒަފުން އުޅުމާއި ފޯނަށް ޖަވާބު ނުދިނުން ފަދަ އުސޫލުތަކާ ހިލާފުވުމާ ގުޅޭ މައްސަލަތައް ވަރަށް ގިނަ އެވެ. 

ސީއެސްސީގެ ރައީސް މުޖުތާޒު "މިހާރު" އަށް މިދިޔަ ހަފުތާގައި އިންޓަވިއު ދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސީއެސްސީގެ ރައީސް މުޖުތާޒު "މިހާރު" އަށް މިދިޔަ ހަފުތާގައި އިންޓަވިއު ދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުވައްޒަފުން ކޮފީތަކުގައި ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މައްސަލައަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން މުޖުތާޒު ވިދާޅުވީ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީ އަށް ސީއެސްސީން ހާޒިރުވި ފަހަރު ވެސް މެމްބަރުން ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ކުރައްވާފައި ކަމަށެވެ. 

"ދެން އަޅުގަނޑުމެން އަޅުގަނޑުމެންގެ ދާއިރާގައި ހުރި ކަންކަން، ސިވިލް ސާވިސް މުވައްޒަފުންގެ ތެރޭގައި ހުރި މިފަދަ ކަންކަން ހައްލު ކުރެވޭތޯ މި ދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ. 

މުޖުތާޒް ވިދާޅުވީ ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހުތައް ގެނެސްގެން މުވައްޒަފުން އޮފީހުގައި ހޭދަކުރާ ވަގުތު އިތުރުކޮށް ހިދުމަތުގައި ދެމިތިބެވޭނެ މަގުތައް ހޯދަމުން އަންނަ ކަމަށެވެ. އަދި ބޭނުންވަނީ މުވައްޒަފުން މާބޮޑަށް ހިފެހެއްޓުމެއް ނެތި އުފާވެރިކަމާ އެކު، ހަމަޖެހިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމު ކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ. 

ބަފަ ޓައިމަކީ ގިނަ ކަންތައްތަކެއްގެ ހައްލު!

ސިވިލް ސާވިސްގައި ހުރި މައްސަލަތައް ހައްލު ކުރަން ފަށާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ފަހުން ފެނުނީ ބަފަ ޓައިމް ތައާރަފު ކުރި ތަނެވެ.

ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑި ހެނދުނު 8:00 ގައި ފެށޭއިރު މީގެ ކުރިން އޮންނަނީ އޭގެ މިނިޓެއްހާއިރު ފަހުން އޮފީހަށް ދިޔަ ނަމަވެސް އެ ދުވަހެއްގައި އެމީހަކީ ގަޑިޖެހުނު މީހެއްގެ ގޮތުގައި ބަލާ އުސޫލެކެވެ. 

އެކަމަކު މި ފަހުން ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވާ ހާލަތެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނިޓުގެ ބަފަ ޓައިމެއް ލިބޭ ގޮތަށެވެ. 

ބަފަ ޓައިމަކީ، މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރު ނުވެވޭ ދުވަސްތަކަށް، އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓު ކުރުމަށް ދޭ ވަގުތެކެވެ. އެ ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ ގަޑި އެޖެސްޓުކޮށެއް ނުދެވޭނެ އެވެ. 

ސީއެސްސީގެ ރައީސް މުޖުތާޒު (އިށީނދެވަޑައިގެން) އެ ކޮމިޝަންގެ އެހެން އިސްވެރިއަކާ އެކު މައުލޫމާތުތަކެއް މިދިޔަ ހަފުތާގައި އެއްކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ސީއެސްސީގެ ރައީސް މުޖުތާޒު (އިށީނދެވަޑައިގެން) އެ ކޮމިޝަންގެ އެހެން އިސްވެރިއަކާ އެކު މައުލޫމާތުތަކެއް މިދިޔަ ހަފުތާގައި އެއްކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މުޖުތާޒު ވިދާޅުވީ ބަފަ ޓައިމްގެ ސަބަބުން މާލޭގެ ކާރޫބާރުބޮޑު މަގުތަކާ ހެދި އެ ކުރިމަތިވާ އުނދަގޫތަކާއި ސްކޫލަށް ކުދިން ގެންދިއުން ފަދަ ކަންކަމަށް ފަހު، ހަމަޖެހިލައިގެން އޮފީހަށް ދެވޭނެ މާހައުލެއް ގާއިމުކުރެވޭނެ ކަމަށެވެ.

"މުވައްޒަފުން ވެސް ހަމަ ސުންގަޑި އަށް އައުމުގެ ބަދަލުގައި ތަންކޮޅެއް ރިލެކްސް ޓައިމެއް މިހާރު މިވަނީ ދެވިފައި ބަފަ ޓައިމެއް ލާފައި. އޭގައި ޓްރެފިކާއި ސްކޫލަށް ކުދިން ގެންދިއުމާއި މި ހުރިހާ ކަމަކަށް ބަލާފައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ މި ބަފަ ޓައިމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ. 

"މިސާލަކަށް 8 ޖަހާއިރަށް އަންނަން އޮންނައިރުގައި 8:01 ގައި އަޔަސް ގަޑި ޖެހޭ،" މިހާތަނަށް ކުރަމުންދިޔަ ތަޖުރިބާ އަށް ރިއާޔަތް ކުރައްވަމުން މުޖުތާޒު ވިދާޅުވި އެވެ.

ވެލާނާގެ: ގިނަ އަދަދެއްގެ މުވައްޒަފުން އޮފީސް ބޭރުގައި ހަރަކާތްތެރިވާ ކަމަށް ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ވެލާނާގެ: ގިނަ އަދަދެއްގެ މުވައްޒަފުން އޮފީސް ބޭރުގައި ހަރަކާތްތެރިވާ ކަމަށް ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަނެއްކަމެއްގެ ގޮތުގައި މުޖުތާޒު ފާހަގަކުރެއްވީ ބައެއް މުވައްޒަފުން ރޭގަނޑު ވެސް އޮފީހުގެ މުހިއްމު މަސައްކަތްތަކުގައި އުޅުމަށް ފަހު، އަނެއް ދުވަހުގެ ހެނދުނު ގަޑިއަށް ނުހޭލެވުމުގެ ސަބަބުން ސަލާން ބުނާ މައްސަލަ އެވެ. އޮފީހަށް ސަލާން ބުނަން ޖެހެނީ ބަލިވެގެން ކަމަށް ވިޔަސް ބައެއް މުވައްޒަފުން ސަލާން ބުނަނީ ނުހޭލެވިގެންނާއި އެކި ކަންކަން ކުރުމަށް ކަމަށް މުޖުތާޒު ވިދާޅުވި އެވެ. 

"ނޫނީ 8:05 ގައި މި ހޭލެވުނީ އޭނާ ކުރީ ރޭގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައި އޮތުމުން ނިދާ ނުހޭލެވިގެން. އޮފީހުގެ މަސައްކަތެއް. އެހެންވެއްޖެ ކަމަށްވާ ނަމަ، ގިނަ މުވައްޒަފުން ނުހޭލެވުނީމަ ވެސް މި ބުނަނީ ސަލާން. ސަލާމަކީ ބަލިވެގެން ބުނަން ޖެހޭ އެއްޗެއް. އެކަމަކު މުވައްޒަފުން މި އަމަލުކުރާ ގޮތަކީ ނުހޭލެވުނީމަ ވެސް މިބުނަނީ ސަލާން،" އޭނާ ވިދާޅުވި އެވެ.

"ނުހޭލެވުނީމަ ގަޑީ ލާރި ކެނޑުމާއި މި ހުރިހާ ކަމަކާ އިސްލާހީ ފިޔަވަޅު އެޅުމާއި މިހުރިހާ ކަމަކަށް ބަލާފައި މި މުވައްޒަފުން އެންމެ ފަސޭހަ ޗޮއިސް މި ނަގަނީ. އެއީ ސަލާން ބުނުން،" 

އެކަމަކު، ބަފަ ޓައިމުގެ ސަބަބުން ރަސްމީ ގަޑި ފެށެން ކައިރިވެފައި އޮއްވާ ހޭލެވުނަސް ގަޑި ނުޖެހި އޮފީހަށް ދިއުމުގެ ފުރުސަތު ފަހިވާ ކަމަށާއި އޭރުން މުވައްޒަފުންގެ ދަތިކަން ނެތި އޮފީހުގެ ހިދުމަތްތައް ދިނުމާއި ރައްޔިތުންނަށް ވެސް އެމީހުން ބޭނުންވާ ހިދުމަތްތައް ލިބުމުގައި ލުއިވާނެ ކަމަށް މުޖުތާޒު ވިދާޅުވި އެވެ. 

"އެއީ ހަގީގަތުގައި ތަނަށްވެސް މުވައްޒަފަށް ވެސް ލިބޭނެ ފަސޭހައެއް. އޭނާއަށް އޮފީހަށް ވެސް އެބަ އާދެވޭ. އޮފީހަށް އައިސް އޮފީހުގެ ހިދުމަތްތައް ވެސް އޭނާއަށް އެބަ ފޯރުކޮށްދެވޭ."

ސިވިލް ސާވިސް ކޮންފަރެންސްގައި ސިވިލް ސާވިސް ކޮންފަރެންސްގެ ތެރެއިން.-- ފޮޓޯ: ސީއެސްސީ
ސިވިލް ސާވިސް ކޮންފަރެންސްގައި ސިވިލް ސާވިސް ކޮންފަރެންސްގެ ތެރެއިން.-- ފޮޓޯ: ސީއެސްސީ

އެފަދަ ލުޔެއް ދިން ނަމަވެސް އެ މުވައްޒަފަކު މަސައްކަތް ކުރަންޖެހެނީ އެމީހަކު އޮފީހަށް ދާ ވަގުތުން ފެށިގެން ހަ ގަޑިއިރު ހަމަވަންދެންނެވެ. މިސާލަކަށް 8:10 ގައި އޮފީހަށް ގޮސްފި ނަމަ، އެމީހެއްގެ މަސައްކަތު ގަޑި ނިމޭނީ މެންދުރުފަހު 2:10 ގަ އެވެ. 

އެ ބަދަލުތަކަކީ މީހުން ގަޑިއަށް ވަޒީފާތަކަށް ދިއުމަށް ބާރު އެޅުމާއި ގަޑިއަށް ދިއުމަށް ހުރަސް އެޅޭ މީހުންނަށް ވެސް ލުއި ލިބޭނެ ގޮތަށް ގެނެސްފައިވާ އިސްލާހުތަކެއް ކަމަށް މުޖުތާޒު ތަކުރާރުކޮށް ވިދާޅުވި އެވެ. 

އެހެންނަމަވެސް އެ އުސޫލުން ބަޔަކު އިސްތިސްނާކޮށްފައި ވަނީ މުޖުތާޒު ވިދާޅުވި ގޮތުގައި އެ ފަދަ ބަދަލެއް ގެނައި ނަމަވެސް ރައްޔިތުންނަށް ގަޑިން ގަޑިއަށް ދޭންޖެހޭ ހިދުމަތްތަކަށް ބުރޫނާރާނެ ގޮތެއް ހެދުމަށެވެ. 

އިސްލާހުގައިވާ ގޮތުން އެ ގަވާއިދުން އިސްތިސްނާވަނީ އޮފީސް ހުޅުވައި ލެއްޕުމުގެ އުސޫލުގެ ދަށުން މަސްއޫލިއްޔަތު ހަވާލުކޮށްފައި ތިބޭ މުވައްޒަފުންނާއި ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނާއި މިސްކިތު މުވައްޒަފުންގެ އިތުރުން އާންމުންނަށް ސީދާ ގޮތެއްގައި އޮފީހުގެ ރަސްމީ ގަޑިއާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނެވެ. 

ސިވިލް ސާވިސްގެ ކަންކަން އަދިވެސް ވަރަށް ބޮޑުތަނުން ރަނގަޅު ކުރަންޖެހޭ ކަމަށް އެ މީހުންގެ ބެލެނިވެރިފަރާތުން ވެސް ގަބޫލުކުރެ އެވެ. ދުއިސައްތަ އެތައް ޝަކުވާއެއް މިދިޔަ އަހަރު ލިބުމުން ރަނގަޅު ކުރަންޖެހޭ ކަންކަން ހުރި ދިމާތައް ފާހަގަވެ އެވެ. އެހެންވެ، 35،000 މުވައްޒަފުން ވަޒީފާ އަދާކުރާ ދިވެހި ސިވިލް ސާވިސްގެ ކަންކަން އަދި ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހެ އެވެ.