ރޯމް (ޖުލައި 30) - ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ އުމުރުން 43 އަހަރުގެ އިޓަލީ ފޯވާޑް ކްރިސްޓިއަން ވިއޭރީ އަލުން ކުޅެން ނުކުންނަން ތައްޔާރުވެއްޖެ އެވެ.
އިޓަލީ ގައުމީ ޓީމަށް 49 މެޗުން 23 ގޯލް ޖަހާދީފައިވާ ފޯވާޑް އަލުން ކުޅެން ނުކުންނަނީ ޗައިނީސް ސުޕަ ލީގުގެ ކްލަބަކާ ގުޅުމަށެވެ.
"ބޮޑު ހަބަރެއް، ބޮބޯ އެނބުރި އަތުވެއްޖެ. އަހަރެން ނިންމައިފިން ޗައިނާގައި ކުޅެން،" 2009 ވަނަ އަހަރު ކުޅުން ހުއްޓާލި ވިއެރީ އިންސްޓަގްރަމް މެދުވެރިކޮށް ބުންޏެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 1999 ވަނަ އަހަރު ލާޒިއޯ އިން އިންޓަ މިލާނަށް ބަދަލުވި ފޯވާޑް ވަނީ އިންޓަ އަށް 143 މެޗުން 103 ގޯލް ޖަހައިދީފަ އެވެ. އޭނާ ވަނީ އެތުލެޓިކޯ މެޑްރިޑާއި ޔުވެންޓަސް އާއި އޭސީ މިލާނާއި ސަމްޕްޑޯރިއާ އަދި ފިއޮރެންޓީނާ އަށް ވެސް ކުޅެފަ އެވެ.
ފީފާ އިން އެކުލަވާލި ދުނިޔޭގެ އެންމެ މޮޅު 100 ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދާފައިވާ ވިއޭރީ އަކީ އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑެވެ. އޭނާ ވަނީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ރިހިބޫޓް ހޯދައިފަ އެވެ.
ވިއޭރީއާ އެކު އޭރު ގައުމީ ޓީމަށް ކުޅުނު ޕައޮލޯ މަލްޑިނީ ވަނީ 41 އަހަރު ވަންދެއް، އިޓަލީ އާއި ޔޫރަޕުގެ އެންމެ މަތީ ފަންތީގައި ކުޅެފަ އެވެ. އަދި އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ޑިނޯ ޒޮފް 1983 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އުމުރަކީ 42 އަހަރެވެ.
ޗައިނާ ލީގުގެ ކްލަބަކުން އާދަޔާހިލާފު ކަމެއް ކުރިއިރު އެ ގައުމުން އަންނަނީ ދުނިޔޭގެ ފުޓްބޯޅަ މާކެޓަށް ވަދެފަ އެވެ. އެގޮތުން ޔޫރަޕުގެ މަޝްހޫރު ކުޅުންތެރިން ބޮޑުއަގުގައި ޗައިނާގެ ކްލަބްތަކުން ވަނީ ގަންނަން ފަށައިފަ އެވެ. އެ ގައުމުގެ ކްލަބްތަކުން ވަނީ އާޖެންޓީނާގެ އެޒެކިއުލް ލަވޭޒީ އާއި އިޓަލީގެ ގްރެޒިއާނޯ ޕެއްލޭ އާއި ކޮލަމްބިއާގެ ޖެކްސަން މާޓިނޭޒާއި ބްރެޒިލްގެ ހަލްކް އާއި އެލެކްސް ޓަކްޒެއިރާ ފަދަ ކުޅުންތެރިން ގެންގޮސްފަ އެވެ. މީގެ ތެރެއިން ޕެއްލޭ އަކީ މިވަގުތު ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އެވެ. އޭގެ ކުރިން އައިވަރީ ކޯސްޓުގެ ޑިޑިއާ ޑްރޮގްބާ އާއި ފްރާންސުގެ ނިކޮލަސް އަނެލްކާ ފަދަ ކުޅުންތެރިން ވެސް ވަނީ ޗައިނާ ލީގުގައި ކުޅެފަ އެވެ. މީގެ އިތުރުން އެ ގައުމުގެ ކުންފުނިތަކުން ވަނީ އިޓަލީގެ އިންޓަ މިލާނުގެ އިތުރުން އޭސީ މިލާނުގެ ހިއްސާ ގަނެފަ އެވެ.