ކައިވެނި ރޫޅައިލި އިރު ޗައިލްޑް ސަޕޯޓްގެ ގޮތުގައި ކުރީގެ އަންހެނުންނަށް އެއް މިލިއަން ކެނެޑާ ޑޮލަރު ދޭން ޖެހުމުން އެ ގައުމުގެ ވިޔަފާވެރިއަކު އެއް މިލިއަން ޑޮލަރު އަންދާލާފައިވާ ކަމަށް ކޯޓްގައި ބުނެފި އެވެ.
އޮޓާވާ އަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ބްރޫސް މެކޮންވިލް ކޯޓުގައި ބުނީ އޭނާ އެކައުންޓްތައް ހުޅުވާފައިވާ ހަ ބޭންކަކުން 25 ފަހަރެއްގެ މަތިން އެއް މިލިއަން ކެނެޑާ ޑޮލަރު (750،000 އެމެރިކާ ޑޮލަރު) ނަގައި، އެ ފައިސާ ދެ ފަހަރެއްގެ މަތިން އަންދާލާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު ސެޕްޓެމްބަރު 23، 2019 ގައި 743,000 ޑޮލަރު އަދި ޑިސެމްބަރު 15، 2019 ގައި 296,000 ޑޮލަރު އަންދައިލި ކަމަށް ބުންޏެވެ.
އެ ފައިސާ ނެގިކަމުގެ ހުރިހާ ރަސީދުތަކެއް ވެސް އަތުގައި އެބަހުރި ކަމަށާއި ކުރީގެ އަނބިމީހާ އަށް ބަދަލުދޭން ބޭނުން ނުވީ ވަރީގެ ސަބަބުން ކުރިމަތި ކަންކަމާ ހެދި ކަމަށް ބުންޏެވެ.
އެއީ ދަރިންނަށް ދޭން ޖެހޭ ޗައިލްޑް ސަޕޯޓް ނުދޭން ކުރި ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ. ނަމަވެސް ފައިސާ އަންދައިލި އިރު، އެ މަންޒަރު ވީޑިއޯ ނުކުރާ ކަމަށާއި އަދި އެއްވެސް މީހަކަށް އެ މަންޒަރު ނުފެންނާނެ ކަމަށް ވެސް ބުންޏެވެ.
"އެކަމަކު އަހަރެން ވަނީ ފައިސާ ބޭންކުން ނަގާފައި އަންދާލާފައި. އަހަންނަކީ މާއްދީއްޔަތާ ހެދި އުޅޭ މީހެއް ނޫން. އަހަންނަކީ އަބަދު ވެސް ވަރަށް ސާދާ އާދައިގެ ދިރުއުޅުމެއް އުޅޭ މީހެއް،" ބްރޫސް ބުންޏެވެ. "އަހަރެންގެ އެއް ތިރީސް އަހަރުވީ ވިޔަފާރި ވެސް ދެމިއޮތީ ވެސް އެ ސަބަބާ ހުރެ."
ނަމަވެސް ފައިސާ އަންދައިލި ކަމަށް އޭނާ ބުނާ ވާހަކައިގައި ބްރޫސްގެ މައްސަލަ ބަލާ ސުޕީރިއާ ކޯޓްގެ ފަނޑިޔާރު ކެވިން ފިލިޕްސް ވަނީ އޭނާގެ ވާހަކަ ގަބޫލުކުރަން ދަތިކަމަށާއި ބްރޫޒްގެ ވާހަކަތަކަކީ ކޯޓަށް ކުރާ ފުރައްސާރައެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
"ފައިސާ އަންދާލި ކަމަށް ބުނާ ވާހަކަ ގަބޫލެއް ނުކުރެވޭ. އަދި ތިއީ އިތުބާރުކުރެވޭ ކަހަލަ ވާހަކައެއް ވެސް ނޫން. އަދި ތިއީ އިހުލާސްތެރި މީހެއްކަމާ ދޭތެރޭ ވެސް ޝައްކު އުފެދޭ،" ފަނޑިޔާރު ވިދާޅުވި އެވެ. "އަދި ތި ވާހަކަތަކުން ދޭހަވަނީ ކޯޓަށް ފުރައްސާރަކުރަން މަސައްކަތްކުރާކަން. އަދި އަދުލު އިންސާފުގެ ނިޒާމަށް ހަޖޫޖަހަން މަސައްކަތްކުރާކަން."
އެހެންވެ އެގޮތަށް އަމަލުކުރާ ކަމަށް ކަނޑައަޅައި ބްރޫޒަށް ވަނީ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.
އޮޓާވާގެ މޭޔަރު ކަމަށް 2008 ގައި ވާދަ ވެސް ކުރި ބްރޫސް ވަނީ މިލްކިއްޔާތާ ބެހޭ ތަފުސީލުތައް ވެސް ކޯޓާ ހިއްސާކުރަން ދެކޮޅު ހަދައިފަ އެވެ. އަދި މިލްކިއްޔާތުގައި ހިމެނޭ އެއްވެސް އެއްޗެއްގެ ވިޔަފާރީގެ މުއާމަލާތެއް ނުހިންގަން ކޯޓުން އަމުރުކޮށްފަައި ވަނިކޮށް އޭނާ ވަނީ މިލްކިއްޔާތުގައި ހުރި ބައެއް ޕްރޮޕަޓީތައް ކުރީގެ އެކައުންޓެންޓަށް ވިއްކާ ވެސް ލައިފަ އެވެ.
ނަމަވެސް ބްރޫސްގެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ފަނޑިޔާރު ވަނީ އޭނާ ޗައިލްޑް ސްޕޯޓް ނުދޭތީ ޖޫރިމަނާގެ ގޮތުގައި ކުރީގެ އަންހެނުންނަށް ކޮންމެ ދުވަހަކު 2،000 ޑޮލަރު ދައްކަން ވެސް އަމުރުކޮށްފަ އެވެ.