ޗަމްޕާ ސެންޓްރަލް ހޮޓަލުގެ ރޫފްޓޮޕް ރެސްޓޯރަންޓަށް ބަދަލުތަކެެއް ގެނައުމަށް ފަހު މިރޭ އަލުން ހުޅުވައިފި އެވެ.

ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ހިންގާ މި ހޮޓަލުގެ އެންމެ މަތިން، ޓެރަސްގައި ހަދާފައިވާ ރެސްޓޯރަންޓް ހުޅުވުމުގެ ގޮތުން މިރޭ ވަނީ ރޭގަނޑުގެ ކެއުމެއް ބާއްވައިފަ އެވެ. މި ކެއުމުގައި، ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ބައިވެރިވި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލްގެ ރޫފްޓޮޕް ރެސްޓޯރަންޓް ހުޅުވުމަށް މިރޭ ބޭއްވި ރޭގަނޑުގެ ކެއުމުގައި ބައެއް ފަރާތްތަކުން ބައިވެރިވަނީ.--ފޮޓޯ:ނިޝާން އަލީ/މިހާރު
ޗަމްޕާ ސެންޓްރަލް ހޮޓަލްގެ ރޫފްޓޮޕް ރެސްޓޯރަންޓް ހުޅުވުމަށް މިރޭ ބޭއްވި ރޭގަނޑުގެ ކެއުމުގައި ބައެއް ފަރާތްތަކުން ބައިވެރިވަނީ.--ފޮޓޯ:ނިޝާން އަލީ/މިހާރު

ކުރިން ސެންޓްރަލް ހޮޓަލްގެ ނަމުގައި ހިންގި ހޮޓާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ގަތުމަށް ފަހު، މަރާމާތުކޮށް އަދި ބޮޑުކުރުމަށް ފަހު ހުޅުވާފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ. ނަމަވެސް، މި ހޮޓާ ހުޅުވި އިރު ރޫފްޓޮޕް ރެސްޓޯރަންޓް ހުޅުވާފަ ނުވެ އެވެ.

ދިހަ ވަނަ ބުރީގައި ހުންނަ ޓެރަސްގައި ހަދާފައިވާ ރޫފްޓޮޕް ރެސްޓޯރަން އަލުން ހުޅުވި އިރު އެތަނުގެ ޖާގަ ބޮޑުކޮށްފައިވެ އެވެ. މި ރެސްޓޯރަންޓް ބޮޑަށް ހާއްސަކޮށްފައި ވަނީ އިންޑިއާގެ ކެއުންތަކަށެވެ.

ރޫފްޓޮޕް ރެސްޓޯރަންޓްގެ އިތުރުން ދެ ރެސްޓޯރަންޓް ޗަމްޕާ ސެންޓްރަލް ހޮޓަލިގައި ހުރެ އެވެ. އެއީ ބުފޭ ތައްޔާރުކުރާ "ފަރިވަޅު" ރެސްޓޯރަންޓް އަދި ނުވަވަނަ ފަންގިފިލާގައި ހުންނަ "އަލަ" ރެސްޓޯރަންޓް އެވެ. އެތަނުގައި މެޗް ބެލޭނެ ގޮތަށް ޓީވީ ބަހައްޓައި، ތަފާތު ކުޅިވަރު ވެސް ކުޅެވެ އެވެ.

ތިން ތަރީގެ ފެންވަރުގެ ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ތިން ފެންވަރުގެ ކޮޓަރި ހުރެ އެވެ. އެއީ ސުޕީރިއާ ރޫމްސް، ޑީލަކްސް ރޫމްސް އަދި އެގްޒެކްޓިވް ރޫމްސް އެވެ. އަދި ހަފްލާތައް ބޭއްވުމަށް ދެ ހޯލް ވެސް ހަދާފައިވެ އެވެ.

މާލޭގައި އެންމެ ފުރަތަމަ ހުޅުވި ސިޓީ ހޮޓަލް ކަމަށްވާ ސެންޓްރަލް ހޮޓަލް ހުޅުވީ 1998 ގައި އެވެ. އެތަން ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ގަތުމަށް ފަހު މަރާމާތު ކުރުމަށް ބަންދުކުރީ 2012 ގައި އެވެ. މި އަހަރު ހުޅުވި އިރު އެތަނުގެ ނަން ބަދަލުކޮށްފައިވުމުގެ އިތުރުން، ކުރިން އެ ހޮޓަލްއާ ޖެހިގެން ހުރި އިމާރާތް ހޮޓަލާ އެއްކޮށްލާފައިވެ އެވެ.