ކުރީގެ މާލޭ މުނިސިޕަލްޓީ ހިންގި ދުވަސްވަރު ފޯރުކޮށްދިން ކަމަށް ބުނާ މުދާތަކަކާ ގުޅިގެން 168 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަ ޕްރައިސަސްގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ކުރި ދައުވާ ސިވިލް ކޯޓުގައި ނާކާމިޔާބުވެއްޖެ އެވެ.
ސެންޓަ އެންޓަ ޕްރައިސަސްއިން ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާކުރީ 2007 ވަނަ އަހަރު މާލޭ މުނިސިޕަލްޓީއަށް ފޯރުކޮށްދިން ކަމަށް ބުނާ ވެހިކަލްތަކެއްގެ އަގުގެ ގޮތުގައި 65.9 މިލިއަން ރުފިޔާ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 102 މިލިއަން ހިމެނޭ ގޮތަށް ޖުމްލަ 168 މިލިއަން ރުފިޔާ ހޯދުމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އޭރުގެ ޓެންޑާ ބޯޑުން ކުރި އިއުލާނަކާ ގުޅިގެން ބިޑް ކާމިޔާބު ކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެއީ 2007 ވަނަ އަހަރު އެންމެފަހުން ހަވާލުކުރި ޓެންޑަރުގެ ނަމްބަރަށް ވުރެ މަތީ އަދަދެއް ޖަހާފައިވާ ނަމްބަރެއް ކަމަށް ފިނޭންސް މިނިސްޓްރީން ކޯޓަށް އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން ހުކުމުގައިވަނީ އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ކަމަށް ސެންޓަ އެންޓަ ޕްރައިސަސްއިން ބުނި ނަމަވެސް އެ ތާރީހަކީ ބިޑް ހުށަހަޅަން ދިން އެންމެ ފަހުގެ ތާރީހު ކަމަށެވެ. އެހެންވެ، އެދުވަހުން އެދުވަހަށް ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑުން، ބިޑް ކާމިޔާބުވި ކަމަށް ނިންމުމަށްފަހު މާލޭ މުނިސިޕަލްޓީއަށް އެކަން އަންގައިގެން އެދުވަހު އެއްބަސްވުމުގައި ސޮއިކުރެވިދާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އެ އެއްބަސްވުމުގައި ސޮއިކުރިކަމާ މެދު ސުވާލު އުފައްދާފައިވާތީ އާއި ހުށަހެޅި ލިޔުންތަކަށް ބަލާއިރު އެފަދަ މުއާމަލާތެއް އޭރު ކޮށްފައިވާކަން މަދަނީ މިންގަނޑުން ބަލާއިރު ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ފައިސާ ހޯދަން 2007 ވަނަ އަހަރު އިންވޮއިސް ފޮނުވި ނަމަވެސް އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ދައުވާކުރީ 15 އަހަރު ފަހުން 2022 ވަނަ އަހަރު ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އެ މައްސަލާގައިި ހޯދަން އެދުނު 168 މިލިއަން ރުފިޔާ ދައްކަން އަމުރު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެގޮތަށް ސިވިލް ކޯޓުން ހުކުމް ކުރިއިރު ސެންޓަ އެންޓަ ޕްރައިސަސްއިން ހެލްތު މިނިސްޓްރީއާ ދެކޮޅަށް ދައުވާކުރި މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެގޮތުން ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދިން ކަމަށް ބުނާ މުދާތަކަކާ ގުޅިގެން ފައިސާ ދައްކަން ޖެހޭނެ ކަމަށް ހައި ކޯޓުން ހުކުމްކުރި ނަމަވެސް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނަމުންދަނީ އެފަދަ އެއްބަސްވުމެއް އޭރު ހަދާފައިނުވާ ކަމަށެވެ.
އެ މައްސަލާގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް ހާއްސަ އޮޑިޓެއް ހެދުމަށްފަހު ނިންމާފައިވަނީ ހެލްތު މިނިސްޓްރީއާ އެކު އޭރު އެފަދަ މުއާމަލާތެއް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.