ސިމެންތީގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާ އަށް ބޭނުންވާ އެކި ބާވަތްތައް އުފައްދާ އެސްޓީއޯގެ ލަފާޖް މޯލްޑިވްސްގެ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް އޮތް ރައްކާތެރިކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެން ރަޝީދު ރޭ ތައުރީފު ކުރައްވައިފި އެވެ.
ލަފާޖުގެ އެއްވެސް މުވައްޒަފަކަށް މަސައްކަތުގެ ތެރޭގައި އަނިޔާއެއް ނުވާތާ އަށް އަހަރު ވުން ފާހަގަ ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ހުސެން ވިދާޅުވީ، ކޮންމެ ކުންފުންޏަކުން ވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ މުވައްޒަފުންގެ ރައްކާތެރިކަމާއި ސަލާމަތަށް ކަމަށެވެ.
"ލަފާޖުން މި ހޯދީ ވަރަށް ބޮޑު ކާމިޔާބީއެއް. އަޅުގަނޑުމެން އެންމެން ވެސް އެބަޖެހޭ މިފަދަ ކާމިޔާބީތައް ފާހަގަކުރަން. ކޮންމެ ކުންފުންޏަކުން ވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އެ ކުންފުންޏެއްގެ މުވައްޒަފުންގެ މަސައްކަތު މާހައުލަކީ ސަލާމަތްތެރި ތަނަކަށް ހަދަން،" ހުސެން ވިދާޅުވި އެވެ.
ލަފާޖުގެ ޗެއާ ޕާސަން ފާތިމަތު އާޝާން ވިދާޅުވީ އެ ކުންފުނީގެ އެންމެ ފުރަތަމަ ޒިންމާ އަކީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އަދި ހަމަ އެއާ އެކު އެ ކުންފުނީގެ ކަސްޓަމަރުންނަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތްތަކަށް އަބަދުވެސް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަފާޖުން ފާހަގަކުރީ "ޒީރޯ ލޮސްޓް ޓައިމް އިންޖަރީ" އެވެ. މިއީ މަސައްކަތުގައި މުވައްޒަފަކު ހަރަކާތްތެރިވަނިކޮށް، ޖެހިގެން އަންނަ ދުވަހު އޮފީހަށް ނާދެވޭ ވަރުގެ އަނިޔާތަކުން ރައްކާތެރި ކުރުވުމެވެ. އެގޮތުން އެ ކުންފުނިން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ގަވާއިދުތަކެއް އެކުލަވާލާފައިވެ އެވެ.
"މިސާލަކަށް ސިޑިއަކުން މުވައްޒަފަކު އަރަނިކޮށް ކައްސާލައިގެން ވެއްޓި، ފަޔަށް އަނިޔާވެއްޖިއްޔާ އަޅުގަނޑުމެން އެބަ ބަލަން އެ ސިޑިން އެހެން މީހަކު ކަހާނުލާނީ ކިހިނެއް ހަދައިގެންތޯ؟ އެކަން ބެލުމަށް ފަހު އަޅުގަނޑުމެން އެ ތަން އެންމެ އެކަށީގެންވާ ގޮތަކަށް ބަދަލުކުރާނެ،" ލަފާޖާ އެކު މަސައްކަތް ކުރާ ރާއްޖެ އިން ބޭރުގެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ސްޓެފަން ރިއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ އިތުރުން ބޭރުގައި ހިންގާ ފެކްޓަރީތަކުގައި ވެސް އެ ކުންފުނިން ގެންގުޅެމުން އަންނަ އުސޫލުތައް ކަމަށެވެ. އެގޮތުން ލަފާޖުގެ ފުރަތަމަ ޒިންމާ އަކީ ވީހާވެސް ބޮޑު ރައްކާތެރިކަމަކާ އެކު މުވައްޒަފުން ގެންގުޅުން ކަމަށް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި މުވައްޒަފުންގެ އަގު ވަޒަންކޮށް، ސެޓްފިކެޓް ވެސް ދިނެވެ. އަދި ލަފާޖް މޯލްޑިވްސްގެ ކާމިޔާބު ފާހަގަކޮށް، މައި ކުންފުނިން ވަނީ އެވޯޑެއް ވެސް ދީފަ އެވެ.
ފްރާންސްގެ ލަފާޖު ވަނީ 2015 ގައި ސްވިޓްޒަލެންޑުގެ ހޮލްސިމް ކުންފުންޏާ އެއްކޮށްލައި "ލަފާޖްހޮލްސިމް" އަށް ނަން ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު އެއީ ސިމެންތީގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏެވެ.
ރާއްޖޭގެ ލަފާޖާ ގުޅިގެން ތިލަފުށީގައި ސިމެންތި ބަންދުކުރާ ފެކްޓަރީ ހުޅުވީ މީގެ 19 އަހަރު ކުރިންނެވެ. ލަފާޖު މޯލްޑިވްސްގައި އެސްޓީއޯގެ 25 ޕަސެންޓް ހިއްސާ އޮވެ އެވެ.
ލަފާޖްހޮލްސިމް އިން 90 ގައުމެއްގައި ވިޔަފާރި ކުރަމުން އަންނަ އިރު، އެ ކުންފުނީގެ މުވަައްޒަފުންގެ އަދަދު ލައްކަ އަކަށް ވުރެ ގިނަ އެވެ.