ރާއްޖެއިން ސިމެންތި ލިބުން ދަތިވެ، ސިމެންތި ވިއްކާ ކުންފުނިތަކުން އަގު އިންތިހާ އަށް ބޮޑުކޮށްގެން ވިއްކަން ފަށައިފި އެވެ.
ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވީ، އެސްޓީއޯއިން ސިމެންތި ލިމިޓް ކޮށްގެން ވިއްކަން ފެށުމުން އެހެން ކުންފުނިތަކުން ސިމެންތި ވިއްކާ އަގު ވަރަށް ބޮޑު މަތިކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން 105ރ. އަށް ސިމެންތި ބަސްތާއެއް ލިބުނު ނަމަވެސް މިހާރު ސިމެންތި ބަސްތާއެއް ލިބެނީ 170ރ. އަށް ކަމަށެވެ.
"ވަރަށް އުނދަގޫ ސިމެންތި ހޯދަން. ހާއްސަކޮށް ރަށްރަށަށް ބޭނުންވާ ސިމެންތި ހޯދަން ވަރަށް އުނދަގޫ. ވިލާ އާއި އެޕޯލޯ އިން ވެސް ސިމެންތި ވިއްކާ އަގު މިވަނީ ބޮޑުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު ވިދާޅުވީ، ސިމެންތި ލިބުން އެހާ ބޮޑަށް ދަތިވީ ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ސިމެންތި ސަޕްލައި ކުރުމުގައި ދަތިތައް ކުރިމަތިވެގެން ކަމަށެވެ. އެހެން ނަމަވެސް މި މަހުގެ 25 އިން ފެށިގެން އަނެއްކާ ވެސް ސިމެންތި ލިބެން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަަމްރު ވިދާޅުވީ، އަންނަ މަހުން ފެށިގެން އެސްޓީއޯގެ ޝިޕިން ކުންފުނި އެމްއެސްއެސް އިން ކޮންސްޓްރަކްޝަން ސާމާނަށް ގެންނަން ބޯޓެއް ގެނެސް ދަތުރުތައް ފަށާނެ ކަމަށެވެ. ކޮންސްޓްރަކްޝަނަށް ހާއްސަކޮށް ގެންނަނީ 4،000 ޓަނުގެ ބޯޓެކެވެ.
"މިއީ ރާއްޖެ އަށް ގެނެވޭ އެންމެ ބޮޑު ބޯޓު. މި ބޯޓުން އެންމެ މަދުވެގެން މަހަކު އެއް ފަހަރު ދަތުރުތައް ކުރާނެ،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯއިން މި ވަގުތު ސިމެންތި ވިއްކަނީ ލިމިޓްކޮށްގެންނެވެ. އެސްޓީއޯގެ އިތުރުން ސިމެންތި ގެންނަ އެހެން ކުންފުނިތަކަށް ވެސް ސިމެންތި ގެނައުމުގައި ޝިޕިން ޑިލޭތައް ވަނީ ކުރިމަތިވެފަ އެވެ.
ސިމެންތި ނުލިބި ކޮންސްޓްރަކްޝަން މަސައްކަތްތައް ބުރޫ އެރި އިރު މިދިޔަ ޖެނުއަރީ މަހުގައި ވެސް ސިމެންތި ހޯދަން އުނދަގޫވެ، ކުންފުނިތަކަށް ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިތައް ކުރިމަތިވި އެވެ.