އެ ކެރަމް ގަނޑު ފަށަނީ ފިރިމީހާ، އިސްމާއިލް އަޒްމީން އެވެ. އޭނާ ޖަހާ ގޮތަށް ހުދު ފޮއްޗަކާއި ކަޅު ދެ ފޮތި ވެއްޓެ އެވެ. އޭގެ ފަހުން ކްއީންއާ އެކު ހުދު ހަތަރު ފޮތި ވައްޓާލަ އެވެ. އެކަމަކު ދެން ކާމިޔާބުނުވެ، ކުޅެން ފުރުސަތު ލިބުނީ އަންހެނުން، އައިމިނަތު ޝުބާ އާދަމް އަށެވެ. އޭރު ބޯޑު މަތީގައި ކަޅު ހަތް ފޮތި އޮތެވެ.
މިހާތަނަށް 700،000 އަށް ވުރެ ގިނަ ފަހަރު، ޔޫޓިއުބުން، އެ ކެރަމް ގަނޑު ބެލުމުގެ ޝައުގުވެރިކަން އެހެން މީހުންގެ ހިތުގައި އުފެދުނު ސަބަބަކީ، އޭގެ ފަހުން ޝުބާ ދެއްކި ކުޅަދާނަކަމެވެ. އަޒުމީނަށް އިތުރު ފުރުސަތެއް ނުދީ، ވައްޓަން ފެށި ގޮތަށް ނިންމާލީ ހަތް ފޮތި ވެސް ބޯޑުމަތިން ގެއްލުވާލައިފަ އެވެ.
ދިވެހި ދެ ކުޅުންތެރިޔަކު ކުޅުނު ކެރަމް ގަނޑަކަށް އެހެން މީހުންގެ ސަމާލުކަން ހުއްޓުނީ، ކެރަމްގައި ފޮތި ވައްޓަން ފަށާ ގޮތަށް ގަނޑު ނިންމާލި އަންހެން ކުޅުންތެރިއެއްގެ ކުޅުން، އޭގެ ކުރިން ފެނިފައިނުވުމުން ކަމަށް އެއް ބަޔަކު ދެކެ އެވެ. އެހެންކަމުން އެއީ ޕްރެކްޓިސް މެޗެއް ނަމަވެސް، ޝުބާގެ "ބްލެކް ސްލޭމް" ވީޑިއޯ، ކެރަމް ކަހަލަ ކުޅިވަރަކަށް ބަލާ ނަމަ، އެ އޮތީ ވައިރަލްވެފަ އެވެ.
ކެރަމަށް ހާއްސަ ޔޫޓިއުބު ޗެނެލްއެއް
ހަގީގަތުގައި މިއީ އާދައިގެ ކުޅުންތެރިންނެއް ވެސް ނޫނެވެ. އަޒްމީން، 26، އާއި ޝުބާ ،22، ހިމެނެނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ކެރަމް ކުޅުންތެރިންގެ ތެރޭގަ އެވެ. އަދި ޝުބާއަކީ ދުނިޔޭގެ ރޭންކިންގައި އަންހެން ބައިން އަށް ވަނަ އެވެ. މި ވަގުތު ރާއްޖޭގެ އެއްވެސް ކުޅުންތެރިޔަކަށް ދުނިޔޭގެ ރޭންކިން އިން އެވަރުގެ ކުރިއެރުމެއް ލިބިފައެއް ނެތެވެ.
"ހިއެއްނުކުރަން އެހާ ގިނަ މީހުން އެ ބަލާފާނެއެކޭ،" އަޒްމީން ބުންޏެވެ.
"ގަބޫލެއް ވެސް ނުކުރެވޭ އެވަރަށް އެ ވީޑިއޯ ހިނގާފާނެ ކަމަށް،" ޝުބާ ބުނެލި އެވެ.
އެކަމަކު މިހާރު ދެމަފިރިންގެ ޔޫޓިއުބް ޗެނެލް "އެސްއެން ކެރަމް" އަކީ ރާއްޖޭގެ ނިސްބަތުން އާދައިގެ އެއްޗެއް ނޫނެވެ. މީގެ ތިން އަހަރު ކުރިން އެ ޗެނެލް އެ މީހުން ގެނެސްދިނީ، ޕްރެކްޓިސް ކުރާ އިރު ހެދޭ ގޯސްތައް ފަހުން ބަލައި ދަސްކުރަން މެޗުތައް އަމިއްލައަށް ރެކޯޑްކުރަން ފެށި ފަހުންނެވެ. އަޒްމީން އަކީ ޕީއެސްއެމްގެ މަޝްހޫރު ކުޅިވަރު ޕްރެޒެންޓަރަކަށް ވުމުން ވީޑިއޯ އަކީ އޭނާއަށް އާ އެއްޗެއް ނޫނެވެ. އެހެންކަމުން ޕްރެކްޓިސްތައް ރެކޯޑްކޮށް، އޭގެ ތެރެއިން ބައެއް ވީޑިއޯތައް، ކެރަމަށް ހާއްސަކޮށްގެން ޔޫޓިއުބަށް ލުމުގެ ހިޔާލު އައީ އެވެ.
"ޕްރެކްޓިސްތައް ރެކޯޑްކޮށް ފަހުން ބެލީމާ އެނގޭ ރަނގަޅު ކުރަން ޖެހޭ ކަންކަން. މިސްޓޭކްސް އަކީ ކޮބައިކަން،" ޝުބާގެ ހުނަރު ތަރައްގީކުރަން އޭނާއަށް ކޯޗު ވެސް ކޮށްދެމުން އަންނަ އަޒްމީން ބުންޏެވެ.
ޝުބާގެ ބްލެކް ސްލޭމް ހަދާ ވީޑިއޯގައި ވެސް އަޒްމީން އިރުޝާދު ދޭ ތަން ފެނެ އެވެ. އަދި ޝުބާއަށް އެ ބްލެކް ސްލޭމް ހެދެނީ ވެސް ފިރިމީހާ ބުނި ގޮތަށް ކުޅުން ބައްޓަންކުރުމުންނެވެ.
"އަންހެން ކުޅުންތެރިޔަކު ސްލޭމެއް (ކެރަމްގައި ސްލޭމް ކިޔަނީ ކުޅެން ފަށާ ގޮތަށް އެ މީހެއްގެ ފޮތި ބައި ވައްޓާ ހުސްކޮށްލުމަށެވެ.) ހަދާ ވީޑިއޯ އޭގެ ކުރިއަކުން ނެތް ފެންނާކަށް. އެ ވީޑިއޯ ބޮޑަށް ހިނގީ އެހެންވެގެން ކަމަށް ބެލެވެނީ،" އަޒްމީން ބުންޏެވެ.
އޭގެ ހެކި ވެސް އެ މީހުންގެ ޗެނެލް އިން ފެންނަން އެބަ ހުއްޓެވެ. މިސާލަކަށް ޝުބާގެ ވީޑިއޯގެ ދެ ހަފުތާ ފަހުން އަޕްލޯޑްކުރި އަޒްމީން ބްލެކް ސްލޭމެއް ހަދާ ވީޑިއޯ މިހާތަނަށް ބަލާފައި ވަނީ 250،000 ފަހަރު އެވެ. އަޒްމީން އެ ގަނޑުގައި، ކްއީންއާ އެކު ކަޅު ނުވަ ފޮތި ވައްޓަ އެވެ.
ޝުބާގެ ވީޑިއޯއާ އެއްވަރުނުވިޔަސް ރާއްޖޭގެ ވީޑިއޯއަކަށް ބަލަންޏާ މިއީ ވެސް ނިސްބަތުން ގިނަ އަދަދެކެވެ.
ކެރަމްގެ ލޯބި
ކެރަމް ނުކުޅޭ ގެއެއް ރާއްޖޭގައި ވަރަށް މަދުވާނެ އެވެ. ހާއްސަކޮށް ހިތާނީ މޫސުމުގައި ކެރަމް އަކީ ވަރަށް ހާއްސަ ކުޅިވަރެކެވެ. ނަމަވެސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ކުޅުން ގިނަ ބަޔަކަށް ނުފެންނާނެ އެވެ. ޔޫޓިއުބުން އަޒްމީން އެ ފުރުސަތު ހޯދައިދީފައި އެވަނީ ކެރަމަށް ހުރި ލޯތްބެއްގެ ސަބަބުންނެވެ.
ކުރިއަށް މުބާރާތެއް އޮވެއްޖެ ނަމަ ދުވާލު މަދުވެގެން ހަތަރު ވަރަކަށް ގަޑިއިރު، މި ކުޅުންތެރިން ފަރިތަކުރެ އެވެ. އެ ވަގުތު ދުވާލު ގަޑީގައި ނުލިބިއްޖެ ނަމަ، ރޭގަނޑު ނިދަނީ، އަޒްމީން ބުނި ގޮތުގައި، ގޭގައި ޕްރެކްޓިސް ކޮށްފަ އެވެ.
އެކަމަކު ދެ ކުޅުންތެރިންނަށް ވެސް މިހާތަނަށް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ލިބިފައެއް ނުވެ އެވެ. ދެމަފިރިން ވެސް ވަނީ ފައިނަލްގައި ކުޅެފަ އެވެ. މިހާތަނަށް އަޒުމީން ތިން ފައިނަލްގައި ވާދަކޮށް ވެސް ބަލިވީ އެވެ. މިދިއަ އަހަރުގެ ފައިނަލްގައި، ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އާދަމް އަދީލް މޮޅުވީ، އަޒްމީނަށް އެންމެ ފަސް ޕޮއިންޓް ބޭނުންވެފައި އޮތް ހާލަތެއްގަ އެވެ. އޭރު އަދީލް އުޅުނީ 18 ޕޮއިންޓް ފަހަތުގަ އެވެ.
"ބުނެވޭނީ އަދި ހަމަ ލިބެން ނެތިއްޔޭ،" އަޒްމީން ބުންޏެވެ.
ގައުމީ ތަށީގައި އަތްނުލެވުމުގެ މާޔޫސްކަން މިވަގުތު ދެމަފިރިންނަށް އޮތް ނަމަވެސް، އެ މީހުންގެ ކެރަމް ޗެނެލް ވަރަށް ކާމިޔާބެވެ. މިހާރު އެއީ އެ މީހުންނަށް ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ވެސް ލިބޭ ވަސީލަތެކެވެ. ހަތް ހާހަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ.
"މި ފަހުން ލިބިއްޖެ 200 ޑޮލަރު،" ކެރަމް ކުޅެންވާ ގޮތުގެ ބައެއް ހުނަރުތައް ވެސް ކިޔައިދޭ ޗެނެލް އިން އާމްދަނީ ވެސް ލިބެން ފަށައިފިކަން އިއުލާންކުރަމުން އަޒްމީން ބުންޏެވެ.
"އެކަމަކު ކޮންމެހެން ލާރިއެއް ހޯދަން ކުރާ ކަމެއް ނޫން މިއީ. ބޭނުންވީ ކެރަމްއަށް ޝައުގު އުފެއްދުން."
ދެމަފިރިންގެ ބްލެކް ސްލޭމްތައް ބެލި ނިސްބަތަށް އެކަނި ވިސްނާލިޔަސް، އެ ޝައުގުވެރިކަން ބެލުންތެރިންގެ މެދުގައި އޮތްކަން ސާބިތުވެ އެވެ.