ތެއްތިރީސް ވަނަ ގައުމީ ކެރަމް މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ތިން ވަނަ ފަހަރަށް ހޯދައި، އެ ތަށި މިލްކުކުރި ކުޅުންތެރިންގެ ޝަރަފްވެރި ލިސްޓުން އިސްމާއީލް އަޒްމީން ޖާގަ ހޯދައިފި އެވެ.

ހުނަރުވެރި ކުޅިވަރު ނޫސްވެރިޔާ އަދި، މަޝްހޫރު ޓީވީ ކޮމެންޓޭޓަރު އަޒްމީން ވަނީ ކުރިން ގައުމީ އފައިނަލުން ތިން ފަހަރަށް ބަލިވެފަ އެވެ. ނަމަވެސް 2022 ވަނަ އަހަރު ތަށި ހޯދި ފަހުން އޭނާ ފަސް އެނބުރި ބަލާފައެއް ނުވެ އެވެ.

އަޒްމީން މި ފަހަރު ތަށި ހޯދީ ފައިނަލުގައި އިބްރާހީމް ހުޖާން އަތުން 2-1 ސެޓުން މޮޅުވެގެންނެވެ. އޭނާ 25-6 އިން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނިކޮށް، ދެ ވަނަ ސެޓު ވާދަވެރި ކުޅުމަކަށް ފަހު ހުޖާން 24-25 އިން ކާމިޔާބުކުރި އެވެ. އަޒްމީން ޗެމްޕިއަންކަން ހޯދީ ފަހު ސެޓު 24-3 އިން ކާމިޔާބުކޮށްގެންނެވެ.

އަޒްމީން ބުނީ ކޮނޑަށް ލިބުނު އަނިޔާގެ ސަބަބުންނާއި، ރަނގަޅަށް ޕްރެކްޓިސް ނުކުރެވުމުގެ ސަބަބުން މި ފަހަރު ތަށި ލިބޭނެ ކަމަށް އުއްމީދުނުކުރާ ކަމަށެވެ. އޭނާ މެޗުތައް ކުޅުނީ ވެސް ކޮނޑުހުޅު ޓޭޕްކޮށްގެންނެވެ އަނެއްކޮޅުން ފައިނަލާ ހަމަޔަށް ދިޔައިރު، ރަނގަޅު ފޯމެއްގައި އޮތީ ހުޖާން އެވެ.

"އެކަމަކު ފައިނަލަށް ދިއުމުން އިތުބާރު ލިބުނު. ކުރިން އަޅުގަނޑު ފައިނަލުގައި އެކި ތަޖުރިބާތައް ކުރިން. އެހެންވެ އޭގެ ފައިދާ ކަންނޭގެ މި ލިބުނީ،" ރާއްޖޭން ބޭރުގެ މުބާރާތްތަކުގައު ވެސް ކާމިޔާބީ ހޯދާފައިވާ އަޒްމީން ބުންޏެވެ.

"ފައިނަލުގައި އެއްވެސް ވަރަކަށް ޕްރެޝަރެއް އިހުސާސެއް ނުވޭ."

މީގެ ކުރިން ގައުމީ ކެރަމް ފިރިހެން ތަށި މިލްލުކޮށްފައިވަނީ ހަސަން ނާޒިމް (ނާނު) އާއި ހުސެއިން ނީޝާމް އެވެ.