ޖާގައިގެ ދަތިކަމާ ހެދި އެކި ތަންތަނަށް ހިދުމަތް ބަހާލައިގެން މިިހާރު ހިންގާ ކެއާ ސޮސައިޓީގެ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ މަރުކަޒެއް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޖަމިއްޔާ ބޯޑުގެ ރައީސް އިސްމާއިލް އަދުހަމް ވިދާޅުވެއްޖެ އެވެ.

އެ ޖަމިއްޔާގެ 25 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މިދިޔަ ބުރާސްފަތިދުވަހު އަދުހަމް ވިދާޅުވީ ކެއާ ސޮސައިޓީގެ ހިދުމަތް، ހުޅުމާލެ ފޭސް2ގައި ފެށުމަކީ ވެސް މާލެ ނޫން އެހެން ސަރަހައްދުތަކުގައި އެ ޖަމިއްޔާގެ ހިދުމަތް ފުޅާކުރަން ދެކެމުން އަންނަ ހުވަފެންތަކުގެ ފެށުން ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖަމިއްޔާގެ ހިދުމަތް ފުޅާކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދުހަމް ވިދާޅުވީ ޖަމިއްޔާގެ ތަފާތު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތަކަށް މަރުކަޒެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އެ ޖަމިއްޔާއަށް 25 ވަނަ އާންމު ޖަލްސާގައި އަދުހަމް ވާހަކަ ދައްކަވަނީ.--
އެ ޖަމިއްޔާއަށް 25 ވަނަ އާންމު ޖަލްސާގައި އަދުހަމް ވާހަކަ ދައްކަވަނީ.--

އޭނާ ވިދާޅުވި ގޮތުގައި ޖަމިއްޔާގެ ހިދުމަތްތައް މިހާރު ލިބެން ހުންނަނީ ވަކިވަކި އިމާރާތްތަކުގަ އެވެ. އެގޮތަށް ރޭވިފައި ހުރުމުން ބެލެނިވެރިންގެ މުޅި ދުވަސް ހޭދަކުރަން ޖެހެނީ އެ ތަންތަނަށް ކުދިން ގެންގޮސް ގެނައުމުގައި ކަމަށް އަދުހަމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކެއާ ސޮސައިޓީން މަސައްކަތް ކުރަމުން މި ގެންދަނީ ހެނދުނު ކުއްޖާ ގެނެސް އަޅުގަނޑުމެންނާ ހަވާލު ކުރުމަށް ފަހު މެންދުރުފަހު ކުއްޖާ ގެއަށް ފޮނުވާލެވޭ ގޮތަށް ހިދުމަތް ދެވޭތޯ. މިހެން ރޭވިއްޖެ ނަމަ ކުއްޖާއަށް ބޭނުންވާ ތެރަޕީ، ތައުލީމު، ވޮކޭޝަނަލް ޕްރޮގްރާމް އަދި ޑޭ ކެއާގެ ހިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ. މިއީ، ބެލެނިވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ކެއާ ސޮސައިޓީގެ އާންމު ޖަލްސާގައި އެތަނުގެ ހިދުމަތްތެރިން ބައިވެރިވަނީ.
ކެއާ ސޮސައިޓީގެ އާންމު ޖަލްސާގައި އެތަނުގެ ހިދުމަތްތެރިން ބައިވެރިވަނީ.

ކެއާ ސޮސައިޓީގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު ނުވަ ވަނަ ދުވަހެވެ. އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ ހަފުތާގައި ބޭއްވި ޖަލްސާގައި ވަނީ މިދިޔަ އަހަރު އެ ޖަމިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިއުން ދީފަ އެވެ.

އެ ޖަމިއްޔާއަށް 25 އަހަރު ފުރުން ފަހަގަކުރުމުގެ ގޮތުން، "ކެއާ ސޮސައިޓީގެ 25 އަހަރުގެ ދިގު ދަތުރު" އާންމުންނަށް ހިއްސާ ކުރުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގުމާއި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް އެ ޖަލްސާގައި ނިންމާފައިވެ އެވެ.