ހުޅުމާލެ 2 ގައި ކެއާ ސޮސައިޓީގެ ގޮތްޕެއް ހުޅުވައިފި އެވެ.
ކެއާ ސޮސައިޓީން އާބަންކޯއާ ގުޅިގެން "ހިޔާ ތެރަޕީ އެންޑް އިންވެންޝަން ސެންޓަރު"ގެ ނަމުގައި މި ގޮފި ހުޅުވީ ފޭސް ފޭއްގައި ހުންނަ ހިޔާ ޓަބަރު އެކެއްގަ އެވެ. މި ތަން ހުޅުވާދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ކެއާ ސޮސައިޓީން ބުނި ގޮތުގައި އެ ތަނަކީ ހުޅުމާލެ ފޭސް 2ގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީ އާއި ފަރުވާފޯރުކޮށްދިނުމުގެ ގޮތުން ހުޅުވި ސެންޓަރެކެވެ. މި ސެންޓަރުން އެކި ޕްރޮގްރާމުތަކާއި ހިދުމަތްތައް އެހީ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ އެކަމަށް ބޭނުންވާ ފަރުވާ ދޭނެ އެވެ.
މި ސެންޓަރުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލުގައި އެކި މާއްދާތައް ކިޔެވުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެހީ ބޭނުންވާ އެކި މާއްދާތަކަށް އެހީ ފޯރުކޮށްދޭނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގުރާމުތައް ވެސް މި ތަނުން ހިންގާނެ އެވެ. މި ސެންޓަރުން އެކި ވައްތަރުގެ އެސަސްމަންޓުތައް ހަދާ އެކި ވައްތަރުގެ ތެރަޕީ ދޭނެ އެވެ.
މި ސެންޓަރަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މި ތަނުގެ ފަރުނީޗަރާއި ތަކެތި ފޯރުކޮށްދީފައިވަނީ ހެޔޮ އެދޭ ފަރާތްތަކުން ކަމަށް ކެއާ ސޮސައިޓީން ބުންޏެވެ.
ކެއާ ސޮސައިޓީ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމަށް އެ ފަރާތްތަކަށް ބޭނުންވާ ތެރަޕީ އާއި ޓްރެއިނިން އާއި ތައުލީމު ފޯރުކޮށްދޭ ޖައްމިއްޔާއެކެވެ.