އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ހަށިގަނޑުގެ އެކި ހިސާބަށް ކެންސަރު ބަލި އިތުރަށް ފެތުރިފައިވާ ކަމަށް އޭނާގެ ދަރިކަލުން ހަންޓަ ބައިޑަން ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.

އުމުރުން 83 އަހަރުގެ ބައިޑަންއަށް ނުރައްކާތެރި ޕްރޮސްޓޭޓް ކެންސަރެއް ޖެހި އަދި އެ ކެންސަރު ކަށިތަކަށް ފެތުރިފައިވާކަން ފުރަތަމަ ހާމަކުރެއްވީ، ރައީސްކަމުގެ ދައުރު ނިންމަވާލެއްވި ތިން މަސް ފަހުން، 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ބައިޑެން ވަނީ ރޭޑިއޭޝަން އަދި ހޯމޯން ތެރަޕީ ހިމެނޭ ގޮތަށް ފަރުވާ ހޯއްދަވަން ފައްޓަވައިފަ އެވެ. އަދި މިދިޔަ މަހު، އަމިއްލަ ހަޔާތްޕުޅުގެ މައްޗަށް ލިޔުއްވާ ފޮތް އިފްތިތާހު ކުރެއްވި ހަފްލާގައި، ފަރުވާގެ ކަންކަން ދަނީ "ވަރަށް ރަނގަޅަށް" ކަމަށް ބައިޑަން ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ހުކުރު ދުވަހުގެ ރޭ 'ބީބީސީ ނިއުސްނައިޓް' އަށް ދެއްވި ދިގު އިންޓަވިއުއެއްގައި ހަންޓަ ބައިޑަން ވިދާޅުވީ، ފަރުވާ ދެމުންދިޔަ ނަމަވެސް ބައްޕަގެ ހަށިގަނޑުގައި ކެންސަރު ބަލި އިތުރަށް ފެތުރެމުންދާ ކަމަށެވެ.

"ކެންސަރު ވަނީ ފެތުރިފައި، ކަށިތަކަށާއި އަދި އޭގެ އިތުރަށް ވެސް ވަނީ ފެތުރިފައި،" ހަންޓަ ވިދާޅުވި އެވެ.

"މިއީ ވަރަށް ވޭން ހުރި އަދި ގިނަ ގޮތްގޮތުން ވަރަށް ބަލިކަށިކޮށްލާ ކަމެއް. ނަމަވެސް ބައްޕަ އަދިވެސް އުޅުއްވަނީ މަސައްކަތުގައި... މި ގައުމަށް ކުރައްވާ އިތުބާރު ވަރަށް ބޮޑު،"

ބައްޕަގެ ސިއްހީ ހާލަތާ ބެހޭގޮތުން ހަންޓަ ބައިޑަން ވާހަކަ ދެއްކެވި އިރު ބައެއް ވަގުތުތަކުގައި ފެނުނީ ވަރަށް ޖަޒުބާތީކޮށެވެ.

"މިއީ ބަލަން ވަރަށް އުނދަގޫ، އަދި ވަރަށް ހިތްދަތިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ތާރީހުގައި ވެސް، ވެރިކަން ކުރެއްވި އެންމެ އުމުރުން ދުވަސްވީ ރައީސްގެ ހައިސިއްޔަތުން ސިއްހީ ހާލަތާ މެދު ގިނަ ސުވާލުތަކެއް އުފެދިފައިވަނިކޮށް، އޭރު އުމުރުން 81 އަހަރުގެ ބައިޑަން ވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރަކަށް ވާދަކުރެއްވުމަށް ނިންމަވައިފަ އެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ޖޫން މަހު ޑޮނަލްޑް ޓްރަމްޕާ އެކު ބޭއްވި ބަހުސްގައި ބައިޑަންގެ ފަރާތުން ފެނުނު ކަންތައްތަކާ ގުޅިގެން، ޑިމޮކްރޭޓުންނާއި މީޑިއާގެ ފަރާތުން ކުރިމަތިވި ބޮޑު ޕްރެޝަރާ އެކު ވަނީ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފަ އެވެ.

އޭގެ ފަހުން، ބައިޑަންގެ ބަދަލުގައި ވާދަކުރެއްވި އޭރުގެ ނައިބު ރައީސް ކަމަލާ ހޭރިސް ބަލިކުރެއްވުމަށް ފަހު އިންތިހާބު ކާމިޔާބު ކުރެއްވީ ޑޮނަލްޑް ޓްރަމްޕެވެ. -- އޭއެފްޕީ