ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވިއައިއޭ)ގެ ބައެއް ސަރަހައްދުތައް މާދަމާ ވަކި ގަޑިތަކެއްގައި ބަންދުކުރަން ނިންމާފައިވާ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ މާދަމާ އަދި ހޯމަ ދުވަހުގެ ވަކި ގަޑިތަކެއްގައި އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމަށެވެ. އާދިއްތަ ދުވަހު ހެނދުނު 9 އިން 11 އަށް އަދި ހޯމަ ދުވަހުގެ ހެނދުނު 7:30 އިން 8:30 އަށް އެއާޕޯޓުގެ ފަޅާއި މަގުން ބައެއް ބަންދުވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެ ވަގުތުތަކުގައި އެމްޓީސީސީގެ ބަހާއި އެމްއޭސީއެލްގެ ސްޓާފް ބަސް ހުއްޓާނީ ވެސްޓަން ޕާކިން ސަރަހައްދަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެމްއޭސީއެލްގެ ފެރީ ގާތް ކުރާނީ ވެސްޓަން ޕާކިން ސަރަހައްދު ބަނދަރަށް ކަމަށާއި ބަންދު ވަގުތުތަކުގައި ހުޅުލެ ފަރަށް ވަދެ ނިކުމެވޭނީ ދެކުނު ނެރުން ކަމަށް ވެސް ބުންޏެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި ބަންދު ގަޑިތަކުގައި އިންޓަނޭޝަނަލް ޓާމިނަލުގެ އުތުރު ކަންމަތިން ފެށިގެން ޑޮމެސްޓިކް އުތުރު ކަންމައްޗާއި ދެމެދު އޮންނަ މަގު ވެސް ބަންދު ވާނެ އެވެ.