އުރީދޫ މޯލްޑިވްސް އިން ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މިއަހަރު ބާއްވާ "އުރީދޫ މަސްރޭސް" ގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ ހަމަވާނެ އެވެ.
ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބޭ އެ މަސް ރޭސް މިއަހަރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކ. މާފުށީގަ އެވެ.
"އުރީދޫ މަސް ރޭސް" ގައި ބައިވެރިވެވޭނީ ކެޕްޓަނުންނާއި އޮފިޝަލުން ހިމެނޭހެން 12 މީހުން ހިމެނޭ ޓީމުތަކަށެވެ. އަދި އެ ރޭހުގައި ބައިވެރިވުމަށް މިރޭ 12:00 އާ ހަމައަށް ހުށަހެޅޭނެ އެވެ.
އުރީދޫން ބުނީ މަސްރޭހުގައި ފުރުސަތު ދޭނީ ގިނަވެގެން 20 ޓީމަށް ކަމަށެވެ. އެހެންވެ، 20 ޓީމަށް ވުރެ އިތުރުވާ ނަމަ، ފުރުސަތު ދޭނީ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް، ފައިސާ ދެއްކި 20 ޓީމަށް ކަމަށް އުރީދޫން ބުންޏެވެ.
މިއަހަރުގެ މަސް ރޭހަށް ވެސް އުރީދޫން ވަނީ ފައިސާގެ އިނާމު ހުށަހަޅާފައިވެ އެވެ. އެގޮތުން އެއް ވަނައަށް 25،000ރ. ދެ ވަނަ އަށް 10،000ރ. އަދި ތިން ވަނަ އަށް 5،000ރ. ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް 1،000ރ. ގެ ފައިސާގެ އިނާމާއި އެންމެ ބަރު މަސް ބާނާ މީހަކަށް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ.
އުރީދޫ މަސް ރޭހަކީ އެކި ރަށްރަށުގެ ޖަމިއްޔާތަކުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް ޓީމުތައް ހަދައިގެން ބައިވެރިވާ ފޯރިގަދަ ހަރަކާތެކެވެ. އަދި އެ މަސްރޭހަކީ ދިވެހިންގެ މެދުގައި މަސްވެރިކަމަށް އޮންނަ ރޫހު ދިރުވައި، ޒުވާނުންގެ މެދުގައި އެކަމަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް، އެއްބައިވަންތަކަމުގެ ރޫހު ކުރިއެރުވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.