ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް، "ދިރާގު މާލޭ އޯޕަން" ފެތުމުގެ މުބާރާތަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާފައިވާ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 އަދި 22 ވަނަ ދުވަހު ރަސްފަންނުގަ އެވެ.
ސުވިމް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ފޯރިގަދަ 'ދިރާގު މާލޭ އޯޕަން' ސުވިމިން މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓާ ސުވިމިން ކުރިއަރުވައި، އެ ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި މުބާރާތުގެ އެއް ކިލޯމީޓަރު، 500 މީޓަރު، 250 މީޓަރު އަދި މި އަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީ އަށް މިހާރު ސުވިމް މޯލްޑިވްސްގެ ވެބްސައިޓުން ރަޖިސްޓަރީ ކުރެވޭނެ އެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 350 ފެތުންތެރިން ބައިވެރިވެ 340 އަށް ވުރެ ގިނަ ފެތުންތެރިން ރޭސް ފުރިހަމަކުރި އެވެ. އޭގެ ތެރޭގައި އުމުރުން ފަސް އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ހިމެނެ އެވެ.
ދިރާގުން އަންނަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ މި ފަދަ އެކި ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.