މިހާރު ކުރިއަށްދާ، ދިވެހި އުފެއްދުންތަކުގެ މައުރަޒަށް ވަންނަ ކޮންމެ މީހެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ އެއްޗަކަށް ވާނީ ދަރުބާރުގޭ އެއްވަނަ ބުރީގައި ބަހައްޓާފައި ހުރި ލިޔެލާޖެހި އުނދޯންޏެވެ. އެ އުނދޯލި ފެނުމުން، އޭގެ ކައިރިއަށް ގޮސް މަޑުކޮށްލައި ފޮޓޯއެއް ނަގަ އެވެ.

ރާއްޖޭގައި ލިޔެލާ ޖެހުމުގެ މަސައްކަތުގައި އެންމެ ކުރީގައި އުޅޭ ބ.ތުޅާދު އަށް އުފަން އުމުރުން 40 އަހަރުގެ އަބްދުލް އަޒީޒުގެ ބުރަ މި މަސައްކަތަށް ފަންނު އެކްސްޕޯގެ ރަން ވަނަ ލިބި، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިތްޕުޅާވެ އެ ބައްލަވައިގަތުމުން ލިބުނު ޝަރަފު ވަނީ އިތުރުވެފަ އެވެ.

ފަންނު އެކްސްޕޯ އަށް ހާއްސަކޮށް އަބްދުލް އަޒީޒު، ލާޖެހި ރީތި ކުރެހުންތަކުން ތައްޔާރު ކުރި މި އުނދޯލީގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އޭރު ވަކި ހިސާބަކަށް އުނދޯލީގެ މަސައްކަތް ކޮށްފައި، މަޑުޖައްސާލުމަށް ފަހު އަނެއްކާ ވެސް މި މަސައްކަތް ފެށީ ސަރުކާރުން ފަންނު އެކްސްޕޯ އިއުލާނުކުރުމުންނެވެ. އެހެންވެ މި އުނދޯލީގެ މަސައްކަތަށް ތިން އަހަރު ހޭދަވި އެވެ.

އަބްދުލް އަޒީޒު ބުނީ، ރައީސް މި އުނދޯލި ބައްލަވައިގަތުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި އުނދޯލީގެ އަގަކީ 350،000ރ. އެވެ.

މުބާރާތުން އެއް ވަނަ ލިބުނު ލިޔެލާޖެހި  އުނދޯލި. -- ފޮޓޯ: ނިޝާން އަލީ / މިހާރު
މުބާރާތުން އެއް ވަނަ ލިބުނު ލިޔެލާޖެހި އުނދޯލި. -- ފޮޓޯ: ނިޝާން އަލީ / މިހާރު

"މި އުނދޯލި މިހާރު ރައީސް ބައްލަވައިގަންނަ ވާހަކަ ވިދާޅުވެފައި އޮތީ،" ފަހުރުވެރިކަމާ އެކު އުފަލުން ހުރެ އޭނާ ބުންޏެވެ.

އޭނާ ބުނީ ލިޔެލާޖެހި ތަފާތު އުފެއްދުމެއް ދައްކާލުމުގެ ވިސްނުން އައީ 2015 ވަނަ އަހަރު ފަންނުވެރިންނަށް ބޭއްވި ގައުމީ މައުރަޒަށް ފަހު ކަމަށެވެ.

އަބްދުލް އަޒީޒު ބުނި ގޮތުގައި ލިޔެލާ ޖެހުމުގެ މަސައްކަތަކީ އެކަން ރަނގަޅަށް ދަންނަ މީހަކަށް މާ ބުރަ މަސައްކަތެއް ނޫނެވެ. ނަމަވެސް އެއީ ގިނަ ވަގުތު ނަގާ ކަވި މަސައްކަތެކެވެ. އެހެންވެ މި އުނދޯލީގެ މަސައްކަތުގައި އޭނާގެ ކޮއްކޮ އާއި އަންހެނުން ވަނީ ވަރަށް ބޮޑަށް އެހީތެރިވެފަ އެވެ. އުނދޯލި ހަދާފައި ހުރީ ވަކި ވަކި ލަކުޑި ގުޅުވައިގެންނެވެ.

"މިއީ ދައްކާލުމުގެ ބަދަލުގައި ބޭނުން ވެސް ކުރެވޭ ގޮތަށް ހަދާފައިވާ އެއްޗެއް. އުނދޯއްޔެކޭ ބުނީމަ އޭގެ ބޭނުން ވެސް ކުރެވޭ ގޮތަށް ތައްޔާރު ކުރަން،" އޭނާ ބުންޏެވެ.

އަބްދުލް އަޒީޒުގެ އެހެން ބައެއް މަސައްކަތްތައް ދައްކާލަން ބަލަހައްޓާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަބްދުލް އަޒީޒުގެ އެހެން ބައެއް މަސައްކަތްތައް ދައްކާލަން ބަލަހައްޓާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަބްދުލް އަޒީޒުގެ މި މަސައްކަތަށް ވަނީ މުޅި މައުރަޒުން އެއް ވަނަ ލިބުމުގެ އިތުރުން ލިޔެލާ ޖެހުމުގެ ކެޓަގަރީންނާއި އަމިއްލަ ފަރުދުންގެ އުފެއްދުންތަކުގެ ކެޓަގަރީން ވެސް އެއް ވަނަ ލިބުނެވެ. މިއީ މުޅި މުބާރާތުން އޭނާ އެއް ވަނަ އަށް ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ އަށް 2015 ވަނަ އަހަރު ވެސް ގައުމީ މައުރަޒުުން އެއް ވަނަ ލިބިފައިވެ އެވެ. އެ ފަހަރު އެއް ވަނަ ލިބުނީ ލިޔެލާޖެހި ފަސް ފޫޓުގެ ވާސް އަކަށެވެ.

އޭނާ ބުނިގޮތުގައި މިފަދަ މައުރަޒެއްގެ ސަބަބުން، އެމީހުން ކުރާ މަސައްކަތް އިތުރަށް ފުރިހަމަކޮށް ކުރިއަށް ދިޔުމަށް ފުރުސަތު ލިބެ އެވެ. މައުރަޒުގައި ދައްކާލާ ފުރިހަމަ މަސައްކަތަކާ އެކު، އުފެއްދުންތައް ގަންނާނެ މީހުން އިތުރުވެ އެވެ. އޭނާ ބުނީ މިހާރު ވެސް އުނދޯލި ހަދައިދޭން ގިނަ ބައެއްގެ އޯޑަރުތައް ލިބިފައިވާ ކަމަށެވެ.

ތުޅާދޫގައި އާމްދަނީ ހޯދުމުގެ ގޮތުން ފުލްޓައިލްކޮށް ލިޔެލާ ޖެހުމުގެ މަސައްކަތް އެންމެ ފުޅާކޮށް ކުރާ އެކަކަށް އޭނާ ވާނެ އެވެ. ލިޔެލާޖެހި ސާމާނު ވިއްކަނީ ކައިރި ރިސޯޓުތަކަށެވެ. އެ މަސައްކަތުން ލިބޭ އާމްދަނީއާ މެދު ވަރަށް ބޮޑަށް އޭނާ ހިތްހަމަޖެހެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) އެ މަނިކުފާނު ބައްލަވައިގަތް އުނދޯލީގައި، އެ އުނދޯލި ހެދި އަބްދުލް އަޒީޒާ އެކު. -- ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) އެ މަނިކުފާނު ބައްލަވައިގަތް އުނދޯލީގައި، އެ އުނދޯލި ހެދި އަބްދުލް އަޒީޒާ އެކު. -- ފޮޓޯ: ރައީސް އޮފީސް

އަބްދުލް އަޒީޒް ރިސޯޓެއްގައި ރޫމް ބޯއި އަކަށް އުޅުމަށް ފަހު މީގެ 12 އަހަރު ކުރިން ލިޔެލާ ޖެހުމުގެ މަސައްކަތް ކުރަން ފެށީ، އަމިއްލަ މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުމުގެ ބޭނުމުގަ އެވެ. ނަތީޖާ އަކީ އޭނާ ބުނި ގޮތުގައި ރަށުގައި އެންމެ ފުދިގެން އުޅޭ އެކަކަށް ވުމެވެ.

"މި މަސައްކަތުގައި ވާ ގޮތަކީ އަހަރެމެން ދިވެހިން ދިވެހިންގެ މަސައްކަތެކޭ ކިޔާފަ ތިބެމީ. މި މަސައްކަތް ގަވައިދުން އާމްދަނީ ހޯދުމަށް ކުރާ ކަމުގައިވާ ނަމަ ވަރަށް ބޮޑު ފައިދާއެއް ވާނެ،" އޭނާ ބުންޏެވެ.

އަބްދުލް އަޒީޒު ބުނީ، ވިޔަފާރި ރަޖިސްޓްރީކޮށްގެން ވިޔަފާރިއެއްގެ ގޮތުގައި މިކަން ކުރާ އިރު، ރަޖިސްޓްރީ ނުކޮށް މިކަން ވިޔަފާރީގެ އުސޫލުން ކުރާ ބަޔަކު ވެސް އުޅޭ ކަމަށާއި އެހެންވެ ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

އޭނާ ދެކެނީ ކެރިގެން ކޮށްފި ނަމަ މިކަން ކޮންމެ މީހަކަށް ވެސް ވާނެ ކަމަށެވެ. އޭނާ ބޭނުންވަނީ ކުރިއަށް އޮތްތަނުގައި ވެސް ލިޔެލާ ޖެހުމުގެ މަސައްކަތުގައި ކުރިއަށް ގޮސް، ތަފާތު އިތުރު އުފެއްދުންތައް ތައްޔާރު ކުރުމެވެ.