ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ވިޔަފާރިވެރިންނާ ގުޅުމެއް ނެތް ކަމަށާއި ވިޔަފާރިވެރިންގެ ހައްގުގައި މަސައްކަތް ކުރާނެ ޖަމިއްޔާއެއް ނެތުމަކީ އެ މީހުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި "ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ބިލް" އާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ވިޔަފާރިވެރިންގެ ޖަމިއްޔާގައި މިވަގުތު ތިއްބަވަނީ ކޮން ބޭފުޅުންތަކެއް ކަމެއް އަދި އެ ޖަމިއްޔާ އިން ގުޅުއްވާނީ ކޮން ބޭފުޅަކާ ކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މަގުތައް މަތިން ވެސް ޗެމްބަރުގެ ވާހަކައެއް އަޑެއް ނީވޭ. ހަމައެކަނި އަޑު އިވެނީ ޗެމްބާ އޮފް ކޮމާސް ހަދަން ދީފައި އޮތް ބިމުގައި ލޯކަލް މާރުކޭޓުތަކެއް ހިންގައިގެން އެ ތަނާ ގުޅޭ ގޮތުން އާންމު ރައްޔިތުން ކުރަމުންދާ ކޮމްޕްލެއިންޓްސް [ޝަކުވާ]،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި، މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވިއިރު، ވިޔަފާރިވެރިންގެ ޖަމިއްޔާގައި އެންމެ ފުރަތަމަ އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމުން، އެ ޖަމިއްޔާ ހިންގާ ގޮތުގެ ޝަކުވާ ލިބިވަޑައިގަތެވެ. އެގޮތުން ޗެމްބާ އޮފް ކޮމާސް އިން ދިވެހި ވިޔަފާރިވެރިންނާ ގުޅުން ނުބާއްވާ ކަމަށާއި އެ ޖަމިއްޔާގެ އެތެރޭގެ އިންތިހާބުތައް ވެސް ކުރިއަށް ގެންދަނީ ވަރަށް ގޯސްކޮށް ކަމަށް ވިޔަފާރިވެރިންނާ ހަވާލާ ދެއްވައި ފައްޔާޒު ވިދާޅުވި އެވެ.

މީގެ 27 އަހަރު ކުރިން އުފެއްދި މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސްގެ މިހާރުގެ ރައީސަކީ އިސްމާއިލް ނޫރައްދީނެވެ. ނައިބު ރައީސަކީ އިސްމާއިލް އާސިފާއި އަހުމަދު ރިޒްވީ އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއަކީ ވިޔަފާރީގެ އެކި އެކި މައްސަލަތަކުގައި ވިޔަފާރިވެރިން ތަމްސީލު ކުރަމުން ދިޔަ ޖަމިއްޔާއެއް ނަމަވެސް ކޮވިޑްގެ މި ނާޒުކް ހާލަތުގައި އެ ޖަމިއްޔާގެ އަޑު އެއްވެސް ވަރަކަށް ނީވެ އެވެ.

ފައްޔާޒު ވިދާޅުވީ، ސަރުކާރުން އެކުލަވައިލާ އެކި އެކި ސިޔާސަތުތައް ބައްޓަން ކުރުމުގައި ޗެމްބާ އޮފް ކޮމާސް ނެތުމުން ވަރަށް ބޮޑު ނިކަމެތިކަމެއް ލިބޭ ކަމަށެވެ.

"ނޭޝަނަލް ޗެމްބާ އޮފް ކޮމާސްއެއް ރަސްމީކޮށް އޮތުމާއި ފަންކްޝަން ކުރުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.