ހދ. ނެއްލައިދު އާއި ލ. އިސްދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.
އެމްޓީސީސީން މިއަދު ބުނީ ނެއްލައިދޫ ބަނދަރުގެ 70 ޕަސެންޓު، އިސްދޫ ބަނދަރުގެ 85 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ނެއްލައިދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 47.6 މިލިއަން ރުފިޔާ އަށެވެ. އިސްދޫ ބަނދަރުގެ މަސައްކަތަށް ހަރަދުވަނީ 34.7 މިލިއަން ރުފިޔާ އެވެ.
ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނަދަރު ފުންކޮށް، 331 މީޓަރުގެ ބޭރު ތޮށިލުމާއި 204 މީޓަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި 2،102 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި ނެރު ބައްތި އާއި މަގު ބައްތި ހަރު ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
އިސްދޫ ބަނދަރު ތަަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. އަދި 230 މީޓަރުގެ ސަރަހައްދުގެ އެއްގަމުތޮށި ލައި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
މި މަޝްރޫއުގެ ދަށުން 98 މީޓަރުގެ ސަަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި 1،560 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި ބަނދަރުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ އެވެ.