އިންޑިއާގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމަށް ދިއުމަށް ބޭނުންވާ ވިޔަފާރިވެރިންނަށް މޯލްޑިވިއަން އިން ބާއްވާ ހާއްސަ ފްލައިޓްގެ ޓިކެޓެއް 250 ޑޮލަރަށް ވިއްކަން ފަށައިފި އެވެ.

ނިއު ދިއްލީގައި މިމަހު 21 އަދި 22 ގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވާ ހުރިހާ ދިވެހިންނަށް މި އަގުގައި ޓިކެޓު ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.

އިންވެސްޓްމަންޓް ފޯރަމަށް ހާއްސަ ޗާޓަރު ފްލައިޓް މާލެ އިން ދިއްލީއަށް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހު 20 ގަ އެވެ. އަދި އެނބުރި ރާއްޖެ އަންނާނީ މި މަހު 23ގަ އެވެ.

"މި ފްލައިޓަކީ އިންވެސްޓްމަންޓް ފޯރަމަށް ދާ ދިވެހިންނަށް ހާއްސަ ފްލައިޓަކަށް ވިޔަސް ޖާގަ އޮތް ވަރަކުން އާންމުންނަށް ވެސް މި ފްލައިޓުގައި ދަތުރު ކުރެވޭނެ." މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ވެ އެވެ.

އިންޑިއާގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ޖަމިއްޔާ ކަމަށްވާ ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ)އާ ގުޅިގެން ބާއްވާ ފޯރަމްގައި ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަށް ތިން އަގެއްގެ ތިން ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، ފޯރަމްގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިވެރިންނަށްމި މަހުގެ 10 ގެ ކުރިން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެ އާއި އިންޑިއާގެ ވިޔަފާރިވެރިންގެ ތަރުހީބު އިންވެސްޓްމަންޓް ފޯރަމަށް ވަރަށް ރަނގަޅެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރަށް، އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވެ، އެ ފަރާތްތަކުގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދިނުމަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށާއި އެހެންވެ ވީހާ ވެސް ގިނަ ވިޔަފާރިވެރިން ބައިވެރިވުމަށް މިނިސްޓްރީން ގޮވައިލި އެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ ބޭރުގައި އިންވެސްޓްމަންޓް ދެ ފޯރަމް ބާއްވައިފަ އެވެ. މިިދިޔަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި އޭގެ ކުރީ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ.

މި އަހަރުގެ ފޯރަމްގައި ހުޅުވާލާ މަޝްރޫއުތައް އަމާޒު ކުރަނީ މައިގަނޑު ތިން ދާއިރާ އަކަށެވެ. އެއީ އިންފްރަސްޓްރަކްޗާ އާއި ޓޫރިޒަމް އަދި ރެކްރިއޭޝަނަލް ދާއިރާގެ މަޝްރޫއުތަކެވެ. އެކަމަކު، އެއީ ސީދާ ކޮން މަޝްރޫއުތަކެއް ކަމެއް ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ.