ދުނިޔޭގެ މަޝްހޫރު ޖޯޓަން ބްރޭންޑްގެ ޑެކަރެޓިވް ކުލަ، ކަލަބޭންކުން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.
އެ ކުންފުނިން ވަނީ ޖޯޓަން ބްރޭންޑުގެ ކުލައިގެ އިތުރުން ދަވާދާއި ލަކުޑީގައި ލާ ހާއްސަ ކުލަ އާއި ވަރުނީސް ވެސް ތައާރަފުކޮށްފަ އެވެ. ޖޯޓަން ޑެކެރެޓިވް ކުލަ އާއި ދަވާދަކީ ގޭގޭގަ އާއި ބޮޑެތި އިމާރާތްތަކުގައި ލާން ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު ކުލައެކެވެ.
ކަލަބޭންކުން ބުނި ގޮތުގައި ޖޯޓަންގެ ކުލަ ހެޔޮ އަގުގައި އެ ކުންފުނީގެ ފިހާރަތަކުން ލިބޭނެ އެވެ. އެތަނުން ބުނީ 200ރ. އާއި 1،500ރ. އާއި ދެމެދުގައި ޖޯޓަން ޑެކެރެޓިވް ކުލަ ލިބޭނެ ކަމަށެވެ. ކަސްޓަމަރުންނަށް ކުލަ ލިބޭނީ 4 ލީޓަރު އަދި 18 ލީޓަރުގެ ދަޅުގަ އެވެ.
ޖޯޓަން ޑެކަރެޓިވް ރޭންޖްގެ ކުލަތައް ކަލަބޭންކުގެ މަޖީދީމަގު ބްރާންޗުގެ އިތުރުން ހުޅުމާލޭގައި ހުންނަ ކަލަބޭންކް ހޯމް އިން ވެސް ލިބޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ވެސް މި ކުލަތައް ގަންނަން ލިބޭނެ ކަމަށް ކަލަބޭންކުން ބުންޏެވެ.
ޖޯޓަން ބްރޭންޑަކީ ނޯވޭ އަށް ނިސްބަތްވާ ޑެކަރެޓިވް ކުލަ އާއި ދަވާދާއި ލަކުޑިއަށް ހާއްސަ ކުލައިގެ އިތުރުން ވަރުނީސް އުފެއްދުމަށް ނަން މަޝްހޫރު ތަޖުރިބާކާރު ކުންފުންޏެކެވެ. އެ ކުންފުންޏަކީ ކަނޑުމަތީ އުޅަނދުފަހަރުގައި ލާ ދަވާދު އަދި އެންޓިފައުލިންގް އުފެއްދުމުގައި ވެސް މަޝްހޫރު ކުންފުންޏެކެވެ. ޖޯޓަން ގްރޫޕުން ވަނީ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިމާރާތްތަކުގައި ކުލަ އަދި ޕްރޮޓެކްޓިވް ކޯޓިންގްސް ފޯރުކޮށްދީފަ އެވެ. އެގޮތުން ދުބާއިގެ ބުރުޖް ޚަލީފާ އާއި ސިންގަޕޫރުގެ މަރީނާ ބޭ ސޭންޑްސް އަދި ޕެރިސްގައި ހުންނަ މަޝްހޫރު އައިފަލް ޓަވަރަށް ކުލަ ފޯރުކޮށް ދީފައިވަނީ ޖޯޓަން ގްރޫޕުންނެވެ.
ކަލަބެންކުން ރާއްޖޭގައި ހިދުމަތް ދޭން ފަށައިފައިވަނީ 1994 ގަ އެވެ. އެ ކުންފުނީގެ ފިހާރަތަކުން އިމާރާތްތަކުގަ އާއި ގޭގޭގައި ލާނެ ފެންވަރު ރަނގަޅު ކުލަ އާއި ދަވާދާއި ފިހި އަދި ރޯލަރާއި ވަރުނީސްގެ އިތުރުން އޮޑި ދޯނިފަހަރުގައި ލާނޭ ކުލަ އާއި އެންޓިފައުލިންގް އާއި ކާރު އަދި ސައިކަލުގައި ލާނެ ކުލަ އާއި އެއިރޯސްޕޭސް ކޯޓިންގްސް (މަތިންދާބޯޓު އަދި ސީޕްލޭން) ގައި ލާނޭ ކޯޓިންގްސް ވެސް ލިބެން ހުންނާނެ އެވެ.
މީގެ އިތުރުން އެކުންފުނިން ފޯރުކޮށްދޭ ކުލަ ތަކަކީ ދުނިޔޭގެ ކުލަ ހެދުމަށް ނަން މަޝްހޫރު ބްރޭންޑް ތަކުގެ އުފެއްދުންތަކެވެ. އެގޮތުން އިނގިރޭސިވިލާތުގެ ކްރައުން ކުންފުނީގެ އުފެއްދުންތަކާއި، ނެދަލޭންޑްސްގެ އަކްޒޯނޯބެލް އަދި ސިކަންސް ބްރޭންޑް އާއި ނޯވޭގެ ޖޯޓަން ބްރޭންޑް ހިމެނެ އެވެ.