މި އަހަރުގެ ރަމަޟާން މަހަށް އަޅުގަނޑުމެން މަރުހަބާ ކިޔަން މި ޖެހުނީ ވަރަށް ތަފާތު ގޮތަކަށެވެ. އެހެން އަހަރުތަކުގައި ރަހުމަތްތެރިންނާ އެކު މާހެފުމާއި ރޯދަ ވީއްލުންތައް ރޭވި ނަމަވެސް މި އަހަރު އެކަން ކުރެވޭކަށް އަދި ނެތެވެ.

ކޮވިޑް-19 އާ ގުޅިގެން އެކަކު އަނެކަކާ ދުރުގައި ތިބެން ޖެހިފައިވާ މި ދުވަސްވަރު އެންމެން ގުޅުވައިދެނީ މުއާސަލާތީ ވަސީލަތްތަކުންނެވެ. އާއިލާ މީހުންނާއި ރައްޓެހިންގެ ހާލު ބަލަން ޖެހިފައި މިވަނީ ވީޑިއޯ ކޯލަކުން ނުވަތަ މެސެޖެއް ކޮށްލައިގެންނެވެ. އެންމެންގެ އުއްމީދަކީ ވެސް ވީހާވެސް އަވަހަކަށް މި ހާލަތުން އަރައިގަނެގެން އެކަކު އަނެކަކާ ބައްދަލުވުމެވެ.

މަންމައަކު އޭނާގެ ދަރިންނާ ވީޑިއޯ ކޯލަކުން ވާހަކަ ދައްކަނީ -- ފޮޓޯ: ދިރާގު
މަންމައަކު އޭނާގެ ދަރިންނާ ވީޑިއޯ ކޯލަކުން ވާހަކަ ދައްކަނީ -- ފޮޓޯ: ދިރާގު

ރާއްޖޭގެ މުއާސަލާތީ ހިދުމަތް ދެމުން އަންނަ އެންމެ ބޮޑު ކުންފުނި، ދިރާގުން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ނެރުނު ވީޑިއޯއިން ގެނެސްދެނީ އުއްމީދެކެވެ. މި ވީޑިއޯއިން ދޭ މެސެޖަކީ މިވަގުތު އެންމެ މުހިންމު އަދި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ އެއްބައިވަންތަކަމުގެ މައްޗަށް ކަމެވެ.

"އެއް އަޒުމެއް، އެއް އުއްމީދެއްގައި" އެކަކު އަނެކަކަށް އެއްބަރުލުންދީ މި ހާލަތުން އަރައިގަތުމަށް މި ވީޑިއޯގައި އިލްތިމާސް ކުރެ އެވެ.

ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މަންމައަކު ދަރިފުޅާ ބައްދަލުވާނެ ކަމުގެ އުއްމީދުގައި ފޮނުވާ މެސެޖެއް ދައްކުވައިދޭ މި ވިޑީއޯގައި ފެންނަނީ ދަރިފުޅާ ދުރުގައި ހުންނަން ޖެހުމުން ކުރާ ހިތްދަތި އިހުސާސްތަކެވެ. ނަމަވެސް މި ހާލަތުގައި ވެސް ބަރަކާތްތެރި ރަމަޟާން މަހު އަޅުކަންތައް ގިނަކޮށް އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ދުއާކުރުން ވެސް ގިނަ ކުރަން އެ މަންމަ އެދެ އެވެ.

ދިރާގު ވިޑިއޯގައި މީހަކު ގުރުއާން ކިޔަވަނީ -- ފޮޓޯ: ދިރާގު
ދިރާގު ވިޑިއޯގައި މީހަކު ގުރުއާން ކިޔަވަނީ -- ފޮޓޯ: ދިރާގު

މިއީ މިއަދު ކުރީ ސަފުގައި މަސައްކަތް ކުރާ ކޮންމެ މީހެއްގެ ވެސް އިހުސާސެވެ. ސިއްހީ ހިދުމަތްތެރިންނާއި ފުލުހުންނާއި ސިފައިންނާއި ޑެލިވަރީގެ ހިދުމަތް ދޭން ފުރާނަ އަތްމައްޗަށް ލައިގެން ނުކުންނަ ކޮންމެ މީހަކު ވެސް މިއަދު އެދެނީ އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ. މި ބަލިމަޑުކަމުން އަރައިގަތުމުގައި ގިންތިއަކަށް، ފަންތިއަކަށް ބެލުމެއް ނެތި އެކަކު އަނެކަކަށް އެހީވުމަކީ އެންމެންގެ ވެސް އެދުމެވެ.

ދިރާގު ވިޑިއޯގައި ފެންނަ ބަޔަކު ޑެލިވަރީގެ ހިދުމަތް ދޭ ތަން - ފޮޓޯ: ދިރާގު
ދިރާގު ވިޑިއޯގައި ފެންނަ ބަޔަކު ޑެލިވަރީގެ ހިދުމަތް ދޭ ތަން - ފޮޓޯ: ދިރާގު

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ދިރާގުން ފުން މާނަތައް އެކުލެވޭ މެސެޖެއް ރައްޔިތުންނަށް ފޯރުކޮށްދެ އެވެ. ނަމަވެސް މި އަހަރުގެ ރޯދަމަހު އެންމެން ގޭގައި ތިބެން ޖެހޭނެ ކަމަށް އެ ކުންފުނިން ވެސް އުއްމީދެއް ނުކުރެ އެވެ.

މިއަދު އާއްމު ކުރި ވީޑިއޯގެ ހުރިހާ މަންޒަރެއް ވެސް ނަގާފައި ވަނީ، އެޗްޕީއޭގެ ލަފަޔާ އެއްގޮތަށް، ސޯޝަލް ޑިސްޓެންސިންއަށް ބަލައިގެން ގޭގައި ތިބެގެންނެވެ. މި ބަލިމަޑުކަމުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަސްލު އިހުސާސްތައް އެނގޭ މަންޒަރުތަކެވެ.

ދިރާގު ވިޑިއޯގެ މަންޒަރެއް: ސިއްހީ ހިދުމަތްތެރިން އެދެނީ އެންމެން ގުޅިގެން ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރަން-- ފޮޓޯ: ދިރާގު
ދިރާގު ވިޑިއޯގެ މަންޒަރެއް: ސިއްހީ ހިދުމަތްތެރިން އެދެނީ އެންމެން ގުޅިގެން ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރަން-- ފޮޓޯ: ދިރާގު

ދިރާގުގެ ސީނިއާ މެނޭޖަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މި އަހަރުގެ ވީޑިއޯ ހެދުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާ މުރިމަތިވި ކަމަށެވެ. ނަމަވެސް މި ހާލަތުން އަރައިގަތުމަށް އެންމެން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން އުއްމީދީ މެސެޖެއް އާއްމުންނަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކްރިއޭޓިވް ގޮތަކަށް މުޖުތަމައަށް މުހިންމު މެސެޖެއް ދޭން ދަތިވި ނަމަވެސް އަޅުގަނޑުމެން ބެލީ އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ބޭރަށް ނުގޮސް ވީޑިއޯ ތައްޔާރުކުރެވޭތޯ. މީގެ ސަބަބުން އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރަން،" މިރްޝާން ވިދާޅުވި އެވެ.

ދިރާގުން ވަނީ މި ދަނޑިވަޅު އެޗްޕީއޭ އާއި ސިއްހީ މާހިރުން ދޭ އިރުޝާދުތަކަށް އަމަލުކުރުމަށް އާންމުންގެ ފަރާތުން އެދިފަ އެވެ. އަދި މި ރޯދަ މަހު އަޅުކަންތައް ގިނަކޮށް މި ހާލަތުން އަރައިގަތުމަށް ﷲގެ ހަޒްރަތުގައި ގިނަގިނައިން ދުއާ ދެންނެވުމަކީ ވެސް އެ ކުންފުނީގެ އިލްތިމާސްއެކެވެ.