އިންޑިއާގެ އުފެއްދުންތަކާއި ބައެއް ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި ދަރުބާރުގޭގައި ހާއްސަ ފެއާއެއް މިއަދު ފަށައިފި އެވެ.
ފެޑެރޭޝަން އޮފް އިންޑިއަން އެކްސްޕޯޓް އޯގަނައިޒޭޝަންސް (އެފްއައިއީއޯ) އާއި ދިވެހި އެކްސްޕޯ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އިންތިޒާމު ކުރާ ފެއާގައި 29 ކުންފުންޏަކުން 50 އަށްވުރެ ގިނަ ސްޓޯލް ބައިވެރިކުރި އެވެ. މިއިީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ފެއާއެކެވެ.
އެގޮތުން ފެއާގައި އިންޑިއާ އިން ލިބެން ހުންނަ ބައެއް ކާބޯތަކެއްޗާއި އަންނައުނާއި ގަހަނާ އާއި އެހެނިހެން ތަކެތި ވިއްކަން ވަނީ ބަހައްޓައިފަ އެވެ. އަދި އިލެކްޓްރޯނިކްސް ބައެއް ސާމާނާއި އަތްތެރި ބައެއް މަސައްކަތްތަކާއި އިމާރާތް ކުރުމާ ގުޅޭ ބައެއް ސާމާނުތައް ވެސް ލިބެން ހުރެ އެވެ.
މި ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ ރާއްޖެ އަށް ބަދަލުތައް އަންނަނީ ވަރަށް ހަލުވިމިނެއްގައި ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމް ދާއިރާ ބޮޑެތި ކުރިއެރުންތަކެއް އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ވިޔަފާރިވެރިން ރާއްޖޭގައި ވިޔަފާރި ފުޅާ ކުރެވޭނެ ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށާއި ވިޔަފާރިވެރިން އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ، އެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ބަޔަކު އެހީތެރިކަން ބޭނުންނަމަ އަޅުގަނޑު ކައިރި އަށް އަންނަންވީ. ދިވެހި ވިޔަފާރިވެރިން ވެސް ގަބޫލު ކުރަންވީ އަޅުގަނޑު އަބަދުވެސް ހުންނާނަމޭ އެއްވެސް ކަމެއް ބޭނުންވާނަމަ،" އަކިލޭޝް ވިދާޅުވި އެވެ.
އެފްއައިއީއޯ އިން ބުނި ގޮތުގައި މި ފެއާއަކީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. މިއީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ އިތުރު ބޮޅެއް ކަމަށް ވެސް އެފްއައިއީއޯ އިން ބުންޏެވެ.
ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ފެއާގައި އިންޑިއާގެ މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކާއި އިމްޕޯޓް ކުރާ ފަރާތްތަކާއި އިންވެސްޓްމަންޓް ދާއިރާ އާ ގުޅުން ހުރި 55 ޑެލިގޭޓުން ބައިވެރިވެ އެވެ. ރޯދަ މަހާ ދިމާކޮށް ބާއްވާ ފެއާގައި 120 ބާވަތެއް ލިބެން ހުންނާނެ ކަމަށް އެފްއައިއީއޯ އިން ބުންޏެވެ.