ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް ހަރަކާތް، އުރީދޫ ފަން ރަން 2026 ގެ ރަސްމީ ފިނިޝަ މެޑަލް އުރީދޫ މޯލްޑިވްސް އިން ދައްކާލައިފި އެވެ.
އުރީދޫން ބުނީ އެ މެޑަލްއިން ދައްކުވައިދެނީ އެ ހަރަކާތުގެ އުފާވެރި އަދި ފޯރިގަދަ ކަން ކަމަށެވެ. ފަން ރަންގެ އަސްލު ކަމަށްވާ އުފާވެރިކަމާއި ފޯރިއާއި ކާމިޔާބީގެ އިހުސާސް އެ މެޑަލް އިން ރަމްޒުކޮށްދޭ ކަމަށް އުރީދޫން ބުންޏެވެ.
ފަސް ކިލޯމީޓަރުގެ ދުވުން ފުރިހަމަކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި މެޑަލް އިން ދުވުމުގެ ތެރެއިން ހިއްސާކުރެވޭ ހިނިތުންވުންތަކާއި، ރަހުމަތްތެރިކަމާއި، ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ އުފާވެރި ވަގުތުކޮޅެއްގެ ހަނދާނީ ހަދިޔާއަކަށް ވާނެ ކަމަށް އުރީދޫން ބުންޏެވެ.
މި އަހަރުގެ މެޑަލް، ދުވުން ފުރިހަމަކުރާ ކޮންމެ ބައިވެރިޔަކަށްވެސް ލިބޭނެ އެވެ.
އުރީދޫ ފަން ރަންއަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނާއި އާއިލާތަކާއި، ރަހުމަތްތެރިންނާއި ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުކޮށްދޭ ހަރަކާތެކެވެ. އަދި މަޖަލާއި އުފާވެރިކަމުން ފުރިގެންވާ މާހައުލެއްގައި ހަރަކާތްތެރިވުމާއި، އުފާވެރިކަމާއި، އެއްބައިވަންތަކަން އެ ހަރަކާތުން ފެނިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ. ދުވުމުގެ ތެރޭގައި ހިމެނޭ ފޯރިގަދަ ކަލަ ސްޓޭޝަންތަކާއި، މުނިފޫހިފިލުވުމުގެ ކަންތައްތަކާއި، ތަފާތު ހަރަކާތްތަކާއެކު، ބައިވެރިންނަށް އެމީހަކު ބޭނުން ދުވެއްޔެއްގައި ދުވެފައި، ހިނގާފައި ނުވަތަ ނަށަމުންވެސް ދުވުން ނިންމާލެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
ކުރީގެ އަހަރުތަކުގައި ލިބުނު ބޮޑު ކާމިޔާބީގެ މައްޗަށް ބިނާކޮށް، އުރީދޫ ފަން ރަން 2026 ވެގެންދާނީ ބައިވެރިންނަށާއި މުޅި މުޖުތަމައަށްވެސް ހަނދާނުން ފޮހެލަން ދަތި ތަޖުރިބާއެއް ގެނެސްދޭނެ، ކުރިއަށްވުރެވެސް ކުލަގަދަ، ފޯރިގަދަ އަދި ޝައުގުވެރި ހަރަކާތަކަށް ވާނެ ކަމަށް އުރީދޫން ބުންޏެވެ.
އެ ދުވުމުގައި ރަޖިސްޓާވުން އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:59 އަކާ ހަމައަށް ކުރިއަށްދާނެ އެވެ.