ހިއްސާގެ ކަރުދާސް ސެޓްފިކެޓުތައް ގެންގުޅޭ ފަރާތްތަކުން، އެ ލިޔެކިޔުންތައް އޮންލައިންކޮށް، އިލެކްޓްރޯނިކް ހިއްސާއަށް ބަދަލު ކުރުމަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)އިން އިލްތިމާސްކޮށްފި އެވެ. 

އެމްއެސްޑީއިން ބުނީ، އެ ކުންފުނީގެ އޮންލައިން ޕްލެޓްފޯމް، އިންފިނިޓީ.އެމްވީ މެދުވެރިކޮށް އިލެކްޓްރޯނިކް ހިއްސާއަށް ބަދަލުކުރުމުން، ހިއްސާދާރުންނަށް އިންވެސްޓުމަންޓުތަކާ ގުޅޭ މައުލޫމާތާއި އަޕްޑޭޓުތައް ފަސޭހައިން ބެލޭނެ ކަމަށެވެ. 

އެމްއެސްޑީ ރެޖިސްޓްރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 37،770 ވަކިވަކި ހިއްސާދާރުން އަދިވެސް ކަރުދާސް ހިއްސާގެ ސެޓްފިކެޓްތައް ގެންގުޅެ އެވެ. މި އަދަދުން ސެޓްފިކެޓް ގެންގުޅޭ ފަރާތްތަކަށް، އެ ސެޓްފިކެޓްތައް އިލެކްޓްރޯނިކް ހިއްސާއަށް ބަދަލުކޮށް އޮންލައިންކޮށް ވާސިލުވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މުހިންމުކަން ހާމަވާ ކަމަށް އެމްއެސްޑީން ބުންޏެވެ.

އެމްއެސްޑީން ބުނީ ގިނަ އިންވެސްޓަރުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ހިއްސާގެ ސެޓްފިކެޓަކީ އެތައް އަހަރެއްވީ ހިއްސާ ރަމްޒުކޮށްދޭ، މުހިންމު ލިޔެކިޔުމެއް ކަމަށެވެ. މި ލިޔެކިޔުން އެންމެ ރައްކާތެރި ވާނީ އޮންލައިންކުރުން ކަމަށާއި ދުވަސްވީ ހިއްސާ ވެސް އޮންލައިންކުރަން އެ ކުންފުނިން ބާރު އަޅަ އެވެ. 

އެމްއެސްއީ އަދި އެމްއެސްޑީއިން ކަސްޓަމާކެއާގެ ހިދުމަތް ދެނީ. - ފޮޓޯ: އެމްއެސްއީ
އެމްއެސްއީ އަދި އެމްއެސްޑީއިން ކަސްޓަމާކެއާގެ ހިދުމަތް ދެނީ. - ފޮޓޯ: އެމްއެސްއީ

އެމްއެސްޑީއިން ބުނީ އުމުރުން ދުވަސްވީ މީހުންނާއި، ގިނަ ދުވަސް ވަންދެން ހިއްސާގެ ސެޓްފިކެޓުތައް ރައްކާކޮށްފައި ހުރި ފަރާތްތަކުން އިލެކްޓްރޯނިކް ހިއްސާއަށް ބަދަލުކުރަން އެ ކުންފުނިން ބާރު އަޅާ ކަމަށެވެ. އެއީ ކަރުދާސް ސެޓްފިކެޓްތައް ގެއްލުމާއި، ހަލާކުވުމާއި، ނުވަތަ އާއިލާގެ މެންބަރުންނަށް އެ ތަކެތި ހޯދަން ދަތިވުން ފަދަ ކަމެއް ދިމާވެދާނެތީ ކަމަށް ބުންޏެވެ.

އެމްއެސްޑީން ބުނީ އިލެކްޓްރޯނިކް ހިއްސާއަށް ބަދަލުވުމުން މިފަދަ ލިޔުންތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، މިލްކުވެރިކަމުގެ ރެކޯޑުތަކާއި، އައިޑެންޓިފިކޭޝަން މައުލޫމާތާއި ގުޅޭނެ ނަންބަރުތައް އަޕްޑޭޓުކޮށް ކަށަވަރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އޮންލައިން ނިޒާމެއްގެ ތެރެއިން ސައްހަ، ފަސޭހައިން ލިބެންހުންނަ ރެކޯޑުތަކުގެ ސަބަބުން ކުރިމަގުގައި ހިއްސާތަކާ ގުޅޭ ކަންކަން ނިންމުމަށް އާއިލާތަކަށް ފަސޭހަވެގެންދާނެކަން އެކުންފުނިން ފާހަގަކުރެ އެވެ. އަދި ވާރުތަ މުދަލުގެ ގޮތުގައި ދިނުމާއި ހިއްސާ ބަދަލުކުރުމުގައި ގާނޫނީ ލިޔެކިޔުންތަކާއި އިޖުރާއާތުތައް ފުރިހަމަކުރަން ޖެހޭނެ ކަން ވެސް އެކުންފުނިން ފާހަގަކުރެ އެވެ.

އިލެކްޓްރޯނިކް ހިއްސާއަށް ބަދަލުކުރަން އެހީތެރިކަން ބޭނުންވާ ހިއްސާދާރުންނަށް އެމްއެސްޑީއާ އެކު އެޕޮއިންޓްމަންޓު ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެމްއެސްޑީން ބުނީ މައުލޫމާތު ސާފުކުރުމާއި ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އިތުބާރު ހިފޭ އާއިލާގެ މެންބަރަކަށް އެހީތެރިވެވިދާނެ ކަމަށެވެ. ނަމަވެސް، އެކައުންޓުގެ ކޮންޓްރޯލް އޮންނަންވާނީ ހިއްސާދާރުގެ އަތުގައި ކަމަށްވާއިރު، ޕާސްވޯޑާއި ވެރިފިކޭޝަން ކޯޑު އެހެން ފަރާތަކާ ހިއްސާ ނުކުރުމަށް އެ ކުންފުނިން ބާރު އަޅަ އެވެ.

ހިއްސާގެ ކަރުދާސް ސެޓްފިކެޓް ހުރި ފަރާތްތަކާއި މިހާރުވެސް އިލެކްޓްރޯނިކް ހިއްސާ ހުރި ފަރާތްތަކަށް އިންފިނިޓީ.އެމްވީ އަށް ރަޖިސްޓްރީ ކޮށް، ސައިން އިން ކުރެވޭނެ އެވެ.

މި ޕްލެޓްފޯމަށް ރަޖިސްޓްރީ ކުރުމަށް އީފާސް މެދުވެރިކޮށް އައިޑެންޓިޓީ ކަށަވަރުކުރެވޭނެ އެވެ. އިންފިނިޓީ މެދުވެރިކޮށް، ހިއްސާދާރުންނަށް ހިއްސާތައް ބަލައި، ސްޓޭޓްމަންޓްތައް ހޯދޭނެ އެވެ.

ހިއްސާދާރުންނަށް އެ ފަރާތްތަކުގެ މިލްކިއްޔާތުގައި ހުރީ ކޮން ހިއްސާތަކެއްކަން ޔަގީންނުވާ ނަމަ ނުވަތަ ފެންނަންޖެހޭ ހިއްސާއެއް ނުފެންނަ ނަމަ، ނުވަތަ ރެކޯޑުތައް ދެނެގަތުމަށް އެހީތެރިކަން ބޭނުންވާ ނަމަ، އެމްއެސްޑީ ވެބްސައިޓް މެދުވެރިކޮށް އެމްއެސްޑީގެ އެހީ ހޯދޭނެ އެވެ. އެމްއެސްޑީ އަށް މައްސަލަ ހުށަހެޅުމުން ކަމާބެހޭ ރެކޯޑުތައް ބަލައި، ދެން އަޅަންޖެހޭ ފިޔަވަޅުތައް ކިޔައިދޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެމްއެސްޑީން ހިއްސާގެ ރެޖިސްޓްރާގެ ހިދުމަތް ދެމުން އަންނަ ލިސްޓެޑް ކުންފުނިތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕީއެލްސީ (އެމްޓީސީސީ)، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕީއެލްސީ (އެމް.ޓީޑީސީ)، އުރީދޫ މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، އަމާނާ ތަކާފުލް އަދި ދިރާގު ހިމެނެ އެވެ. 

އޮންލައިން ހިއްސާތަކަށް، ހިއްސާގެ ކަރުދާސް ސެޓިފިކެޓުތައް ބަދަލުމުރުމަށް އެހީތެރިވެދިނުމަށް ލިސްޓެޑް ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެމްއެސްޑީން ވަނީ ރާވައިފަ އެވެ. 

އެމްއެސްޑީގެ ސީއީއޯ ނޫރުބާން ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ސްޓްރެޓީޖިކް މިސްރާބަކީ ލިސްޓެޑް ސެކިއުރިޓީޒްތައް އެއްކޮށް އިލެކްޓްރޯނިކް ހިއްސާއަށް ބަދަލުކުރުން ކަމަށެވެ. އަދި އެމްއެސްޑީގެ ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ގާބިލުކަން އިތުރުކުރުމަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް ޒަމާނީ ކުރުމުގެ މައިގަނޑު އަސާސްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"މީގެ ސަބަބުން އިންވެސްޓަރުންގެ ހިއްސާތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނެ. އަދި އިންވެސްޓްމަންޓްތަކަށް ޑިޖިޓަލްކޮށް ވާސިލުވުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" ނޫރުބާން ވިދާޅުވި އެވެ. 

ކަރުދާސް ހިއްސާގެ ސެޓްފިކެޓެއް އިލެކްޓްރޯނިކް ހިއްސާއަކަށް ބަދަލުކުރުމަކީ "ޑިމެޓީރިއަލައިޒޭޝަން" އެވެ. މި ބަދަލު ގެނައުމަށް ބަލަންޖެހޭ ބެލުންތައް ނިމުމުން، މި ހިއްސާތައް ޑިޕޮސިޓަރީ އެކައުންޓެއްގައި ރެކޯޑުކުރެވޭނެ އެވެ. އަދި ހަމައެކަނި ކަރުދާސް ސެޓްފިކެޓަކަށް ބަރޯސާވާންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ އެވެ.

މިއީ ބޭންކު އެކައުންޓެއްގެ ރެކޯޑު ބެލެހެއްޓޭ ގޮތާ އެއްގޮތް ކަމެކެވެ. ކޮންމެ މުއާމަލާތަކަށް ވަކި ކަރުދާސް ލިޔުމެއް ބޭނުންވުމެއް ނެތި ރަސްމީ ރެކޯޑުތަކަށް ހިއްސާދާރުންނަށް ވާސިލުވެވޭނެ އެވެ.

އިލެކްޓްރޯނިކް ހިއްސާގެ މިލްކުވެރިކަމުގެ ރެކޯޑު ބަލަހައްޓާނީ ޑިޕޮސިޓަރީންނެވެ. ނަމަވެސް، ހިއްސާއަކީ އަދިވެސް ކުންފުނިތަކުގައި ކުރެވޭ އިންވެސްޓްމަންޓަކަށް ވާތީ، އޭގެ އަގު މައްޗަށް ދިއުމާއި ދަށަށް ދިއުން އެކަށީގެންވާ ކަމަށް އެމްއެސްޑީން ބުންޏެވެ.

އެމްއެސްޑީއިން ބުނީ ހިއްސާދާރުންގެ މިލްކުވެރިކަން މިހާރުވެސް ވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ރެކޯޑުކުރެވިފައި ކަމަށެވެ. އެހެންވެ، ޑިމެޓީރިއަލައިޒޭޝަންގެ ސަބަބުން ވަނީ ކަރުދާސް ސެޓްފިކެޓުގައިވާ ހިއްސާތައް އިލެކްޓްރޯނިކް ޑިޕޮސިޓަރީ ނިޒާމަށް ބަދަލުކުރިޔަސް ހިއްސާދާރުންގެ މިލްކިއްޔާތުގައިވާ ހިއްސާގެ އަދަދަކަށް ބަދަލު ނާންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޮންލައިންކޮށް ރަޖިސްޓްރީ ވުމަކުން ކަރުދާސް ސެޓްފިކެޓްތައް އޮޓޮމެޓިކުން އިލެކްޓްރޯނިކް ހިއްސާއަކަށް ބަދަލެއް ނުވާނެ އެވެ. ޑިމެޓީރިއަލައިޒޭޝަން މަރުހަލާ އަކީ ވަކިން ކުރިއަށްދާ މަރުހަލާއެކެވެ. އެ މަރުހަލާގައި ސެޓްފިކެޓް އޮތް ފަރާތްތަކަށް، ބޭނުންވާ ލިޔެކިޔުންތަކާއި، ބަލަންޖެހޭ ބެލުންތަކާއި، އަދި ދައްކަންޖެހޭ އެއްވެސް ފީއެއް ވާނަމަ އެކަންކަން ސާފުކޮށްދީ ހެދުމުގެ މަސައްކަތް އެމްއެސްޑީއިން ކުރާނެ އެވެ.   

އެމްއެސްޑީން ބުނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ލިސްޓެޑް ހިއްސާ ގަންނަން ނުވަތަ ވިއްކަން ބޭނުންވާ ހިއްސާދާރުންނަށް ވެސް އެމް.އެސްޑީ އާ ގުޅޭނެ ކަމަށެވެ. އެކުންފުނިން ޑިޕޮސިޓަރީގެ ގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއި، ބްރޯކަރަކާ ގުޅޭނެ ގޮތް ހަމަޖައްސައި ދޭނެ ކަމަށް އެކުންފުނިން ބުންޏެވެ. ހިއްސާ ވިއްކުމުގެ މުއާމަލާތެއް ކުރިއަށް ގެންދެވޭނީ ގަންނާނެ ފަރާތެއް ލިބުމުންކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

އިލެކްޓްރޯނިކް ހިއްސާއަށް ބަދަލުކުރުމަށް ބޭނުންވާ އިތުރު މައުލޫމާތާއި އެޕޮއިންޓްމަންޓު ހޯދުމުގެ ހިދުމަތް އެކުންފުނީގެ ވެބްސައިޓާއި 3307878 އިން ލިބޭނެ އެވެ.